`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Tue, 20 Aug 2019 11:14:03 +0500

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > ކަނޑުތޮށީގައާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ޤަވާޢިދު
ތަޢާރުފާއި ނަން 1. (ހ) މިއީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (އ) އިން ބާރުލިބިގެން އެކުލަވާލާފައިވާ ކަނޑުތޮށީގައާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ޤަވާޢިދެވެ.
(ށ) މިޤަވާޢިދަށް ކިޔާނީ "ކަނޑުތޮށީގައާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚު 2. މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން 3. (ހ) މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމަށްފަހު މިޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
(ށ) މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެކުރިން ކަނޑުތޮށީގައި ހުރި ފައްތިޔާތަކާއި އެއްގަމު ތޮށީގައި އެބަޔަކު އަމިއްލައަށް އުޅަނދު އައްސާނޭ ތަންކަމުގައި ކަނޑައަޅާފައިވާ ތަންތަނާމެދު ކައުންސިލުން ވަކިގޮތެއް ނިންމަންވާނެއެވެ.
އެހެން ފަރާތަކާއި މަސައްކަތް ހަވާލުކުރުން 4. މި ޤަވާޢިދުގެ ދަށުން ކައުންސިލުން ކުރަންޖެހޭ މަސައްކަތެއް އެހެން ފަރާތަކާއި ހަވާލުކޮށްގެން ކުރުމުގެ ޙައްޤު ކައުންސިލަށް ލިބިގެންވެއެވެ.
މި ޤަވާޢިދު ހިންގާ ދާއިރާ 5. (ހ) ވަކިބަޔަކަށް ސަރުކާރުން ކުއްޔަށްދީފައިވާ ބަނދަރުތަކާއި، ސަރުކާރުން ވަކި އުޞޫލެއް ހަމަޖައްސާފައިވާ ބަނދަރުތަކާއި، ސަރަޙައްދީ ބަނދަރުތަކަށް މި ޤަވާޢިދު ހިނގާނީ އެ ބަނދަރުތައް ހިންގާ ފަރާތުން/ސަރުކާރުން، މި ޤަވާޢިދު ހިންގަން ބޭނުންވާކަމަށް ޢާންމުކޮށް އިޢުލާންކޮށްފައިވާ ނަމައެވެ.
(ށ) މިނަންބަރުގެ (ހ) ގައިވާ ބަނދަރުތައް ފިޔަވައި، އެހެން ހުރިހާ ބަނދަރުތަކާއި، ބަނދަރުކަމުގައި ނުބެލެވޭ ސަރަޙައްދުތަކުގެ ތެރެއިން ރައްޔިތުން ނުވަތަ ސަރުކާރުން ތޮށިލައިގެން ހަދާފައިވާ ސަރަޙައްދުތަކާއި، މީހުން ދިރިއުޅޭ ރަށްރަށާއި، އެކިއެކި ސިނާޢީ މަސައްކަތްކުރާ ރަށްރަށާއި މިއިން ކޮންމެ ތަނަކާއި ގުޅިފައިވާ ފަޅުތަކުގައި މި ޤަވާޢިދުގައިވާ ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.
ކަނޑުތޮށީގައާއި އަޅާ އުޅަނދުފަހަރު 6. ކަނޑުތޮށީގައާއި އެއްގަމުތޮށީގައި އުޅަނދު ފަހަރު އައްސަންވާނީ އެކަމަށް ކައުންސިލުން ހަމަޖައްސާގޮތެއްގެމަތިން ކައުންސިލުން ކަނޑައަޅާ ފީއެއް ދެއްކުމަށްފަހުއެވެ.
އުޅަނދުފަހަރު އައްސާނޭ ސަރަޙައްދު 7. ކަނޑުތޮށީގައާއި އެއްގަމު ތޮށީގައި އުޅަނދު ފަހަރު އައްސާނޭ ސަރަޙައްދުތައް ކަނޑައަޅާނީ އެރަށެއްގެ ކައުންސިލުންނެވެ.
ފައްތިޔާ އެޅުމަށް ހުއްދަ ދިނުން 8. (ހ) ކަނޑުތޮށީގައި ފައްތިޔާ އެޅުމުގެ ހުއްދަދެވޭނީ ފައްތިޔާ އެޅުމުގެ ހުއްދައަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ކައުންސިލަށް ހުށަހެޅުމުން ކައުންސިލުން އެކަމާ މެދު ނިންމާ ގޮތެއްގެ މަތިންނެވެ. ފައްތިޔާ އެޅުމަށް ހުއްދަ ދިނުމުގައި އެއުޅަނދެއްގެ ކުޑަ ބޮޑުމިނާއި އެ އުޅަނދެއް ކުރާ ދަތުރުތަކުގެ ގިނަ މަދުމިނަށް ރިއާޔަތް ކުރަންވާނެއެވެ.
(ށ) ފައްތިޔާ އެޅުމުގެ ހުއްދަ ދޭނީ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށެވެ. 2 (ދޭއް) އަހަރު ހަމަވުމުން މުއްދަތު ހަމަވާ ފައްތިޔާތައް ނުވަތަ ފައްތިޔާ ހުރި ސަރަޙައްދުތައް ކުއްޔަށް ދިނުމަށް އަލުން އިޢުލާން ކުރަންވާނެއެވެ.
ފައްތިޔާ އެޅުމަށް ކުލި ކަނޑައެޅުން 9. (ހ) މިޤަވާޢިދުގެ 8 ވަނަ ނަންބަރުގައި ބުނެފައިވާ ހުއްދަ ދިނުމަށްޓަކައި ކުލި ކަނޑައަޅާނީ އެދާއިރާއެއްގެ އަތޮޅު ކައުންސިލްގެ މަޝްވަރާގެ މަތިން އެދާއިރާއެއްގެ ކައުންސިލުންނެވެ. ކުލި ކަނޑައެޅުމުގައި އެބަނދަރެއް ބޭނުންކުރާ ފުރާދުއްވާ އުޅަނދުފަހަރުގެ ގިނަ މަދުމިނަށް ރިޢާޔަތް ކުރަންވާނެއެވެ.
(ށ) ފައްތިޔާ ކުއްޔަށް ދިނުމަށްޓަކައި ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޭފަރާތުގެ މެދުގައި އެއްބަސްވުމެއް ޤާއިމުކުރަންވާނެއެވެ.
ކުއްޔަށް ހިފާފަރާތް 10. ފައްތިޔާ ކުއްޔަށް ހިފަން އެދެންވާނީ ފުރާދުއްވާ އުޅަނދެއްގެ ނަމުގައި އެ އުޅަނދެއް ދުއްވާފަރާތުން، ނުވަތަ އެ އުޅަނދެއް ދުއްވުމަށް ހަވާލުވެފައިވާ ފަރާތުންނެވެ.
އެހެންފަރާތަކަށް ކުއްޔަށް ދިނުން 11. ކައުންސިލުން ކުއްޔަށް ދީފައިވާ ފައްތިޔާއެއް އެހެން ފަރާތަކަށް ކުއްޔަށް ދެވޭނީ އެކަމަށް ކައުންސިލުން ހުއްދަ ހޯދުމަށް ފަހުގައެވެ. އަދި ދާއިމީ ގޮތެއްގައި އެހެން ފަރާތެއް ބޭނުންކުރުމަށް ފައްތިޔާ ކުއްޔަށްދީގެން ނުވާނެއެވެ.
ފައްތިޔާ ދޫކުރުމުގެ އުޞޫލު 12. މި ޤާވާޢިދާއި ޚިލާފުނުވާ ގޮތުގެމަތިން ފައްތިޔާ ދޫކުރާނޭ އާންމު އުޞޫލެއް ކައުންސިލުން ކަނޑައަޅަންވާނެއެވެ.
އެއްގަމުތޮށީގައި އުޅަނދު ފަހަރު އެއްސުން 13. (ހ) އެއްގަމު ތޮށީގައި އުޅަނދުފަހަރުގެ ވައު އައްސަންވާނި ކައުންސިލްގެ ފަރާތުން އެއްގަމު ތޮށީގައި ވައުއެޅުމަށް، ނުވަތަ އެއްސުމަށް ކަނޑައަޅާފައިވާ އެއްޗެއްގަ، ނުވަތަ ތަނެއްގައެވެ.
(ށ) އެއްވެސް އުޅަނދަކުން އެއްގަމަށް ލޮތާރި ނުވަތަ ނަގިލި ލައިގެން ނުވާނެއެވެ. އަދި އެއްވެސް އުޅަނދަކުން އެއްގަމު ތޮށި ހުރަސްކޮށް އަތިރިމަތީގައި ހުރި އެއްވެސް އެއްޗެއްގައި ވައު އައްސައިގެން ނުވާނެއެވެ.
އުޅަނދު ބާއްވަންވީ ގޮތް 14. (ހ) އެއްގަމު ތޮށީގައި ތޮށީގެ ދިގަށް ވާގޮތަށް އުޅަނދު އައްސާފައި ނުވަތަ މަޑުކޮށްފައި ބޭއްވުމަކީ މަނާކަމެކެވެ. އުޅަނދު އޮންނަންވާނީ ދިރުނބާކޮޅު ނުވަތަ ކޮޅުފަސްކޮޅު އެއްގަމުތޮއްޓަށް ވާ ގޮތަށެވެ.
(ށ) މިނަންބަރުގެ (ހ) ގައިވާ ފަދަ ގޮތަކަށް އުޅަނދެއް ބާއްވަން ޖެހިއްޖެނަމަ ކައުންސިލުން އެކަމަށް ކަނޑައަޅާފައިވާ ފީއެއް ދެއްކުމަށްފަހު ކައުންސިލުން އެކަމަށް ދޭ ހުއްދައެއްގެ ދަށުން ކައުންސިލުން އެކަމަށް ކަނޑައަޅާފައިވާ ވަގުތެއްގައި ބޭއްވިދާނެއެވެ.
(ނ) ބަނދަރުގައި ނުވަތަ ޖެޓީގައި ވަކި ބޭނުމަކަށް ޚާއްސަކޮށްފައިވާ ސަރަޙައްދެއްގައި އެ ފަދަ ބޭނުމަކަށް ނޫންގޮތަކަށް އުޅަނދުފަހަރު ބޭއްވުމަކީ މަނާކަމެކެވެ.
އުޅަނދު އޮންނަން ވީ ގޮތް 15. އެއްގަމު ތޮށީގައި ވައު އަޅައިގެން ބާއްވާ އުޅަނދުގައި ހުރި އެއްވެސް އާލާތެއް ނުވަތަ ދޯނިން ބައެއް ނަމަވެސް، އެއްގަމު ތޮށި ހުރަސްވެ ރަށުގެ ސަރަޙައްދަށް ފޯރާ ގޮތަށް ހުރެގެން ނުވާނެއެވެ.
ވަކި މުނާސަބަތާކާއި ގުޅިގެން އުޅަނދެއް ނަގަން ޖެހުން 16 (ހ) ވަކި މުނާސަބަތަކާ ގުޅިގެން ބަނދަރު އެކުގައި ނުވަތަ ބަނދަރުން ބައެއް ނަމަވެސް ހުސްކުރަން ބޭނުންވެއްޖެނަމަ އެކަން ބަޔާންކޮށް އެ އުޅަނދެއްގެ ވެރިފަރާތަށް ނުވަތަ އެ އުޅަނދަކާއި ހަވާލުވެ ހުރި ފަރާތަކަށް މަދުވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ކުރިން ނޯޓިސް ފޮނުވަންޖެހޭނެއެވެ. ކައުންސިލުން އެ އުޅަނދެއް ނަގައިގެން އެހެން ތާކަށް ގެންދަންވާނީ އެނޯޓިސް އާ އެއްގޮތަށް ނޯޓިސް ރައްދުވާ ފަރާތުން ޢަމަލު ނުކޮށްފިނަމަ، އަދި ކޮންމެހެން އެ އުޅަނދު ނަގަންޖެހޭކަމަށް ކައުންސިލަށް ޤަބޫލުކުރެވޭނަމައެވެ.
(ށ) މިނަންބަރުގެ (ހ) ގައިވާގޮތަށް އަންގާ އެންގުންތަކާ ޚިލާފުވާފަރާތްތައް -/500 (ފަސްސަތޭކަ) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު އެބަނދަރެއް ނިސްބަތްވާ ކައުންސިލަކަށް ލިބިގެންވެއެވެ.
ޚާއްޞަ ޙާލަތެއްގައި އުޅަނދު އަޅާފައިވާ ސަރަޙައްދުން ނެގުން 17. އަލިފާނުގެ ހާދިސާއެއް ހިނގުންފަދަ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ސަބަބުން އުޅަނދެއް އޮތްތަން ނޫން އެހެންތަނަކަށް ގެންދިއުމަށް ބޭނުންވެއްޖެނަމަ އެކަމަކަށް އެއްވެސް ފަރާތެއްގެ ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ.
ކޮށްގެން ނުވާނޭ ކަންކަން 18. ކަނޑުތޮށީގައި ނުވަތަ އެއްގަމު ތޮށީގައި އަޅާފައިވާ އެއްވެސް އުޅަނދަކުން ކައުންސިލުގެ ހުއްދައެއްނެތި ތިރީގައިމިވާ ކަންކަން ކޮށްގެން ނުވާނެއެވެ.
(ހ) ކަނޑުތޮށީގައި ނުވަތަ އެއްގަމު ތޮށީގައި އަޅާފައި އޮންނަ އުޅަނދެއްގައި ކައްކާ ކެއުމަށް ބޭނުންވާވަރަށްވުރެ ގިނަ އަދަދެއްގެ މަސްކެނޑުން.
(ށ) ކަނޑުތޮށީގައި ނުވަތަ އެއްގަމު ތޮށީގައި އޮންނަ އުޅަނދެއްގައި ބޮޑެތި މަރާމާތު ކުރުން.
(ނ) ކަނޑުތޮށީގައި އޮންނަ އުޅަނދެއްގައި ތިބޭ މީހުން ފަޅުތެރެއަށް ނަޖިސް ދާ ގޮތަށް ޤާޟާ ހާޖާ ކުރުން.
(ރ) ކަނޑުތޮށީގައި އޮތް އުޅަނދުން އޭގެ އިންޖީނުގައި ބޭނުންކޮށްފައިވާ ނުވަތަ ބޭނުންނުކޮށްހުރި ތެޔޮ، ނުވަތަ އެއްވެސް ބާވަތެއްގެ ކެމިކަލެއް ފަޅުތެރެއަށް އަޅާލުން.
(ބ) ފަޅުތެރެއަށް ކުނި އެޅުން.
ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުން 19. ފަޅުތެރޭގައި އެއްވެސް އުޅަނދެއް ދުއްވަންވާނީ ފަޅުތެރޭގައި އަޅާފައިހުރި އުޅަނދުތަކާއި އަދި ފަޅުގައި ބޭނުންކުރަމުންދާ އެހެނިހެން އުޅަނދުތަކަށް ބަލައިގެނެވެ. ފަޅުތެރޭގައި ދުއްވާއިރު އެހެން އުޅަނދުފަހަރުގެ ރައްކާތެރިކަމަށް އެންމެ އެކަށީގެންވާ މިންވަރަށް ދުވެލި މަޑުކުރަންވާނެއެވެ.
ފަޅުތެރޭގައި ދުއްވަންވީ ސްޕީޑް 20. މަތީގައިވާ ނަންބަރުގެ ބޭނުމަށް ފަޅުތެރޭގައި އާންމު ގޮތެއްގައި އެންމެ ބާރަށް އުޅަނދެއް ދުއްވޭނޭ ސްޕީޑެއް ކަނޑައެޅުމުގެ ޙައްޤު އެފަޅެއް ބަލަހައްޓާ ކައުންސިލަކަށް ލިބިގެންވެއެވެ.
ޤަވާޢިދާއި ޚިލާފުވުން 21. މިޤަވާޢިދުގައި ކުރުމަށް އަންގާފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް އަންގާފައިވާ ކަމެއް ކުރުމުން ކަނޑައެޅިގެން ވަކި އަދަބެއް ކަނޑައަޅާފައި ނުވާ ކަންކަމަށް ކަމުގެ ކުޑަބޮޑުމިނަށް ބަލައި -/50 (ފަންސާސް) ރުފިޔާއާއި -/500 (ފަސްސަތޭކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކައުންސިލް ތަކަށް ލިބިގެންވެއެވެ.
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް 22. މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި, މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
މާނަކުރުން 23. (ހ) ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލުގެ މާނައިގެ ތެރޭގައި ހިމެނޭނީ ސިޓީ ކައުންސިލާއި ރަށުކައުންސިލާއި އަތޮޅު ކައުންސިލެވެ.
(ށ) މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 70 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2019-01-31)
  • ޕަބްލިކޭޝަންސް: ދާންދޫ އިން މީހުންނަށް ދޫކޮށްފައިވާ ގޯތި ތަކުގައި ގެ އަޅާނޭ ފަރާތްތަކުގެ އަދަދު ކަނޑައެޅުމާބެހޭ (2019-08-07)
  • ޚަބަރު: ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިފްތިތާހު ކޮށްފި (2019-07-19)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު