`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Mon, 17 Dec 2018 10:24:52 +0500

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > ގޯތި ގެދޮރާއި ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމާބެހޭ ޤަވާޢިދު
ތަޢާރުފާއި ނަން 1. (ހ) މިއީ، ޤާނޫނު ނަންބަރު 7/2012 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ފ) ގެ ދަށުން ބާރުލިބިގެން، ގޯތި ނުވަތަ ގޯތިން ބައެއް ނުވަތަ އެ ގޯތީގައި ހަދާފައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއް ކުއްޔަށް ދިނުމާއި ކުއްޔަށް ދިނުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާޢިދެވެ.
(ށ) މިޤަވާޢިދަށް ކިޔާނީ "ގޯތި ގެދޮރާއި ބިމާއި ޢިމާރާތް ކުއްޔަށް ދޫކުރުމާބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚް 2. މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން 3. މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމަށްފަހު މި ޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މި ޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
ދިރިއުޅުމަށް ކުއްޔަށްދޭ ތަންތަން ރަޖިސްޓްރީކުރުން 4. މި ޤަވާޢިދުގެ ދަށުން ގޯތި ގެދޮރާއި ބިމާއި ޢިމާރާތް ދިރިއުޅުމަށްޓަކައި ކުއްޔަށްދޭނަމަ ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަނެއްގެގޮތުގައި، އެރަށެއްގެ ރަށު ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާ އިދާރާއެއްގައި މިޤަވާއިދުގެ 5 ވަނަ ނަންބަރުގައިވާ ލިޔެކިޔުންތަކާއެކު ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ އިދާރާއަކަށް ހުށަހަޅާ ރަޖިސްޓްރީކުރަންވާނެއެވެ.
5. މި ޤަވާޢިދުގެ 4 ވަނަ ނަންބަރުގައިވާ ގޮތަށް ކުއްޔަށްދޭ ތަނެއް ރަޖިސްޓްރީކުރަން ހުށަހަޅާނީ، ތިރީގައިވާ ތަކެއްޗާއެކު ރަށު ކައުންސިލަށް ނުވަތަ ރަށު ކައުންސިލުން ކަނޑައަޅާ އިދާރާއަކަށެވެ.
(ހ) ގޯތީގެ ރަޖިސްޓްރީގެ ކޮޕީ.
(ށ) ޢިމާރާތުގެ ރަޖިސްޓްރީގެ ކޮޕީ.
(ނ) ގޯތީގެ ވެރިފަރާތުގެ އައި.ޑީ.ކާޑު ކޮޕީ.
(ރ) ކުއްޔަށްދޭބައި އެނގޭނޭހެން ކުރަހާފައިވާ، ގޯއްޗާއި ޢިމާރާތުގެ ކުރެހުން.
(ބ) ކުއްޔަށްދޭ ބައިގާ ކުރާނޭ ބޭނުމުގެ ތަފްޞީލު.
ދިރިއުޅުމަށް ނޫން ބޭނުމަށް ކުއްޔަށް ދިނުމުގެ ހުއްދަ 6. މިޤަވާޢިދުގެ ދަށުން ގޯތި ގެދޮރާއި ބިމާއި ޢިމާރާތް ދިރިއުޅުން ނޫން ބޭނުމަކަށް ކުއްޔަށް ދޭންވާނީ އެރަށެއްގެ ރަށު ކައުންސިލުގެ ނުވަތަ ރަށު ކައުންސިލުން ކަނޑައަޅާ އިދާރާއެއްގެ ހުއްދަ ހޯދުމަށްފަހުގައެވެ.
ދިރިއުޅުމަށް ކުއްޔަށް ދެވޭނޭ މުއްދަތު 7. ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗަކުން ބައެއް ނުވަތަ ބަންޑާރަ ގޯއްޗެއްގައި ކޮށްފައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތެއްގެ ބައެއް، ދިރިއުޅުމަށް ކުއްޔަށްދެވޭނީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ގިނަވެގެން 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށެވެ.
ދިރިއުޅުން ނޫން ބޭނުމަކަށް ކުއްޔަށް ދެވޭނޭ މުއްދަތު 8. ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ ގޯއްޗެއްގައި ކޮށްފައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއް ދިރިއުޅުންނޫން ބޭނުމަކަށް ކުއްޔަށްދެވޭނީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ގިނަވެގެން 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
ކުއްޔަށްދޭ މުއްދަތު ގުނުން 9. ދިރިއުޅުމަށް ނުވަތަ ދިރިއުޅުން ނޫން ބޭނުމަކަށް ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ކުއްޔަށްދެނީ އެތަނުގައި ޢިމާރާތްކުރުމަށްފަހު ބޭނުންކުރުމަށް ކަމުގައިވާނަމަ، ޢިމާރާތްކުރުމަށްދާ މުއްދަތު މިޤަވާޢިދުގެ 8 ވަނަ އަދި 9 ވަނަ ނަންބަރުގައިވާ މުއްދަތުގެ ތެރޭގައި ހިމެނޭނެއެވެ.
ކުއްޔަށް ދިނުމުގެ އެއްބަސްވުން 10. (ހ) މުޅި ގޯތި ނުވަތަ ގޯތީގައި ކޮށްފައިވާ މުޅި ޢިމާރާތް ކުއްޔަށް ދޭންވާނީ ކުއްޔަށްދިނުމާ ބެހޭގޮތުން، ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި، އެގްރީމަންޓް ކުރުމަށްފަހުގައެވެ.
(ށ) ކުއްޔަށްދެނީ ގޯއްޗެއްގެ ބައެއް، ނުވަތަ ޢިމާރާތެއްގެ ބައެއް ކަމަށްވާނަމަ، އަދި އެތަނެއް ކުއްޔަށްދެނީ 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގު މުއްދަތަށް ކަމަށްވާނަމަ، އެތަނެއް ކުއްޔަށްދޭންވާނީ އެތަނެއް ކުއްޔަށްދިނުމާބެހޭގޮތުން، އެގްރީމަންޓް ކުރުމަށްފަހުގައެވެ.
ކުއްޔަށްދޭ އެގްރީމެންޓްގައިހުންނަން ޖެހޭ ކަންތައްތައް. 11. މި ޤަވާޢިދުގެ 11 އަދި 12 ވަނަ ނަންބަރުގައި ބުނެފައިވާ އެގްރީމަންޓުގައި ތިރީގައި ބުނެފައިވާ ބައިތައް ހިމަނަންވާނެއެވެ.
(ހ) ކުއްޔަށްދޭ މުއްދަތު.
(ށ) ގޯތި ނުވަތަ ޢިމާރާތުގެ ކުލި.
(ނ) ކުއްޔަށް ދޫކުރެވޭ ބޭނުން.
(ރ) ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައިވާ މުއްދަތު ހަމަވުމުގެކުރިން ކުއްޔަށް ހިފާފަރާތުން ތަންދޫކޮށްލާނަމަ ނުވަތަ ކުއްޔަށް ދޫކުރިފަރާތުން ތަން އަތުލާނަމަ އެތަނުގައި ކުއްޔަށް ހިފިފަރާތުން ކޮށްފައިވާ ޢިމާރާތާއި ނުއުފުލޭ މުދަލާމެދު ޢަމަލުކުރުމަށް އެއްބަސްވެފައިވާގޮތް.
(ބ) ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ބައިވެރިއަކު މަރުވެއްޖެނަމަ ހަދާނެގޮތް.
އެއްބަސްވުމުގެ ބައިވެރިއަކު މަރުވުން 12. ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުމުގެ ބައިވެރިއަކު މަރުވެގެން، ވާރިސުންގެ މެދުގައި ބަހަންވާނީ، ޝަރީޢަތުން އެހެންގޮތަކަށް ނުނިންމާހާ ހިނދަކު ކުއްޔަށްދިނުމުގެ އެއްބަސްވުމާ ޚިލާފުނުވާގޮތެއްގެ މަތިންނެވެ.
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް 13. މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި, މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
މާނަކުރުން 14. (ހ) ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާއި އަދި ރަށުކައުންސިލެވެ.
(ށ) މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 60 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2018-11-15)
  • ޕަބްލިކޭޝަންސް: ދާންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ އޮފިސަރުންހޯދުމާއި ބެހޭ (2018-10-18)
  • ޚަބަރު: މައުލޫމާތު ހާމަކުރުމުގެ 1 ވަނަ ދަރަޖަ ދާންދޫ ކައުންސިލުން ހާސިލްކޮށްފި (2018-10-17)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު