`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Mon, 17 Dec 2018 09:44:18 +0500

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ ޤަވާޢިދު
ތަޢާރުފާއި ނަން 1. (ހ) މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ބ) ދަށުން ބާރުލިބިގެން، މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމުގައި ޢަމަލުކުރާނެ ގޮތް ކަނޑައެޅުމާއި، މި ޤަވާޢިދުގައިވާ އުޞޫލާއި ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާ މެދު އެޅޭނެ ފިޔަވަޅުތައް ބަޔާންކުރުމުގެ ގޮތުން ހެދިފައިވާ ޤަވާޢިދެކެވެ.
(ށ) މި ޤަވާޢިދަށް ކިޔާނީ "މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚް 2. މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މި ޤަވާޢިދު ހިންގުން 3. މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމަށްފަހު މި ޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މި ޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
ޢާއްމު ތަންތަނުގައި އިޢުލާނާއި އިޝްތިހާރު ހިއްޕުން 4. ޢާއްމު ތަންތަނުގައި އެއްވެސް ބާވަތެއްގެ އިޢުލާނެއް ނުވަތަ އިޝްތިހާރެއް ބަހައްޓައި، ހަރުކުރަންވާނީ، ކައުންސިލަށް ހުށަހަޅައި ފާސްކުރުމަށްފަހުއެވެ.
ކައުންސިލުން ކުރާ އިޢުލާން 5. ކައުންސިލުން ކުރާ އިޢުލާނެއް އެ ކައުންސިލުގެ ވެބްސައިޓުގައި ޝާއިޢުކުރުމުގެ އިތުރަށް އެ އިޢުލާނެއް ކައުންސިލުގެ އިދާރާގައި އެ ދާއިރާއެއްގެ ރައްޔިތުންނަށް ފަސޭހައިން ފެންނަން ހުންނަ ގޮތަށް ހަރުކޮށްފައި ހުންނަންވާނެއެވެ.
އިޢުލާނާއި އިޝްތިހާރު ކައުންސިލުން ފާސްކުރުން 6. (ހ) ކައުންސިލަށް އިޢްލާނެއް ނުވަތަ އިޝްތިހާރެއް ފާސްކުރަން ހުށަހަޅާއިރު އެ އިޢުލާނު ނުވަތަ އިޝްތިހާރެއްގެ 7 (ހަތެއް) ކޮޕީ ހުށަހަޅަންވާނެއެވެ.
(ށ) މިފަދަ އިޢުލާނުތައް ނުވަތަ އިޝްތިހާރުތައް އާއްމުކޮށް ފެންނަގޮތަށް ބެހެއްޓުމުގެ 3 (ތިނެއް) ދުވަސް ކުރިން، އެ އިޢްލާނެއް ނުވަތަ އިޝްތިހާރެއް ފާސްކުރުމަށްޓަކައި އެރަށެއްގެ ރަށު ކައުންސިލަށް ހުށަހަޅަންވާނެއެވެ.
ސަރުކާރުގެ ޢިމާރާތްތަކުގައި އިޢުލާނާއި އިޝްތިހާރު ހިއްޕުން 7. ސަރުކާރުގެ އިމާރަތްތަކުގައާއި ސަރުކާރު ތަންތަނުގެ މަގުމަތީފާރުގައި އިޢްލާނު ނުވަތަ އިޝްތިހާރު ބެހެއްޓުމަކީ ނުވަތަ ހިއްޕުމަކީ މަނާކަމެކެވެ. އަދި މިސްކިތްތަކުގައި ތިބޭ މީހުންނަށް ފެންނަގޮތަށް އެކިއެކި ތަސްވީރު ހުންނަ އިޢްލާނާއި އިޝްތިހާރު ބަހައްޓައި ހަރުކުރުމަކީ މަނާކަމެކެވެ.
ގޭގޭ ފާރުގައި އިޢުލާނާއި އިޝްތިހާރު ހިއްޕުން 8. އަމިއްލަ ގޭގައާއި ޢިމާރާތްތަކުގައި އިޝްތިހާރު ބަހައްޓައި ހަރުކުރަންވާނީ އެތަނެއްގެ ވެރިފަރާތުގެ ހުއްދަ ހޯދުމަށްފަހުގައެވެ. އަދި އިޢްލާނުކުރާ ނުވަތަ އިޝްތިހާރުކުރާ މުއްދަތު ހަމަވުމުން، އެތާކުން އެ އިޢްލާނެއް ނުވަތަ އިޝްތިހާރެއް ނައްޓާ ނުވަތަ ނަގާ ތަން ސާފުކުރުމަކީ އިޢްލާނު ނުވަތަ އިޝްތިހާރު ހަރުކުރާ ފަރާތަކުން ކުރަންޖެހޭނެ ކަމެކެވެ.
މުޅި އަތޮޅަށް އަމާޒުކޮށްގެން ކުރާ އިޢުލާނާއި އިޝްތިހާރު 9. (ހ) އިޢުލާނެއް ނުވަތަ އިޝްތިހާރެއް ކުރަނީ މުޅި އަތޮޅަށް ނަމަ، އެ އިޢުލާނެއް ނުވަތަ އިޝްތިހާރެއް ހަރުކުރުމަށް އެދޭ ހުއްދައަށާއި ފާސްކުރުމަށް ހުށަހަޅަންޖެހޭނީ އެ އަތޮޅެއްގެ އަތޮޅު ކައުންސިލަށެވެ.
(ށ) މި ނަންބަރުގެ ދަށުން ކުރާ އިޢުލާނެއް ނުވަތަ އިޝްތިހާރެއް ކުރަން އެދޭ ފަރާތަކީ މި ނަންބަރުގެ (ހ) ދަށުން ހުއްދަ ދެވިފައިވާ ފަރާތެއްކަން އަތޮޅު ކައުންސިލުން އެ އަތޮޅުގެ ހުރިހާ ރަށު ކައުންސިލަށް ލިޔުމުން އަންގަންވާނެއެވެ.
(ނ) މި ނަންބަރުގެ ދަށުން އެއްވެސް ފަރާތަކުން ކުރާ އިޢުލާނު ނުވަތަ އިޝްތިހާރު ހަރުކުރުމުގައި މި ޤަވާޢިދުގެ 7 އަދި 8 ވަނަ ނަންބަރުގައިވާ ކަންކަމަށް ފުރިހަމައަށް ތަބާވާންޖެހޭނެއެވެ.
ވިޔަފާރިއަކުން ކުރާ އިޝްތިހާރުތަކަށް ކައުންސިލުން އަގު ނެގުން 10. ވިއްކާ އެއްޗެއް ނުވަތަ އަގުނަގާ ގޮތަށް ދެވޭ ޚިދުމަތެއްގެ އިޝްތިހާރު ކައުންސިލުން ފާސްކޮށް ދިނުމުގައި ތިރީގައި މިވީ އުޞޫލުން އަގު ނެގުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
(ހ) 4’ x 8’  ފޫޓުގެ ބޯޑަކަށް -/100 (ސަތޭކަ) ރުފިޔާ
(ށ) 2’ x 4’ 4’ x 8’  ފޫޓާ ދެމެދުގެ ބޮޑުމިނުގެ ބޯޑަކަށް -/50 (ފަންސާސް) ރުފިޔާ
(ނ) 2’ x 4’  ފޫޓަށްވުރެ ކުޑަ ބޯޑަކަށް -/25 (ފަންސަވީސް) ރުފިޔާ
(ރ) 4’ x 8’  ފޫޓްގެ ކަރުދާސް ނުވަތަ ފޮތި އިޝްތިހާރަކަށް -/50 (ފަންސާސް) ރުފިޔާ
(ބ) 2’ x 4’ 4’ x 8’  ފޫޓާދެމެދުގެ ކަރުދާސް ނުވަތަ ފޮތި އިޝްތިހާރަކަށް -/25 (ފަންސަވީސް) ރުފިޔާ
(ޅ) 2’ x 4’ ފޫޓަށްވުރެ ކުޑަ ކަރުދާސް ނުވަތަ ފޮތި އިޝްތިހާރަކަށް -/10 (ދިހައެއް) ރުފިޔާ
ޖޫރިމަނާ ކުރުން 11. މި ޤަވާޢިދުގެ ދަށުން އިޢުލާނެއް ނުވަތަ އިޝްތިހާރެއް ހަރުކުރާ ފަރާތުން މި ޤަވާޢިދުގައި ކަނޑައަޅާފައިވާ ކަމަކާ ޚިލާފުވެއްޖެނަމަ މި ނަންބަރުގެ ދަށުން އެ ފަރާތެއް ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
(ހ) ޤަވާޢިދުގެ 3 ވަނަ ނަންބަރާއި ޚިލާފުވިފަރާތަކީ ޢާއްމު ފަރާތެއްނަމަ ނުވަތަ ޖަމިއްޔާއެއްނަމަ -/500 (ފަސްސަތޭކަ ރުފިޔާ) އާއި -/2000 (ދެހާސް ރުފިޔާ) އާއި ދެމެދު ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
(ށ) ޤަވާޢިދުގެ 3 ވަނަ ނަންބަރާއި ޚިލާފުވިފަރާތަކީ ކުންފުންޏެއްނަމަ -/2000 (ދެހާސް ރުފިޔާ) އާއި -/10000 (ދިހަހާސް ރުފިޔާ) އާއި ދެމެދު ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް 12. މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި, މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
މާނަކުރުން 13. (ހ) ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާއި އަދި ރަށުކައުންސިލެވެ.
(ށ) ޢާއްމު ތަންތަން: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ޢާއްމު ތަންތަން ކަމުގައި ބުނެފައި އެވަނީ، އެތަނެއްގައި މީހުން ހިނގައިބިނގައިވާ ނުވަތަ އެއްވެސް ހުރަހެއްނެތި އެތަނަކަށް މީހުން އައިސް ގޮސްވާ ތަންތަނާއި، ޢާއްމުން މަޑުކޮށްލައިގެން ނުވަތަ އެހެންވެސް ބޭނުންތަކުގައި އެއްވެ އުޅެވޭގޮތަށް ހުންނަ ތަންތަނާއި މި ޤަވާޢިދުގެ ދަށުން ކައުންސިލުން ކަނޑައަޅާ ޢާއްމު ތަންތަނަށެވެ.
(ނ) މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 60 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2018-11-15)
  • ޕަބްލިކޭޝަންސް: ދާންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ އޮފިސަރުންހޯދުމާއި ބެހޭ (2018-10-18)
  • ޚަބަރު: މައުލޫމާތު ހާމަކުރުމުގެ 1 ވަނަ ދަރަޖަ ދާންދޫ ކައުންސިލުން ހާސިލްކޮށްފި (2018-10-17)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު