ތަޢާރުފާއި ނަން |
1. |
(ހ) |
މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ކ) ގެ ދަށުން ބާރުލިބިގެން، އެކުލަވާލެވިފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެތި ދުއްވުމާއި ބޭނުންކުރުމާބެހޭ ގަވާއިދާއި މަގުމަގާއި ޢާންމު ތަންތަނުގައި ޕާކްކުރުމާއި ޕާކްކުރުމުގެ ފީ ނެގުމާބެހޭ ޤަވާޢިދެވެ. |
|
|
(ށ) |
މިޤަވާޢިދަށް ކިޔާނީ "އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެތި ދުއްވުމާއި ބޭނުންކުރުމާއި، މަގުމަގާއި ޢާންމު ތަންތަނުގައި ޕާކްކުރުމާއި ޕާކްކުރުމުގެ ފީ ނެގުމާބެހޭ ޤަވާޢިދު" އެވެ. އެވެ. |
ޢަމަލުކުރަން ފަށާ ތާރީޚު |
2. |
|
މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. |
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން |
3. |
|
މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމަށްފަހު މިޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިޤަވާޢިދުގެ ދަށުން ހިނގާނެއެވެ. |
ބަންޑާރަ މަގުތަކުގައި ޓްރެފިކް ނިޝާންތައް ބެހެއްޓުމާއި ބަދަލު ކުރުން |
4. |
(ހ) |
ބަންޑާރަ މަގުތަކުގައި ޓްރެފިކް ބައްތި ބެހެއްޓުމާއި ނެގުމާއި އަދި ބަދަލު ކުރުމުގެ އިޚްތިޔާރު މި ޤަވާޢިދުގެ ދަށުން ކައުންސިލްތަކަށް ނުވަތަ ކައުންސިލްތަކުން ކަނޑައަޅާ ފަރާތަކަށް ލިބިގެން ވެއެވެ. |
|
|
(ށ) |
ބަންޑާރަ މަގުތަކުގައި، އުޅަނދުފަހަރު ދުއްވުމުގެ ދުވެލި އަންގައިދޭ ނިޝާންތައް ބެހެއްޓުމާއި ބަދަލުކުރުމުގެ އިޚްތިޔާރު މިޤަވާޢިދުގެ ދަށުން ކައުންސިލްތަކަށް ނުވަތަ ކައުންސިލްތަކުން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. |
|
|
(ނ) |
އެއްކޮޅަށް ދުއްވާ ބަންޑާރަ މަގުތައް ކަނޑައެޅުމާއި އުވާލުމާއި، ވަށްބުރު ހެދުމާއި، އަދި ދުވެލި މަތަ ބެހެއްޓުމާއި، ނެގުމާއި އަދި މިފަދަ ކަންތައްތައް ކުރުމުގެ ބާރާއި ބަދަލު ގެނައުމުގެ ބާރު މި މިޤަވާޢިދުގެ ދަށުން ކައުންސިލްތަކަށް ނުވަތަ ކައުންސިލްތަކުން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. |
|
|
(ރ) |
ބަންޑާރަ މަގުތަކުގައި އެއްގަމު އުޅަނދު ޕާކު ކުރުމާއި، މަޑުކުރުމާއި، މަޑުކުރަންޖެހޭ ތަންތަނާއި މަޑުކުރުން މަނާ ތަންތަނާއި، މަޑުކުރުން ނުވަތަ ޕާކު ކުރުން މަނާ ވަގުތު ކަނޑައެޅުމާއި، ވަކިބާވަތެއްގެ އުޅަނދު ވަނުން ނުވަތަ ޕާކު ކުރުން މަނާ ތަންތަނާއި ސަރަޙައްދާއި ވަގުތު ކަނޑައެޅުމާއި، އެއްގަމު އުޅަނދު ވަނުން މަނާ މަގުތަކާއި ސަރަޙައްދުތައް ކަނޑައެޅުމާއި، މަގުތަކާއި މަގުތަކުގެ ޙާލަތު އަންގައިދޭ ޓްރެފިކް ނިޝާންތައް ކަނޑައެޅުމާއި، އެއްގަމު އުޅަނދުފަހަރަށް މުދާ އަރުވާ ބާލާ ސަރަޙައްދުތަކާއި ގަޑިތައް ކަނޑައެޅުމާއި ޢާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރެވިދާނެ ކަންތައްތައް ކަނޑައަޅައި ހިންގައި ބަލަހައްޓާނީ ކަމާއިގުޅޭ މިނިސްޓްރީގެ ލަފާގެ މަތީން ކައުންސިލްތަކުން، ނުވަތަ ކައުންސިލްތަކުން ކަނޑައަޅާ ފަރާތަކުންނެވެ. |
ޓްރެފިކް ނިޝާންތަކާއި ޚިލާފަށް އުޅަނދު ޕާރކް ކުރުން |
5. |
(ހ) |
ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުމަށްޓަކައި ޤާއިމުކޮށްފައި ހުންނަ ޓްރެފިކް ނިޝާންތަކާ ޚިލާފަށް އެއްގަމު އުޅަނދު ދުއްވުމާއި ގެންދިޔުމާއި، ޕާކު ކުރުމަކީ މަނާކަމެކެވެ. |
|
|
(ށ) |
މިނަންބަރުގެ (ހ) ގައިވާފަދަ ކުށެއް ކޮށްފި މީހެއްގެ މައްޗަށް އެއްގަމު ދަތުރު ފަތުރުގެ ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން ޢަމަލު ކުރެވޭނެއެވެ. |
ދުވެލީގެ ބާރުމިން ކަނޑައެޅުމާއި ނިޝާންތައް ހަރުކުރުން |
6. |
|
އެއްގަމު ދަތުރު ފަތުރުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކާއި އެކި މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަކުރާ ދުވެލީގެ ބާރުމިން ކަނޑައެޅުމާއި ބަދަލުކުރުމުގެ އިޚްތިޔާރު އެ ޤާނޫނުގެ ދަށުން ކަމާއިބެހޭ މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާހިނދު، މިގޮތުން ކަނޑައެޅޭ އެކި މަގުތަކާއި އެކި ސަރަޙައްދުތަކަށް ހުއްދަކުރެވިފައިވާ ދުވެލީގެ ބާރުމިން އަންގައިދޭ ނިޝާން ފަސޭހައިން ފެންނާނޭހެން އެމަގެއްގައި ނުވަތަ އެ ސަރަޙައްދެއްގައި ބަހައްޓާނީ ކައުންސިލުން ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކުންނެވެ. |
ސީޓްބެލްޓް އެޅުމާއި ހެލްމެޓް އެޅުން |
7. |
(ހ) |
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ނުވަތަ އެޤާނޫނުގެ ދަށުން ހަދާ ޤަވާޢިދަކުންނަމަވެސް ސީޓްބެލްޓް އަޅައިގެން ދުއްވުމަށް ކަނޑައަޅާފައިވާ މަގުތަކުގައި، ދެފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވަންވާނީ، ސީޓް ބެލްޓް އަޅައިގެންނެވެ. |
|
|
(ށ) |
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ނުވަތަ އެޤާނޫނުގެ ދަށުން ހަދާ ޤަވާޢިދަކުންނަމަވެސް ހެލްމެޓް އަޅައިގެން ދުއްވުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ތަކާއި މަގުތަކުގައި، ދެފުރޮޅުލީ އެއްގަމު އުޅަނދު ދުއްވަންވާނީ، ހެލްމެޓް އަޅައިގެންނެވެ. އަދި އިތުރު މަގުތައް އެމަގު ނިސްބަތްވާ ކައުންސިލަކުން ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ. މިގޮތުން ކަނޑައަޅާ އުޞޫލުތައް ޢާއްމުކޮށް އިޢުލާންކުރަންވާނެއެވެ. އަދި ފަސޭހަކަމާއި އެކު ޢާއްމުންނަށް ލިބެން ހުންނަންވާނެއެވެ. |
|
|
(ނ) |
ބަންޑާރަ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވަންވާނީ، މަގުގެ ވާތް ފަރާތުންނެވެ. |
ރޯޑްވާދިނަސް |
8. |
(ހ) |
އަލަށް ރަޖިސްޓަރީކުރާ، ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ކަމާއި ބެހޭ މިނިސްޓްރީން ކަނޑައަޅާ ބާވަތްތަކުގެ އުޅަނދުތަކުގެ ރޯޑްވާދިނަސް، އެމިނިސްޓްރީން ކަނޑައަޅާ މުއްދަތުތަކެއްގެ ތެރޭގައި ހަދަންވާނެއެވެ. |
|
|
(ށ) |
ކައުންސިލްތަކަށް ނުވަތަ ކައުންސިލް ތަކުން އެކަމަށް ކަނޑައަޅާފައިވާ ފަރާތަކަށް، އެއްގަމު އުޅަނދެއްގެ ރޯޑްވާދިނަސް ފުރިހަމަ ނުވާކަމަށް ފާހަގަކުރެވިއްޖެނަމަ، އެފަދަ އުޅަނދުގެ ރޯޑްވާދިނަސް ބާޠިލުކުރުމުގެ ބާރު ކަމާއި ބެހޭ މިނިސްޓްރީއަށާއި ކައުންސިލްތަކަށް ލިބިގެންވެއެވެ. |
|
|
(ނ) |
ރޯޑްވާދިނަސް ހެދުމާއި، ސަރޓިފައިކޮށްދިނުމާއި، އެ މަސައްކަތަށް މީހުން ޢައްޔަންކުރުމާއި، އެފަދަ ފަރާތްތަކުގެ ފެންވަރު ކަނޑައެޅުމާއި، ރޯޑްވާދިނަސް ހެދުމަށް ނަގާ އަގު ކަނޑައަޅާނީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން އެކަމަށް ކަނޑައަޅައިފައިވާ މިނިސްޓްރީންނެވެ. |
|
|
(ރ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރޯޑްވާދިނަސްއަށް ދެވިފައިވާ މުއްދަތު ހަމަވެ އާނުކުރާ އުޅަނދުތަކުގެ ރޯޑްވާދިނަސް ބާޠިލު ވާނެއެވެ. އަދި އެފަދަ އުޅަނދު، ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމާއި، ކޮންސްޓްރަކްޝަން ސައިޓްތަކުގައި ބޭނުންކުރުމަކީ މަނާކަމެކެވެ. |
އުޅަނދު ދުއްވުމާއި ބޭނުންކުރުން |
9. |
(ހ) |
ދިވެހިރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވާނީ، ނުވަތަ ބޭނުންކުރަންވާނީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތާކާއި އެއްގޮތްވާ ގޮތުގެމަތިން އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ އިދާރާއެއްގައި ރަޖިސްޓަރީކޮށްގެންނެވެ. |
|
|
(ށ) |
ރަޖިސްޓަރީކުރަން ނުޖެހޭ އުޅަނދެއް ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ދުއްވަންވާނީ، ނުވަތަ ބޭނުންކުރަންވާނީ، ރަޖިސްޓަރީކުރަން ނުޖެހޭ ބާވަތްތަކުގެ އުޅަނދު، އެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމަށް ކަމާއި ބެހޭ މިނިސްޓްރީން ނުވަތަ މިޤަވާޢިދުގެ ދަށުން ކައުންސިލްތަކުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ. |
އެއްގަމު ދަތުރުފަތުރު ޚިދުމަތް ދިނުމަށް ރަޖިސްޓަރީ ކުރުން |
10. |
|
ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި މީހުން އުފުލުމަށާއި މުދާ އުފުލުމުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދަކުން އެ ޚިދްމަތެއް ދޭންވާނީ، އެއްގަމު ދަތުރު ފަތުރުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުންނެވެ. |
|
11. |
|
އިމަރޖެންސީ ބަރުގޮނު އަޅާފައި ދާ އެންބިއުލާންސް އެއްކޮޅަށް ދުއްވާ މަގުގެ އިދިކޮޅަށާއި ޓްރެފިކް ބައްތިއަށް މަޑުނުކޮށް ދުއްވިދާނެއެވެ. އަދި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށްވެސް ދުއްވިދާނެއެވެ. އިމަރޖެންސީ ބަރުގޮނު އަޅާފައި ދާ އެންބިއުލާންސް ފަސޭހަކަމާއިއެކު ދެވޭނެ ގޮތަށް މަގުގައި ދުއްވާ އެހެން ވެހިކަލްތަކުން ޖާގަދޭންވާނެއެވެ. އިމަރޖެންސީ ބަރުގޮނު އަޅާފައި ދާ އެންބިއުލާންސަށް ހުރަސް އެޅުމަކީ މަނާކަމެކެވެ. |
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން. |
12. |
|
ތިރީގައިވާ ކަންތައްތަކަށް ފިޔަވަޅު އަޅާނީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ. |
|
|
(ހ) |
އެއްގަމު އުޅަނދު ބޭނުންކުރުމަށް ނަންބަރާއި ނިޝާންޖެހުން |
|
|
(ށ) |
ރަޖިސްޓަރީ ކުރަން ޖެހޭ އުޅަނދުތައް ރަޖިސްޓަރީ ކުރުމާއި، ރަޖިސްޓަރީ ނުކޮށް އުޅަނދު އެއްތަނުން އަނެއްތަނަށް ދުއްވާފައި ގެންދިއުން. |
|
|
(ނ) |
އެކިއެކި ސަރަޙައްދުތަކުގައި ބޭނުންކުރެވޭނެ އުޅަނދުގެ ޢަދަދު ކަނޑައެޅުން. |
|
|
(ރ) |
ވެރިފަރާތް ބަދަލުކުރުމާއި، ރަޖިސްޓަރީ އާކުރުން. |
|
|
(ބ) |
ޑްރައިވިންގ ސްކޫލް ރަޖިސްޓްރީ ކުރުމާއި، ޑްރައިވިންގ ސްކޫލު ހިންގުމާއި އެތަންތަނުގައި އިންސްޓްރަކްޓަރުން ގެންގުޅުން. |
|
|
(ޅ) |
ދަސްކުރަން ދުއްވުން. |
|
|
(ކ) |
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން. |
|
|
(އ) |
ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކުރުން. |
|
|
(ވ) |
ބަހުގެ ޚިދުމަތަށް އަގު ނެގުން. |
|
|
(މ) |
ޢާންމު ދަތުރުފަތުރުގެ ޚިދުމަތުގައި ބޭނުންކުރާ އުޅަނދުފަހަރާއި ގުޅުންހުރި ކަންތައްތަކާއި، ޤަވާޢިދާ ޚިލާފަށް ބަހުގެ ޚިދުމަތްދޭ ފަރާތްތަކާމެދު ފިޔަވަޅުއެޅުން. |
|
|
(ފ) |
ޓެކްސީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުން. |
|
|
(ދ) |
ކުނި އުކާލުމަށް ބޭނުންކުރާ އުޅަނދުފަހަރު ގެންގުޅުން. |
|
|
(ތ) |
ހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް ދުއްވުން. |
|
|
(ލ) |
ޕާކު ކުރުމާއި، ޤަވާޢިދާ ޚިލާފަށް ޕާރކުކޮށްފައި ހުންނަ އުޅަނދުތަކާމެދު ފިޔަވަޅު އެޅުން. |
ޢާއްމުތަންތަނުގައި ޕާރކު ކުރުން |
13. |
(ހ) |
ޢާއްމު ތަންތަނުގައި ޕާރކް ކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދު ނޫން އެހެން ސަރަޙައްދެއްގައި ޕާރކު ކުރުމަކީ މަނާ ކަމެކެވެ. |
|
|
(ށ) |
މިނަންބަރުގެ (ހ) އާ ޚިލާފަށް ޕާރކުކުރާ ފަރާތެއް ނުވަތަ އެއުޅަނދެއްގެ ވެރިފަރާތް -/250ރ. (ދުއިސައްތަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. |
ޢާއްމު ތަންތަނުގައި ޕާރކް ކޮށްފައި ހުންނަ އުޅަނދު ނެގުން |
14. |
(ހ) |
ޢާއްމުތަނެއްގައި ޤަވާޢިދާ ޚިލާފަށް ޕާރކޮށްފައިވާ އުޅަނދު އެތަނުން ނެގުމުގެ ބާރު ކައުންސިލްތަކަށް ނުވަތަ ކައުންސިލްތަކުން ކަނޑައަޅާ މީހަކަށް ނުވަތަ ތަނަކަށް ލިބިގެންވެއެވެ. މިގޮތުން ނަގާ އުޅަނދު ދޫކުރެވޭނީ، އެތަނެއްގައި ޕާރކު ކުރުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ އިތުރުން، އުޅަނދުތައް ނެގުމަށްދިޔަ ޚަރަދު ކައުންސިލަށް ދެއްކުމަށް ފަހުގައެވެ. |
|
|
(ށ) |
މިނަންބަރުގެ (ހ) ގައިވާ ޖޫރިމަނާ ކަނޑައަޅާނީ އެސަރަޙައްދެއް ނިސްބަތްވާ ކައުންސިލަކުންނެވެ. |
ޢާއްމުތަންތަނުގައި ޕާރކުރުމަށް ފީނެގުން |
15. |
|
ޢާއްމު ތަންތަނުގައި ޕާރކިން ފީ ނަގަންވާނީ ފީނެގުމަށް ކައުންސިލުތަކުން ލިއުމުން ކަނޑައަޅާ ޢާއްމު އުޞޫލެއްގެ ދަށުންނެވެ. މި ގޮތަށް ކަނޑައަޅާ އުޞޫލު ލިޔެ ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ. |
ޢާއްމު މަގުތަކުގައި ޕާރކް ކުރުން |
16. |
(ހ) |
ޢުޅަނދެއް މަގެއްގައި ޕާރކު ކުރަންވާނީ، އެކަމަށް ކަނޑައެޅިފައިވާ ތަންތަނުގައެވެ. |
|
|
(ށ) |
މިނަންބަރުގެ (ހ) އާ ޚިލާފުވާ ފަރާތްތައް ނުވަތަ އުޅަނދުގެ ވެރިފަރާތް -/250ރ (ދުއިސައްތަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެއުޅަނދެއް އެސަރަހައްދުން ނެގުމުގެ ބާރު ކައުންސިލްތަކަށް ނުވަތަ ކައުންސިލްތަކުން ކަނޑައަޅާ މީހަކަށް ނުވަތަ ފަރާތަކަށް ލިބިގެންވެއެވެ. |
މަގުތަކުގައި ޕާރކް ކުރުމަށް ފީ ނެގުން |
17. |
(ހ) |
ޢާއްމު މަގުތަކުގައި ޕާރކު ކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކުގައި ޕާރކު ކުރާ އުޅަނދުތަކުން ކައުންސިލުން ކަނޑަޅާ އުޞޫލެއްގެ ދަށުން ފީ ނެގުމުގެ އިޚްތިޔާރު ކައުންސިލް ތަކަށް ލިބިގެންވެއެވެ. |
|
|
(ށ) |
ޢާއްމު ތަންތަނުގައި ޕާރކިން ފީ ނަގަންވާނީ ފީނެގުމަށް ކައުންސިލުތަކުން ލިއުމުން ކަނޑައަޅާ ޢާއްމު އުޞޫލެއްގެ ދަށުންނެވެ. މި ގޮތަށް ކަނޑައަޅާ އުޞޫލު ލިޔެ ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ. |
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް |
18. |
|
މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި, މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުހުގެ ތެރޭގައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ. |
|
|
(ހ) |
މިޤަވާއިދުގައި ކުރުމަށް އަންގާފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް އަންގާފައިވާ ކަމެއް ކުރުމުން ކަނޑައެޅިގެން ވަކި އަދަބެއް ކަނޑައަޅާފައި ނުވާ ކަންކަމަށް ކަމުގެ ކުޑަބޮޑުމިނަށް ބަލައި -/50 (ފަންސާސް) ރުފިޔާއާއި -/500 (ފަސްސަތޭކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކައުންސިލް ތަކަށް ލިބިގެންވެއެވެ. |
|
|
(ށ) |
މިޤަވާއިދުގައި ހިމެނޭ އެންމެހާ ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ އެޖޫރިމަނާކުރި ކައުންސިލަކަށެވެ. |
މާނަކުރުން |
19. |
(ހ) |
ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލުގެ މާނައިގެ ތެރޭގައި ހިމެނޭނީ ސިޓީ ކައުންސިލާއި ރަށު ކައުންސިލެވެ. |
|
|
(ށ) |
ޢާއްމު ތަންތަން: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ޢާއްމުތަންތަން ކަމުގައި ބެލެވޭނީ، އެތަނަކީ ޢާއްމުތަނެއްގޮތުގައި ޢާއްމުކޮށް ބެލެވިފައި ހުންނަ އެންމެހާ ތަންތަނެވެ. |
|
|
(ނ) |
ބަންޑާރަ މަގު: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ބަންޑާރަ މަގަކީ ޢާއްމުކޮށް ކޮންމެ ރައްޔިތަކަށް އެމަގެއްގައި އެހެން މީހެއްގެ ނުވަތަ އެހެން ފަރާތެއްގެ އިޛްނަ ހޯދުމެއްނެތި ހިނގުމަށާއި އެއްޗެތި ދުއްވުމަށް ޚާއްޞަކުރެވިފައިވާ މަގުތަކެވެ. |
******************************* |