`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Tue, 20 Aug 2019 10:12:58 +0500

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > ރަށްރަށުގެ ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާޢިދު
ތަޢާރުފާއި ނަން 1. (ހ) މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ހ) ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާ އެކު ހެދުމަށް ލާޒިމްކޮށްފައިވާ ރަށްރަށުގެ ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދެވެ. މިޤަވާޢިދުގެ ދަށުން ކައުންސިލް ތަކުން ބަލަހައްޓާނީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަޅުފުންކޮށް ތޮށިލައި ހެދިފައިވާ އެންމެހާ ބަނދަރު ތަކެވެ.
(ށ) މިޤަވާއިދަށް ކިޔާނީ "ރަށްރަށުގެ ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚު 2. (ހ) މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މިޤަވާޢިދަށް ޢަމަލު ކުރަންފެށުމާއެކު ބަނދަރު ނިސްބަތްވާ ކައުންސިލަކުން އެބަނދަރެއްގެ ސަރަޙައްދާއި ބަނދަރާއިގުޅޭ ފަޅުގެ ސަރަޙައްދު ކަނޑައަޅައި ޢާއްމުކޮށް އިޢުލާން ކުރަންވާނެއެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން 3. މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމަށްފަހު މިޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
އިސްތިސްނާތައް 4. މިޤަވާޢިދުގެ ދަށުން މާލޭގެ ވިޔާފާރި ބަނދަރާއި މާލޭގެ ފަޅުތެރެއާއި، ދިވެހިރާއްޖޭގެ ސަރަޙައްދީ އެންމެހާ ބަނދަރުތައް އިސްތިސްނާވެގެންވެއެވެ.
ބަނދަރު ބެލެހެއްޓުން 5. (ހ) ރާއްޖޭގެ އެންމެހާ ރަށްތަކުގައިވާ ބަނދަރުތައް ބެލެހެއްޓުމަކީ އެރަށެއްގެ ނުވަތަ އެބަނދަރެއް ނިސްބަތްވާ ދާއިރާއެއްގެ ކައުންސިލުގެ ޒިންމާއެކެވެ. އަދި ބަނދަރުތަކަށް ލަފާފުރާ އުޅަނދުތައް ބަނދަރު ބޭނުންކުރަންވާނީ މިޤަވާޢިދާ އެއްގޮތަށެވެ.
(ށ) ކައުންސިލުގެ ފަރާތުން ބަނދަރު ބެލެހެއްޓުމަށާއި މިޤަވާޢިދުގެ ދަށުން ނަގަން ޖެހޭ ފީ ނެގުމަށްޓަކައި އެކަމަށް މީހަކު ނުވަތަ ބަޔަކު ޚާއްޞަ ކުރެވިދާނެއެވެ.
(ނ) ބަނދަރުގައި މަސްދޯނިފަހަރު އެޅުމަށާއި މުދާ ބޭލުމަށާއި އެހެނިހެން އުޅަނދުތައް އެޅުމަށް ސަރަޙައްދުތައް ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
ބަނދަރުގައި މުދާ ބޭލުމާއި މުދާ ބަރުކުރުން 6. (ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު ބަރުކުރުމަށާއި މުދާ ބޭލުމަށް ބަނދަރުގައި ތޮށިގަނޑުގެ ދިގަށް ތޮށިގަނޑާ ކައިރިކޮށްފައި ބާއްވަން ވާނީ ކައުންސިލުގެ ހުއްދަ ހޯދައިގެންނެވެ.
(ށ) މިނަންބަރުގެ (ހ) ގެ ދަށުން ފީ ނުދައްކައި މުދާ ބޭލުމަށް އުޅަނދު ބޭއްވޭނީ ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރަށެވެ. އެއަށްވުރެ އިތުރުވާ ކޮންމެ 24 (ސައުވީސް) ގަޑި އިރަކަށް -/200 (ދުއިސައްތަ) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑި އިރުން ފުރިހަ ނުވެ ގަޑިތަކެއް ހުރިނަމަވެސް 24 (ސައުވީސް) ގަޑިއިރުގެ ފީ ދައްކަން ވާނެއެވެ.
(ނ) މުދާ ބަރުކުރުމަށްފަހު ނުވަތަ މުދާ ބޭލުމަށްފަހު އެއުޅަނދެއް ތޮށިގަނޑު ކައިރީގައި ބާއްވާނަމަ، ބާއްވަންވާނީ ތޮށިގަނޑުގެ ހުރަހަށެވެ.
ބަނދަރު ސާފުކުރުން 7. (ހ) ޢާއްމުކޮށް ބަނދަރާއި ބަނދަރު ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމަކީ ކައުންސިލްގެ މަސްއޫލިއްޔަތެކެވެ.
(ށ) މުދާއަރުވާ ބޭލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހެދި އެއްގަމު ސަރަޙައްދަށް އެޅޭ ތެލާއި ކުނިފަދަތަކެތި އެމަސައްކަތް ނިމުމާއެކު އެމަސައްކަތްކުރި ނުވަތަ އެމަސައްކަތް ކުރުވި ފަރާތަކުން ސާފުކުރަންވާނެއެވެ.
(ނ) މިނަންބަރުގެ (ށ) އާ ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތައް ކަމުގެ ކުޑަބޮޑުމިނަށް ބަލައި -/250 (ދުއިސައްތަ ފަންސާސް) ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކައުންސިލްއަށް ލިބިގެންވެއެވެ.
ބަނދަރަށް ލިބޭ ގެއްލުން މަރާމާތު ކުރުން 8. (ހ) އެއްވެސް އުޅަނދެއް ތޮށިގަނޑުގައި ޖެހި ނުވަތަ މުދާބާލާ އެރުވުމުގެ ތެރޭގައި، ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ، ތޮށިގަނޑަށް ގެއްލުން ވެއްޖެނަމަ، އެވީ ގެއްލުމެއް ބަލައި އެއުޅަނދެއްގެ ވެރިފަރާތް ނުވަތަ އެއުޅަނދަކާއި ޙަވާލުވެފައިވާ ފަރާތަކާއި އެބަނދަރެއް ބެލެހެއްޓުމާއި ޙަވާލުވެފައިވާ ކައުންސިލަކާއި އެއްބަސްވާ ގޮތެއްގެ މަތީން އެއުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެއުޅަނދާއި ޙަވާލުވެފައިވާ ފަރާތުން ޚަރަދުކޮށްގެން ތޮށިގަނޑު މަރާމާތު ކުރަންވާނެއެވެ.
(ށ) މިނަންބަރުގެ (ހ)ގައިވާފަދަ މައްސަލައެއް ދިމާވެ، އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދާއި ޙަވާލުވެގެން ހުރި ފަރާތާއި ދެމެދު ވަކިގޮތަކަށް އެއްބަސް ނުވެވޭ މައްސަލަތައް ޙައްލުކުރާނީ ޝަރީޢަތް މެދުވެރި ކޮށްގެންނެވެ.
ބަނދަރަށް ލިބޭ ގެއްލުން މަރާމާތު ނުކުރުން 9. މިޤަވާޢިދުގެ 8 ވަނަ ނަންބަރުގެ (ހ) ގައިވާ ގޮތުގެ މަތިން ދެފަރާތުން އެއްބަސްވެވިފައިވާ ގޮތަށް އުޅަނދުގެ ވެރި ފަރާތުން ނުވަތަ އުޅަނދާ ޙަވާލުވެފައިވާ ފަރާތުން ތޮށިގަނޑު މަރާމާތުކޮށް ނުދީފި ނަމަ، ޢަމަލު ކުރާނީ ތިރީގައި ބަޔާން ކުރެވިފައިވާ ގޮތުން ކުރެ ގޮތަކަށެވެ.
(ހ) ޝަރުޢީ ކޯޓެއް މެދުވެރިކޮށް ނުވަތަ މީޑިއޭޝަން މެދުވެރިކޮށް މައްސަލަ ޙައްލު ކުރުން.
(ށ) އެއުޅަނދުގެ ސަބަބުން ބަނދަރުން ހަލާކުވިތަން އެއުޅަނދުން މަރާމާތު ކުރަންދެން އެއުޅަނދަށް އެބަނދަރުން ޚިދުމަތް ނުލިބޭ ގޮތަށް ކަނޑައަޅައި ތަންފީޒީ އިދާރާތައް މެދުވެރިކޮށް އެކަން ތަންފިޛް ކުރުން.
(ނ) މިނަންބަރުގެ (ހ)ގައިވާ ގޮތަށް ޢަމަލު ކުރުމާއެކު ބަނދަރަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށްދާ ޚަރަދު ހޯދުމަށް އެފަރާތަކާއި މެދު ދަޢުވާކުރުން.
މައްސަލަ ޙައްލު ކުރުމަށް ހިނގާ ޚަރަދު 10. މިޤަވާޢިދު 8 ވަނަ ނަންބަރުގައިވާ ގޮތަށް ދެފަރާތުން ވާހަކަ ދައްކާ މައްސަލަ ޙައްލުނުވުމުގެ ސަބަބުން ކައުންސިލްގެ ފަރާތުން ކޯޓަށްދާން މެދުވެރިވެއްޖެނަމަ، ނުވަތަ މީޑިއޭޓަރއެއް މެދުވެރިކުރަން ޖެހިއްޖެނަމަ، އެކަމަށް ހިނގާ ޚަރަދު އެއުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެއުޅަނދާ ޙަވާލުވެހުރި ފަރާތަކުން ދޭންވާނެއެވެ.
އެއްގަމަށް ވާއެޅުމާއި ލޮތާރި އެޅުން 11. (ހ) އުޅަނދުތަކުގެ ވާއައްސަންވާނި ކައުންސިލްގެ ފަރާތުން ބަނދަރުގައި ވާއެޅުމަށް، ނުވަތަ އެއްސުމަށް ކަނޑައަޅާފައިވާ އެއްޗެއްގަ، ނުވަތަ ތަނެއްގައެވެ.
(ށ) އެއްވެސް އުޅަނދަކުން އެއްގަމަށް ލޮތާރި އަޅައިގެން ނުވާނެއެވެ.
ބަނދަރު ވަކިފަރާތަކަށް ޚާއްޞަވުން 12. (ހ) ބަނދަރަކީ ޢާއްމުކޮށް ހުރިހާ ފަރާތަކަށް ހުޅުވާލެވިގެންދެވޭ ޚިދުމަތަކަށްވުމުން އެއްވެސް އުޅަނދަކަށް ބަނދަރުގެ މުދާބޭލުމަށް ކައުންސިލްގެ ފަރާތުން ކަނޑައަޅާފައިވާ ސަރަޙައްދުގައި ވަކިދިމާއެއް ވަކި އުޅަނދަކަށް ޚާއްޞަކުރެވިފައި ނުބޭއްވޭނެއެވެ.
(ށ) މިނަންބަރުގެ (ހ) އެހެން އޮތްނަމަވެސް، ކޮންމެ ބަނދަރެއްގައިވެސް ބަނދަރުގެ ޖާގައޮތް މިންވަރަކަށް ރިޢާޔަތްކޮށް ކައުންސިލްގެ ފަރާތުން ފީ ނަގާގޮތަށް ބަނދަރުގެ ވަކި ސަރަޙައްދެއްގައި ބޭއްވުމަށް ވަގުތީ ހުއްދައާއި ދާއިމީ ހުއްދައާއި ފައްތިޔާ ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ.
ފަޅުތެރޭގައި ވާއެޅުން 13. (ހ) ފަޅުތެރޭގައި ވާއެޅުމާއި ލޮތާރިއެޅުންފަދަ ކަންތައްތައް ކުރަންވާނީ ކައުންސިލުން ކަނޑައަޅާ ވާއެޅުމާއި ލޮތާރިއެޅުމަށް ކައުންސިލުން ކަނޑައަޅާ ޢާއްމު އުޞޫލާ އެއްގޮތަށެވެ.
(ށ) މިނަންބަރުގެ (ހ) ގައިވާފަދަ ޢަމަލެއް ކުރިފަރާތެއް -/500 (ފަސްސަތޭކަ) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު އެބަނދަރެއް ނިސްބަތްވާ ކައުންސިލަކަށް ލިބިގެންވެއެވެ.
ފާލަން ސަރަޙައްދު 14. (ހ) ފާލަމުގެ ދެފަރާތުގައި އިންޖަހާފައިވާ ސަރަޙައްދުގައި އެއްވެސް އުޅަނދެއް އަޅާފައި ބާއްވައިގެން ނުވާނެއެވެ.
(ށ) މިނަންބަރުގެ (ހ) ގައިވާފަދަ ޢަމަލެއް ކުރިފަރާތެއް -/500 (ފަސްސަތޭކަ) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު އެބަނދަރެއް ނިސްބަތްވާ ކައުންސިލަކަށް ލިބިގެންވެއެވެ.
ޚާއްޞަ ޙާލަތެއްގައި އުޅަނދު އަޅާފައިވާ ސަރަޙައްދުން ނެގުން 15. (ހ) ޚާއްޞަ ޙާލަތެއް މެދުވެރިވެގެން އެބަނދަރެއް ނިސްބަތްވާ ކައުންސިލެއްގެ ފަރާތުން، އުޅަނދެއް އޮތްތަނުން ނަގަން އެންގުމަށް ބޭނުންވެއްޖެނަމަ، އެއެންގުމެއް އަންގަންވާނީ އެއުޅަނދެއް ނަގަންޖެހޭ ޚާއްޞަ ޙާލަތް ބަޔާންކޮށް ލިއުމަކުންނެވެ.
(ށ) މިނަބަރުގެ (ހ) ގައި ބުނެފައިވާ އެންގުން އެއުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު ޙަވާލުވެގެން ހުރިފަރާތަކާއި ޙަވާލު ކުރުމުން ނުވަތަ އެއުޅަނދުގެ ފަޅުވެރިޔަކާ ޙަވާލު ކުރުމުން ނުވަތަ، އެ އުޅަނދުގައި އެލިއުން ޢާއްމުކޮށް ފެންނަގޮތަށް ހަރުކުރުމުން އެއުޅަނދު ނެގުމަށް އެންގުނީކަމުގައި ބަލަންވާނެއެވެ.
(ނ) މިނަންބަރުގެ (ހ) ގައިވާގޮތަށް އަންގާ އެންގުންތަކާ ޚިލާފުވާފަރާތްތައް -/500 (ފަސްސަތޭކަ) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު އެބަނދަރެއް ނިސްބަތްވާ ކައުންސިލަކަށް ލިބިގެންވެއެވެ.
އިންޖީނަށް ގެއްލުން ލިބުންފަދަ ދަތުރު ނުކުރެވޭ ޙާލަތް މެދުވެރިވާ އުޅަނދު 16. އިންޖީނަށް ގެއްލުން ލިބުންފަދަ ކަންކަމުގައި ދަތުރު ނުކުރެވޭ ގޮތް ދިމާވެފައިވާ އުޅަނދުފަހަރުވެސް ތޮށިގަނޑުކައިރީގައި ތޮށިގަނޑު ދިގަށް ބޭއްވޭނީ ކައުންސިލުގެ ހުއްދައާއެކު، ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑި އިރުވަންދެނެވެ. އެއަށްވުރެ އިތުރުވާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް -/100 (ސަތޭކަ) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑިއިރު ފުރިހަމަ ނުވެ އޮންނަ ބަޔަށް ފީނެގޭނީ 24 (ސައުވީސް) ގަޑިއިރަށެވެ.
ބަނދަރާއި ބަނދަރު ސަރަޙައްދަށް ކުނިއެޅުން 17. (ހ) އެއްވެސް އުޅަނދަކުން ނުވަތަ އެއްވެސް ފަރާތަކުން ފަޅުތެރެއަށާއި ބަނދަރާއި ބަނދަރު ސަރަޙައްދަށް ކުނިފަދަތަކެތި އެޅުމާއި ޑަސްބިން ދޮވުމާއި، މަހުގެ އުކާލާބައިތަކާއި ކަރުގޮހޮރުފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ. އަދި ބަނދަރާއި ބަނދަރު ސަރަޙައްދަށް ޤަޟާހާޖާ ކުރުމަކީވެސް މަނާކަމެކެވެ.
(ށ) މިނަންބަރުގެ (ހ) އާ ޚިލާފުވާފަރާތްތައް -/150 (ސަތޭކަ ފަންސާސް) ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު އެބަނދަރެއް ނިސްބަތްވާ ކައުންސިލަކަށް ލިބިގެންވެއެވެ.
ބަނދަރުގެ ސަރަޙައްދުގައި މަސްކެނޑުން 18. (ހ) ބަނދަރު ސަރަޙައްދުގައި މަސްކެނޑުމަކީ އެކަމުގެ ސަބަބުބަން ބަނދަރުގެ ސާފުޠާހިރުކަން ގެއްލިގެންދާނެކަމަކަށްވުމާއި، ބަނދަރު ބޭނުންކުރާފަރާތްތަކަށް އެކަމުގެ ސަބަބުން ދަތިވާނެކަމަކަށްވީހިނދު، އެސަރަޙައްދުގައި ނުވަތަ ތޮށިގަނޑުގެ މަތީގައި މަސްކެނޑުމަކީ މަނާކަމެކެވެ.
(ށ) މިނަންބަރުގެ (ހ) ގައިބަޔާންކުރެވިފައިވާ ގޮތާ ޚިލާފުވާ ފަރާތްތައް ކަމުގެ ކުޑަބޮޑުމިނަށް ބަލައި، -/100 (ސަތޭކަ)ރުފިޔާއާއި -/2000 (ދެހާސް) ރުފިޔާއާދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު އެބަނދަރެއް ނިސްބަތްވާ ކައުންސިލަކަށް ލިބިގެންވެއެވެ.
ބަނދަރު ސަރަޙައްދުގައި އެންކޮށްޓާއި ދިރޭމަސް ގެންގުޅުން 19. (ހ) ބަނދަރާއި ބަނދަރު ސަރަޙައްދުގެ ފަޅުތެރޭގައި އެންކޮށްޓާއި ދިރޭމަސް ކޮށީގައި ބަހައްޓައިގެން ގެންގުޅުމަކީ މަނާކަމެކެވެ.
(ށ) މިނަންބަރުގެ (ހ) ގައި ބަޔާންކުރެވިފައިވާ ފަދަ ޢަމަލެއް ހިންގި ފަރާތެއް ކޮށްފައިވާ ކަންތަކުގެ ކުޑަބޮޑުމިނަށް ބަލައި -/100 (ސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު އެބަނދަރެއް ނިސްބަތްވާ ކައުންސިލަކަށް ލިބިގެންވެއެވެ.
ބަނދަރު ސަރަޙައްދު ފަޅުތެރެއަށް ފެތޭ އުޅަނދު 20. (ހ) ބަނދަރު ސަރަޙައްދަށް އުޅަނދެއް ފެތިއްޖެނަމަ، ނުވަތަ އަޑިއަށް ގޮސްފިނަމަ، އެއުޅަނދެއް ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރު ތެރޭގައި ނަގަންވާނެއެވެ. އަދި އުޅަނދެއް ބަނދަރު ސަރަޙައްދަށް ފެތިފައި ނުވަތަ އަޑިއަށްގޮސްފައި އޮވެ، 5 (ފަހެއް) ދުވަހަށްވުރެ އިތުރުވެއްޖެނަމަ، އެއުޅަނދެއް ނެގުމަށް ކައުންސިލްގެ ފަރާތުން ޢައްޔަންކުރާ ފަރާތަކުން އެއުޅަނދެއްގެ ވެރިފަރާތަކަށް އަންގަންވާނެއެވެ. އަދި އުޅަނދުގެ ވެރިފަރާތް ނޭގޭ އުޅަނދުތައް ވެރިފަރާތް ހޯދުމަށްޓަކައި ޢާއްމުކޮށް އިޢުލާން ކުރަންވާނެވެ.
(ށ) މިނަންބަރު (ހ)ގައި ވާ ގޮތަށް އަންގާތާ ނުވަތަ އިޢުލާން ކުރާތާ 10 (ދިހައެއް) ދުވަސްތެރޭގައި އެއުޅަނދެއް އޮތް ސަރަޙައްދުން ނުނަގައިފިނަމަ، އެއުޅަނދެއް ބަނދަރު ސަރަޙައްދުން ނަގާ ކައުންސިލުން ކަނޑައަޅާ ތަނަކަށް ގެންދަންވާނެއެވެ. މިގޮތަށް ގެންދާ ގެންދިއުމުގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލްގެ ފަރާތުން ޒިންމާވާކަށް ނުޖެހޭނެއެވެ.
(ނ) މިނަންބަރުގެ (ށ)ގައިވާ އުޞޫލުން ނެގޭ އުޅަނދުތައް ނެގުމަށާއި އުޅަނދުގެ ވެރިފަރާތް ހޯދުމަށް އިޢުލާންކުރުމަށާއި އުޅަނދު އެސަރަޙައްދުން ނެގުމަށް ދިޔަ ޚަރަދާއި، އެއުޅަނދެއް އިތުރު އެއްވެސް ފީއެއް ދަންކަންޖެހި ނުދައްކައިވާނަމަ، އަދި ޖޫރިމަނާއެއް ކުރެވިފައިވާނަމަ، އެފައިސާތައް ދައްކާ ޚަލާޞްކޮށް އެއުޅަނދާބެހޭ ރަސްމީ ލިއުންތައް ހުށަހެޅުމުން، އެއުޅަނދެއް އުޅަނދުގެ ވެރިފަރާތާއި ޙަވާލުކުރަންވާނެއެވެ.
(ރ) އުޅަނދު ނަގާތާ 15 (ފަނަރަ) ދުވަސްވުމުން ދެން އުޅަނދު ދޫކުރެވޭނީ މިނަންބަރުގެ (ނ)ގައިވާ ފީއާއި ޖޫރިމަނާގެ އިތުރުން އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް -/50 (ފަންސާސް) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ފަހުގައެވެ. އަދި މިގޮތުން ނެގޭ އުޅަނދެއް ނުގެންގޮސް 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށްވުރެ އިތުރުވެއްޖެނަމަ، އެއުޅަނދެއް ނައްތާލުމުގެ ބާރު ނުވަތަ ނީލަމުގައި ވިއްކާލުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މިގޮތަށް ކަންތައް ކުރާނީ ޢާއްމުކޮށް އިޢުލާން ކުރުމަށް ފަހުގައެވެ.
(ބ) މިނަންބަރުގެ (ރ)ގެ ދަށުން ނައްތާލެވޭ އުޅަނދުތަކަށް އަރާފައިވާ ޖޫރިމަނާއާއި ފީތައް ހޯދުމަށް އެއުޅަނދުވެރިފަރާތާމެދު ދަޢުވާކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
މިޤަވާޢިދުގެ ދަށުން ފަޅުތެރެއިން ނެގޭ އުޅަނދުތައް ނެގުމުގައި ޢަމަލު ކުރާނެ ގޮތް 21. މިޤަވާޢިދުގެ ދަށުން ބަނދަރު ސަރަޙައްދުން ނަގާ އުޅަނދުތައް ނެގުމުގެ ކުރިން ތިރީގައިވާ ގޮތަށް ޢަމަލު ކުރަންވާނެއެވެ.
(ހ) އުޅަނދު އޮތްތަނުން ނެގުމުގެ ކުރިން ފޮޓޯ ނުވަތަ ވީޑިއޯ ކުރަންވާނެއެވެ.
(ށ) އުޅަނދު ނެގުމުގެ ކުރިން އުޅަނދު އޮތް ޙާލަތް ބަޔާންކުރާ ރިޕޯރޓެއް ތައްޔާރު ކޮށް ރިޕޯރޓް ތައްޔާރު ކުރިފަރާތާއި އެރިޕޯރޓުގެ ކަންތައްތައް ދެކުނު އިތުރު ދެމީހަކު ރިޕޯރޓުގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.
ބަނދަރު ސަރަޙައްދަށް މޫދަށް އެރި އުޅުން 22. (ހ) ބަނދަރު ސަރަޙައްދުގެ ފަޅުތެރެއަށް ޢާއްމުކޮށް މޫދަށްއެރި އުޅުމަކީ މަނާކަމެކެވެ.
(ށ) މިނަންބަރުގެ (ހ) އާއި ޚިލާފުވާ ފަރާތްތައް -/10 (ދިހައެއް) ރުފިޔާއާއި -/100 (ސަތޭކަ) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
ފަޅުތެރޭގައި އުޅަނދު ދުއްވަން ޖެހޭ ސްޕީޑް 23. (ހ) ބަނދަރު ސަރަޙައްދުގެ ފަޅުތެރޭގައި އުޅަނދު ދުއްވަންވާނީ ދިމާވެދާނެ ނުރައްކާތެރި ޙާދިސާއަކަށް އެންމެ އެކަށީގެންވާ މިންވަރަށް ރައްކާތެރިވެ، ކައުންސިލުން ކަނޑައަޅާ ފައިވާ މިންވަރަށް ދުވެލި މަޑުކޮށްގެންނެވެ.
(ށ) ބަނދަރު ސަރަޙައްދުތެރޭގައި އުޅަނދުފަހަރު ދުއްވޭނެ އެންމެ ބާރު ދުވެލި ކަނޑައަޅައި އެމިންގަޑު ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
ބަނދަރު ސަރަޙައްދުގައި އޮޑިދޯނިފަހަރު މަރާމާތު ކުރުން 24. ބަނދަރު ސަރަޙައްދުގައި އެއްވެސް އުޅަނދެއް މަރާމާތު ކުރަންވާނީ އެބަނދަރެއް ނިސްބަތްވާ ކައުންސިލެއްގެ ހުއްދަ ލިއުމަކުން ލިބުމުންނެވެ. އަދި މިފަދަ ހުއްދައަކަށް އެދި އެއްވެސް ފަރާތަކުން ހުށަހަޅަފިނަމަ، މިޤަވާޢިދުގެ ދަށުން ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުގެ މަތިން އެ މަސައްކަތެއް ކުރުމުގެ ހުއްދަ ލަސްނުކޮށް ދޭންވާނެއެވެ.
ޖޫރިމަނާ 25. (ހ) މިޤަވާއިދުގައި ކުރުމަށް އަންގާފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް އަންގާފައިވާ ކަމެއް ކުރުމުން ކަނޑައެޅިގެން ވަކި އަދަބެއް ކަނޑައަޅާފައި ނުވާ ކަންކަމަށް ކަމުގެ ކުޑަބޮޑުމިނަށް ބަލައި -/50 (ފަންސާސް) ރުފިޔާއާއި -/500 (ފަސްސަތޭކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކައުންސިލް ތަކަށް ލިބިގެންވެއެވެ.
(ށ) މިޤަވާއިދުގައި ހިމެނޭ އެންމެހާ ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ އެޖޫރިމަނާކުރި ކައުންސިލަކަށެވެ.
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް 26. މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި, މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
މާނަކުރުން 27. (ހ) ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ ސިޓީ ކައުންސިލާއި ރަށުކައުންސިލެވެ.
(ށ) މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 70 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2019-01-31)
  • ޕަބްލިކޭޝަންސް: ދާންދޫ އިން މީހުންނަށް ދޫކޮށްފައިވާ ގޯތި ތަކުގައި ގެ އަޅާނޭ ފަރާތްތަކުގެ އަދަދު ކަނޑައެޅުމާބެހޭ (2019-08-07)
  • ޚަބަރު: ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިފްތިތާހު ކޮށްފި (2019-07-19)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު