`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Tue, 20 Aug 2019 11:06:00 +0500

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭ ޤަވާޢިދު
ތަޢާރުފާއި ނަން 1. (ހ) މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ވ) ގެ ދަށުން ބާރުލިބިގެން، އެކުލަވާލެވިފައިވާ މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމާއި އެކަންކަމަށް ފީނެގުމާބެހޭ ޤަވާޢިދެވެ.
(ށ) މިޤަވާއިދަށް ކިޔާނީ "މަގުމަތީގައި ގާޑިއާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚު 2. މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުމާއި އިސްތިސްނާތައް 3. (ހ) މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމަށްފަހު މިޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
(ށ) ޢާއްމުތަންތަނާއި މަގުތަކުގައި ވަކި މުނާސަބަތަކާއި ގުޅިގެން ކުރުމުއްދަތަކަށް ޚާއްޞަގޮތެއްގައި ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ހުޅުވާލެވޭ ވިޔަފާރި މިޤަވާޢިދުން އިސްތިސްނާވެގެންވެއެވެ.
ގާޑިޔާ މޭޒުފަދަ ތަކެތީގައި ޢާއްމު ތަންތަނުގައި ވިޔަފާރިކުރުން 4. މިޤަވާޢިދުގައި ބަޔާންކުރެވިފައިވާ ގޮތަށް ޢާއްމުތަންތަނާއި މަގުތަކުގައި އަތްގާޑިޔާ ނުވަތަ މޭޒު ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދެވޭގޮތަށް ހަދާފައިހުންނަ ތަކެތީގައި ވިޔަފާރިކުރަންވާނީ، އެސަރަޙައްދެއް ހިމެނޭ ކައުންސިލަކުން ހުއްދަހޯދައިގެންނެވެ.
ޢާއްމު ތަންތަނުގައި އެއްތަނުން އަނެއްތަނަށް އުފުލޭގޮތަށް ހަދާފައި ހުންނަތަކެތީގައި ވިޔަފާރި ކުރުން 5. (ހ) އެއްވެސް ރަށެއްގެ ޢާއްމު މަގެއް ނުވަތަ ސަރަޙައްދެއްގައި ގާޑިޔާ ނުވަތަ ގާޑިޔާއާއި މޭޒު ބަހައްޓައިގެން ކާބޯތަކެތި، ނުވަތަ އެނޫންވެސް އެއްޗެއް ވިއްކުމަށް ބާއްވަންވާނީ މިޤަވާއިދާއި މިޤަވާޢިދުގެ ދަށުން ކައުންސިލަކުން އެކަންކަން ކުރުމަށްޓަކައި ހަދާ އެންމެހާ އުޞޫލުތަކާއި އެއްގޮތަށެވެ.
(ށ) ކައުންސިލުން ވަކިގޮތަކަށް ހުއްދަ ނުކުރާހާ ހިނދަކު، ޢާއްމުތަނެއްގައި ނުވަތަ މަގުމަތީގައި އެއްތަނުން އަނެއްތަނަށް ބަދަލު ނުކުރެވޭ ގޮތަށް ތަނެއްހަދައިގެން ނޫނީ ޢިމާރާތްކޮށްގެން ވިޔަފާރިކުރުމަކީ މަނާކަމެކެވެ.
މަގުމަތީގައި ކާބޯތަކެތި ވިއްކުމަށް ދެވޭނެ ސަރަޙައްދުގެ ބޮޑުމިން 6. (ހ) މަގުމަތީގައި ގާޑިޔާ ނުވަތަ އެނޫންވެސް އެއްތަނުން އަނެއްތަނަށް ގެންދެވޭގޮތަށް ހަދާފައި ހުންނަ ތަންތަނުން އެތަކެތި ބޭއްވުމަށް ޖަގަހަ ދެވޭނީ އެފަދަ އެއްޗެއް ބޭއްވުމަށް ޚާއްޞަކުރެވޭ ޖަގަހަތަކުގައެވެ. މިގޮތުން ގާޑިޔާތަކުގައި ވިޔަފާރި ކުރުމަށް ހުއްދަ ދެވޭނީ ކައުންސިލުގެ އިޚްތިޞާސްގައި ހިމެނޭ، ޖާގަ އޮންނަ ބޮޑެތި މަގުތަކުން، ކައުންސިލުން ކަނޑައަޅާ ސަރަޙައްދުތަކުގައެވެ.
(ށ) މިނަންބަރުގެ (ހ)ގައިވާ ޖަގަހައިގެ ބޮޑު މިނަކީ ދިގުމިނުގައި '10 (ދިހައެއް) ފޫޓް، ފުޅާމިނުގައި '5 (ފަހެއް) ފޫޓު، އަދި އުސްމިނުގައި '8 (އަށެއް) ފޫޓެވެ. އަދި މިސަރަޙައްދުން ބޭރުގައި ވިޔަފާރިކުރުމާއި ތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ.
(ނ) ގާޑިޔާ ނުވަތަ މޭޒުކައިރީގައި ވިޔަފާރިކުރަން އިންނަ މީހާއާއި އޭނާއަށް އެހީތެރިވާ މީހާއަށް ބޭނުންވާ 2 (ދޭއް) ގޮނޑީގެ އިތުރުން ހުއްދަދެވިފައިވާ ސަރަޙައްދުގައި 5 (ފަހެއް) ގޮނޑިއަށްވުރެ އިތުރަށް ގޮނޑި ބަހައްޓަންވާނީ އެކަމަށް އެދި އެސަރަޙައްދެއް ނިސްބަތްވާ ކައުންސިލަކުން އެކަމަށް ހުއްދައަށް އެދުމުން ކައުންސިލުން ގޮނޑި އިތުރު ކުރެވިދާނެކަމަށް ބަޔާންކޮށް ލިއުމަކުން ހުއްދަ ދިނުމުންނެވެ.
(ރ) ވިޔަފާރިކުރުމަށް ބަހައްޓާތަކެތި ބަހައްޓަންވާނީ އެސަރަޙައްދުން ހިނގާ ބިނގާވެ އުޅޭ މީހުންނާއި ދުއްވާ އުޅަނދުތަކަށް ދަތި ނުވާނެ ގޮތެއްގެ މަތީންނެވެ.
ވިޔަފާރީ ކުރުމުގެ ވަގުތު 7. ގާޑިޔާ މޭޒުފަދަތަކެތީގައި ވިޔަފާރި ކުރަންވާނީ ހުކުރުދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި ފަތިހު 5.30 އިން މެންދަމު 1.00 އަށެވެ. އަދި ހުކުރު ދުވަހުގެ މެންދުރު 11.00 އިންފެށިގެން 14.00 އާދެމެދު ވިޔަފާރިކުރުމަކީ މަނާ ކަމެކެވެ.
ވިޔަފާރިކުރުމަށް ބޭނުންކުރާ ގާޑިޔާ ނުވަތަ މޭޒު ހުންނަންވީ ގޮތް 8. (ހ) ޢާއްމުތަންތަނުގައި ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ކާބޯތަކެތި ވިއްކަންވާނީ އެގާޑިޔާ ނުވަތަ މޭޒު ކައުންސިލުން ކަނޑައަޅާ، ޒަމާނީ އަދި ރަނގަޅު ފެންވަރަކަށް ތައްޔާރުކޮށްގެންނެވެ.
(ށ) މިޤަވާޢިދުގެ ދަށުން ހުއްދަދެވޭ ގާޑިޔާ ނުވަތަ މޭޒުގައި ކައުންސިލުން އެގާޑިޔާ ނުވަތަ މޭޒަކަށް ކަނޑައަޅާފައިވާ ނަންބަރު ފެންނަ ގޮތަށް އޭގައި ހަރުކޮށްފައި ހުންނަންވާނެއެވެ.
(ނ) މިޤަވާޢިދުގެ ދަށުން ވިޔަފާރި ކުރުމަށް ހުއްދަދެވޭ އެއްވެސް ތަނެއްގައި އަޑުގަދަކޮށް ލަވަޖެހުމާއި އަޑުގަދަވާފަދަ ކަންތައްތައް ކުރުމަކީ މަނާކަމެކެވެ.
(ރ) ގާޑިޔާ ނުވަތަ މޭޒު ހިޔާކޮށްފައި ބަހައްޓާނަމަ، ގާޑިޔާއިން ނުވަތަ މޭޒުން ބޭރަށް 1 (އެކެއް) ފޫޓަށްވުރެ ބޮޑަށް ނުކުންނަ ގޮތަށް ހިޔާ ކުރުމަކީ މަނާކަމެކެވެ. އަދި އެފަދަ ތަންތަނުގައި ޖަނަރޭޓަރު ބޭނުންކޮށްގެން ނުވާނެއެވެ.
ގާޑިޔާ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމަށް ހުއްދަ ދެވޭތަކެތި 9. ގާޑިޔަލުގައި ނުވަތަ މޭޒުބަހައްޓައި ޢާއްމުތަންތަނުގައި ވިޔަފާރިކުރުމަށް ހުއްދަހޯދައިފައިވާ ފަރާތްތަކުން އެފަދަ ތަކެތީގައި ވިއްކަންވާނީ ދިވެހިރާއްޖޭގައި އުފައްދާތަކެއްޗެވެ.
ޞިއްޙީ މިންގަނޑު ހިފެހެއްޓުން 10. މިޤަވާޢިދުގެ ދަށުން ވިއްކާތަކެތި ހުންނަންވާނީ ސިއްޙީގޮތުން ކާބޯތަކެތި ބެހެއްޓުމަށް ކަނޑައެޅިފައިވާ ޤާނޫނާއި ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ޞިއްޙީ ގޮތުން ކާބޯތަކެތި ބެހެއްޓުމަށް ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގެ ޞިއްޙީ މިންގަޑު ބެލެހެއްޓުމާއި އެއިރަކު ޙަވާލުވެފައިވާ އިދާރާތަކުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.
ވިޔަފާރި ކުރާ ސަރަޙައްދުގެ ސާފުޠާހިރުކަން 11. މިޤަވާޢިދުގެ ދަށުން ހުއްދަދެވޭ ވިޔަފާރިކުރުމަށް ދެވިފައިވާ ސަރަޙައްދު ސާފުޠާހިރުކޮށް ބެލެހެއްޓުމަކީ ގާޑިޔާ ނުވަތަ މޭޒުގެ ބަހައްޓައިގެން ވިޔަފާރިކުރުމަށް ހުއްދަނަގާފައިވާ ފަރާތުގެ ޒިންމާއެކެވެ. މިގޮތުން އުފެދޭ ކުނިބުނި، ކުނިއުކާލުމަށް ކަނޑައެޅިފައި އޮންނަ ސަރަޙައްދަކަށް އުކާލަންވާނެއެވެ.
މުދާތަކަށް ޒިންމާވުން 12. މިޤަވާއިދުގެ ދަށުން ހުއްދަދެވިފައިވާ ތަންތަނުގައި ވިޔާފާރިއަށް ބޭނުންކުރާ މުދާތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެގާޑިޔާއެއް ނުވަތަ މޭޒެއް ދޫކުރެވިފައިވާ ފަރާތެއްގެ ޒިންމާއެކެވެ.
ގާޑިޔާއާއި މޭޒުތަކުން ވިޔަފާރިކުރަން ފެށުން 13. ގާޑިޔާ ނުވަތަ މޭޒުފަދަ ތަކެތި ބަހައްޓައިގެން ޢާއްމުކޮށް ޢާއްމުތަނެއްގައި ވިޔަފާރި ކުރަން ފަށަންވާނީ، އެފަދައެއްޗެއްގައި ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ކައުންސިލަށް ހުށަހަޅައި ކައުންސިލުން ހުއްދަ ދިނުމުންނެވެ. އަދި ވިޔާފާރި ކުރުމަށް ހުއްދަ ދެވިފައިވާ ތަނުގައި އެއްވެސް އިރެއްގައި ދިވެއްސަކު ނެތި ވިޔަފާރި ކޮށްގެން ނުވާނެއެވެ.
ފީނެގުން 14. ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމަށް ހުއްދަދޭންވާނީ އެސަރަޙައްދެއް ނިސްބަތްވާ ކައުންސިލަކުން ކަނޑައަޅާ މަހުފީއެއް އެކައުންސިލަކަށް ނުވަތަ އެކައުންސިލުން ކަނޑައަޅާ ފަރާތަކަށް ދެއްކުމުންނެވެ.
ކާބޯތަކެތި ވިއްކުމަށް ކަނޑައެޅިފައިވާ ހުއްދަ ނެގުން 15. ގާޑިޔާއާއި މޭޒުފަދަ ތަންތަނުގައި ވިޔަފާރިކުރުމަށް ކައުންސިލްގެ ފަރާތުން ހުއްދަދޭންވާނީ، އެތަނުގައި ކާބޯތަކެތީގެ ވިޔަފާރި ކުރާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީގައި ރަޖިސްޓްކުރީކުރުމުންނެވެ.
ޤަވާޢިދާ ޚިލާފަށް ޢަމަލުކުރުން 16. މިޤަވާޢިދުގައި މަނާކޮށްފައިވާކަމެއް ކުރުން ނުވަތަ ކުރުމަށް ކަނޑައަޅާފައިވާކަމެއް ނުކޮށްފިނަމަ، އެފަރާތެއް -/500 (ފަސްސަތޭކަ ރުފިޔާ) އާއި -/10000ރ (ދިހަހާސް ރުފިޔާ) އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ކަމާގުޅޭ ކައުންސިލްތަކަށް ލިބިގެންވެއެވެ.
މިޤަވާޢިދު ހިންގުމަށް ހަދަންޖެހޭ އުޞޫލުތައް ހެދުން 17. މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި, މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
މާނަ ކުރުން 18. (ހ) ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ ސިޓީ ކައުންސިލާއި ރަށުކައުންސިލެވެ.
(ށ) މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 70 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2019-01-31)
  • ޕަބްލިކޭޝަންސް: ދާންދޫ އިން މީހުންނަށް ދޫކޮށްފައިވާ ގޯތި ތަކުގައި ގެ އަޅާނޭ ފަރާތްތަކުގެ އަދަދު ކަނޑައެޅުމާބެހޭ (2019-08-07)
  • ޚަބަރު: ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިފްތިތާހު ކޮށްފި (2019-07-19)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު