`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Thu, 28 Mar 2024 18:01:02 +0000
ކޯވިޑް-19ގެ ދާންދޫގެ އެންމެފަހުގެ މަޢުލޫމާތު
 
ކޮވިޑް-19ގެ ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > ގޯތި ގެދޮރުގައި އިމާރާތްކުރަން ހުއްދަ ދިނުމާބެހޭ ޤަވާޢިދު
ތަޢާރުފާއި ނަން 1. (ހ) މިއީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ޓ) ގެ ދަށުން ބާރުލިބިގެން، އެކުލަވާލެވިފައިވާ ގޯތި ގެދޮރުގައި އިމާރާތްކުރަން ހުއްދަ ދިނުމާބެހޭ ޤަވާޢިދެވެ.
(ށ) މިޤަވާޢިދަށް ކިޔާނީ "ގޯތި ގެދޮރުގައި ޢިމާރާތްކުރަން ހުއްދަ ދިނުމާބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚު 2. މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުމާއި އިސްތިސްނާތައް 3. (ހ) މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ.
(ށ) މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމަށްފަހު މިޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
ގޯތިގެދޮރުގައި ޢިމާރާތްކުރުން 4. (ހ) ދިރިއުޅުމަށް ނުވަތަ އެހެންކަމަކަށް ދޫކުރެވިފައިވާ ގޯއްޗެއްގައި ނުވަތަ ބިމެއްގައި ޢިމާރާތެއް ކުރާނަމަ ކުރާންވާނީ މިޤަވާޢިދާއި ދިވެހިރާއްޖޭގައި ޢިމާރާތްކުރުމަށް ހެދިފައިވާ އެންމެހާ ޢާއްމު ޤާނުނުތަކާއި ޤަވާޢިދު ތަކާއި ޚިލާފު ނުވާގޮތަށެވެ. އަދި މިޤަވާޢިދުގައި ކަނޑައެޅިގެން ބަޔާންވެފައި ނުވާނަމަ، ވަކި ދާއިރާއަކަށް ޚާއްޞަކުރެވި ހެދިފައި ހުންނަ ޤަވާޢިދުތަކަށް ޢަމަލުކުރުން ލާޒިމް ނުކުރެވޭނެއެވެ.
(ށ) ދިރިއުޅުމަށް ނުވަތަ އެހެން ކަމަކަށް ދޫކޮށްފައިވާ ގޯއްޗެއްގައި ނުވަތަ ބިމެއްގައި 6 (ހައެއް) މީޓަރަށްވުރެ އުސްކޮށް ނުވަތަ 1 (އެކެއް) ބުރިއަށްވުރެ ގިނަ ބުރިތަކެއް އެކުލެވޭ ގޮތަށް ޢިމާރާތެއް ކުރާނަމަ އެޢިމާރާތް ކުރަންވާނީ އެރަށެއްގެ ނުވަތަ ސިޓީއެއްގެ ސިޓީކައުންސިލުން ޢިމާރާތުގެ ކުރެހުން ފާސްކޮށް ޢިމާރާތް ކުރުމުގެ ހުއްދަ ކައުންސިލްގެ ފަރާތުން އެފަރާތަކަށް ދިނުމުންނެވެ. 6 (ހައެއް) މީޓަރަށްވުރެ އުސްނުވާގޮތަށް ނުވަތަ 1 (އެކެއް) ބުރިއަށް ޢިމާރާތް ކުރާއިރު ކައުންސިލުން ހުއްދަނެގުން ލާޒިމް ނުކުރިނަމަވެސް ޢިމާރާތް ކުރަންވާނީ މިޤަވާޢިދާ ޚިލާފު ނުވާ ގޮތެއްގެ މަތިންނެވެ.
(ނ) ކައުންސިލްގެ ފަރާތުން ހުއްދަދީފައިވާ ކުރެހުމަށް ކައުންސިލުގެ ހުއްދަނެތި ބަދަލު ގެނައުމާއި އެކުރެހުމާއި ޚިލާފަށް ޢިމާރާތްކުރުމަކީ މަނާކަމެކެވެ. ކައުންސިލުން ހުއްދަދީފައި އޮންނަ ކުރެހުމަށް ބަދަލު ގެނެވޭނީ ގެންނަން ބޭނުންވާ ބަދަލެއް ކައުންސިލަށް ހުށަހެޅުމުން ކައުންސިލުން އެބަދަލެއް ގެނައުމަށް ލިއުމުން ހުއްދަދިނުމުންނެވެ.
(ރ) މިނަންބަރުގެ (ނ) އާ ޚިލާފުވާ ފަރާތެއް ކަމުގެ ކުޑަބޮޑުމިނަށް ބަލައި -/5000 (ފަސްހާސް) ރުފިޔާއާއި -/100000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން އެމީހަކު ނުވަތަ އެފަރާތެއް ޖޫރިމަނާ ކުރުމާއި ނުވަތަ ޖޫރިމަނާއާއެކު މިޤަވާޢިދާ ޚިލާފުވެފައިވާ މިންވަރު އިޞްލާޙްކުރުމަށް އެންގުމާއި އެކަން ތަންފީޛް ކުރުމުގެ ބާރާއި އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
ޢިމާރާތް ކުރުމުގެ ހުއްދަ ޢާއްމުކޮށް ފެންނަ ގޮތަށް ބެހެއްޓުން 5. ޢިމާރާތްކުރުމަށް މިޤަވާޢިދުގެ ދަށުން ދޫކުރެވިފައިވާ ހުއްދަ ޢާއްމުކޮށް ފެންނަގޮތަށް ޢިމާރާތްކުރާ ސަރަޙައްދުގައި ބަހައްޓާފައި ހުންނަންވާނެއެވެ.
ޢިމާރާތުގެ ފާސްކުރި ކުރެހުމުގެ މުއްދަތު 6. (ހ) ޢިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިއުން ހޯދުމަށްފަހު، ގިނަވެގެން 4 (ހަތަރެއް) އަހަރުގެ ތެރޭގައި ޢިމާރާތް ކުރުމުގެ ހުއްދަ ހޯދާފައި ނުވާނަމަ، ޢިމާރާތުގެ ކުރެހުން ފާސްކުރި ލިއުން ބާޠިލްވާނެއެވެ.
(ށ) މިނަންބަރުގެ (ހ) ގައިވާ ޢިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިއުން ބާޠިލު ކުރެވޭ ފަހުން ޢިމާރާތްކުރަން ބޭނުންވެއްޖެނަމަ، ޢިމާރާތް ކުރަންވާނީ ޢިމާރާތުގެ ކުރެހުން އަލުން ފާސްކުރުމަށް ހުށަހަޅައި އެހުއްދަ ހޯދައިގެންނެވެ.
ޢިމާރާތްކުރުމުގެ ހުއްދަ ބާޠިލްވުން 7. ޢިމާރާތް ކުރުމުގެ ހުއްދަ ހޯދުމަށްފަހު ގިނަވެގެން 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ޢިމާރާތް ކުރަން ފަށައިފައި ނުވާނަމަ، ޢިމާރާތްކުރުމުގެ ހުއްދަ ބާޠިލްވާނެއެވެ. 1 (އެކެއް) އަހަރުވުމަށްފަހު ޢިމާރާތްކުރުމަށް އަލުން ހުއްދަދެވޭނީ، މުއްދަތު ހަމަނުވާ ޢިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިއުން ހުށަހެޅުމުންނެވެ.
ފައުންޑޭޝަން އެޅުމަށް ބިން ކޮނުން 8. (ހ) 1 (އެކެއް) ބުރިއަށްވުރެ އުސްކޮށް ޢިމާރާތްކުރުމަށްޓަކައި ފައުންޑޭޝަން އެޅުމަށް ބިން ކޮންނަންވާނީ، ފައުންޑޭޝަން ޕްރޮޓެކްޝަން މެތަޑް ކައުންސިލަށް ހުށަހަޅައި ފާސްކުރުމަށްފަހުގައެވެ.
(ށ) މިނަންބަރުގެ (ހ) ގައި ބަޔާން ކޮށްފައިވާ ޕްރޮޓެކްޝަން މެތޮޑުގައި ހުރުން ލާޒިމްކުރާ ކަންތައްތައް ބަޔާންކޮށް ކައުންސިލްގެ ފަރާތުން މިޤަވާޢިދަށް ޢަމަލު ކުރަންފަށާދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އުޞޫލުތައް ކަނޑައަޅައި ޢާއްމުކޮށް ޢިޢުލާން ކުރަންވާނެއެވެ.
ފެން ޕަންޕްކުރުން 9. (ހ) ޢިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްކުރުމަށް ނުވަނަ މިނޫން އެހެން މަސައްކަތެއް ކުރުމަށްޓަކައި ފެން ޕަންޕްކުރަންވާނީ ނުވަތަ ބިމުން ފެންދަމަންވާނީ ކައުންސިލުން އަންގާ ގޮތެއްގެ މަތީންނެވެ.
(ށ) މިނަންބަރުގެ (ހ) ގައި އެހެން އޮތްނަމަވެސް، ބިމުން ފެންދެމުމަށް ކައުންސިލުން ހުއްދަ ދޭންވާނީ ރަށްރަށުގެ ފެނާބެހޭ ކަންތައްތައް ބެލެހެއްޓުމަށް އެއިރެއްގައި ދައުލަތުން ހަމަޖައްސާ އިދާރާއަކުން އެސަރަޙައްދަކުން ފެންދެމުމުގައި މައްސަލަ މެދުވެރި ނުވާނެ ކަމުގެ ލަފައެއް ލިބުމުންނެވެ.
ޢާއްމު ޚިދުމަތްތައް ބޭނުން ކުރަމުން ގެންދިޔަ ޢިމާރާތެއް ތަޅާލުން 10. ޢިމާރާތެއް ކުރުމަށް ނުވަތަ އެނޫންވެސް ބޭނުމަކަށް ޢިމާރާތެއް ތަޅާލާންވާނީ އެތަނެއްގައިހުރި ކަރަންޓް، ޓެލެފޯން އަދި ފާޚާނާއާއި ފެނުގެ މައްސަލަ، އެޚިދުމަތްތައްދޭ ތަންތަނުން ހުއްދަ ހޯދައި އެތަންތަނުން އަންގާ ގޮތެއްގެ މަތިން ޙައްލުކުރުމަށް ފަހުގައެވެ.
ޢިމާރާތް ކުރުމުގެ ސަބަބުން ފެންނަ ގިފިލި ފާޚާނާ 11. ޢިމާރާތެއް ކުރަމުންދާއިރު ނިވާކަމެއް ނެތި ފެންނަ ގިފިލިތަކާއި ފާޚާނާތައް، ޢިމާރާތް ކުރުމަށް ހުއްދަދޭފަރާތުން އަންގާގޮތެއްގެ މަތިން ޢިމާރާތް ކުރުމަށް ހުއްދަހޯދާ ފަރާތުން ނިވާކޮށްދޭންވާނެއެވެ.
އިންބެލުން 12. (ހ) ޢިމާރާތް ކުރެވެނީ ގޯތީގެ އެއްވެސް ފަރާތެއްގެ އިމެއް ބޭނުންކޮށްގެން ކަމުގައިވާނަމަ، ފައުންޑޭޝަން އެޅުމުގެ ކުރިން އިމުގެ އެއްވެސް މައްސަލައެއް ހުރިތޯ ޗެކްކޮށް ބެލުމަށްޓަކައި ފައުންޑޭޝަން އަޅަން ބޭނުންވާ ދުވަސް ބަޔާންކޮށް އެގެއެއް ނުވަތަ އެގޯއްޗެއް ނިސްބަތްވާ ކައުންސިލަކަށް ހުށަހަޅަންވާނެއެވެ. އަދި ފައުންޑޭޝަން އަޅަން ފެށުމުގެ 24 (ސައުވީސް) ގަޑިއިރު ކުރިން ފައުންޑޭޝަން އަޅާވަގުތު ކައުންސިލަށް އަންގަންވާނެއެވެ.
(ށ) މިނަންބަރުގެ (ހ) ގައި ބުނެފައިވާ ހުއްދަ ދޫކުރަންވާނީ މިޤަވާޢިދުގެ ދަށުން ކައުންސިލުން ފީނެގުމަށް ކަނޑައަޅާ އުޞޫލާއެއްގޮތަށެވެ.
(ނ) މިނަންބަރުގެ (ށ) ގައި ބުނެފައިވާ ގޮތަށް ޢިމާރާތް ކުރާފަރާތުން ކަނޑައެޅިފައިވާ ފީ ދައްކާތާ ގިނަވެގެން 2 (ދޭއް) ދުވަސްތެރޭގައި އިން ބެލުމަށްފަހު މިޤާވާޢިދުގެ ދަށުން ނުވަތަ ކައުންސިލުން ކަނޑައަޅާ އުޞޫލުގެ ދަށުން ފުރިހަމަވާން ޖެހޭ ކަންތައް ފުރިހަމަކަމަށް ކައުންސިލަށް ފެނިއްޖެނަމަ، އެކަމަށް ކައުންސިލުގެ ފަރާތުން ހުއްދަ ދިންކަން ލިއުމުން އަންގަންވާނެއެވެ.
(ރ) މިނަންބަރުގެ (ހ)ގައި ބުނެފައިވާ ގޮތާ ޚިލާފުވާ ފަރާތްތައް -/3000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ފައުންޑޭޝަން އިމުން ބޭރުގައި އަޅާފައިވާނަމަ ފައުންޑޭޝަން ނެގުމަށް އެންގުމާއެކު ތަންފީޛީ އިދާރާތައް މެދުވެރިކޮށް މަސައްކަތް ހުއްޓުވައި ފައުންޑޭޝަން ނުވަތަ ކޮށްފައިވާ ބިނާ ނެގުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.
ޢިމާރާތް ބޭނުން ކުރުން 13. ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއް ނިމުމަށްފަހު ބޭނުންކުރަން ފަށަންވާނީ ޢިމާރާތް ބޭނުންކުރަން ފެށުމުގެ ހުއްދަ ލިއުމަކުން ކައުންސިލުން ހޯދައިގެންނެވެ.
ކޮމާރޝަލް ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ޑިވެލޮޕްމެންޓް ޕްލޭން 14. އެކިއެކި ކޮމާރޝަލް ބޭނުންތަކަށް ސަރުކާރުން ޑިވެލޮޕްކުރުމަށް ދޫކުރާ ބިންބިމުގައި ޢިމާރާތް ކުރަންވާނީ ދިވެހިރާއްޖޭގެ ޑިވެލޮޕްމެންޓް ކޮންޓްރޯލް ޕްލޭނާއި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ލޭންޑް ޔޫސް ޕަލޭނާއި ތަޢާރުޟް ނުވާ ގޮތެއްގެ މަތިން ބިމާ ބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
ޢިމާރާތުގެ އުސްމިން ބެލުން 15. (ހ) ޢިމާރާތުގެ އުސްމިންކަމަށް ބެލެވޭނީ އެޢިމާރާތެއްގެ އެންމެ މަތީގައި ފުރާޅެއްލާނަމަ، ދުވާރުންފެށިގެން ރޫފްބީމުގެ މަތީ ކައިރިއާއި ހަމައަށެވެ. ނުވަތަ ޢިމާރާތުގެ އެންމެ މަތި ޓެރަހެއް ބާއްވާނަމަ، ދުވާރުންފެށިގެން ޓެރަސް ސްލެބް ނުވަތަ ޑެކްގެ މަތީ ކައިރިއާ ހަމައަށެވެ. އަދި ޢިމާރާތެއް ހެދޭނެ އެންމެ އުސްމިން ކަނޑައެޅުމުގައި ބެލޭނީ އެޢިމާރާތެއްގެ ބޮޑުމިނަށާއި ފުޅާމިނަށާއި އެޢިމާރާތަކަށް ވަދެނިކުތުމަށް އޮންނަ މަގު ނުވަތަ ގޯޅީގެ ފުޅާމިނަށެވެ.
(ށ) މިނަންބަރުގެ (ހ)ގައި ބުނެވުނު ޢިމާރާތުގެ އުސްމިންތައް ހުންނަންވާނީ ޢިމާރާތްކުރެވޭ އެންމެ އުސްމިން ކަނޑައެޅުމަށްޓަކައި ބޭނުންކުރެވޭނޭ ގޮތްތަކާއި ބެހޭގޮތުން ހަދާ އުޞޫލާ އެއްގޮތަށެވެ.
ޢިމާރާތުގެ އުސްމިން ބެލުމަށް ބޭނުން ކުރާ ފޯރމިއުލާ 16. (ހ) ޢިމާރާތެއް ހެދޭނެ އެންމެ އުސްމިން ކަނޑައެޅުމުގައި ބޭނުންކުރާނީ ތިރީގައިވާ ފޯމިއުލާގައި ބަޔާން ކޮށްފައިވާ ގޮތަށެވެ. މިފޯމިއުލާ ބޭނުންކޮށްގެން ޢިމާރާތުގެ ސީދާ އެންމެ ދިގުމިން ހޯދުމަށްފަހު ޢިމާރާތުގެ ބޮޑުމިން (އޭރިއާ) އެމިނުން ގެއްލުމުން ލިބޭ މިނަކީ ޢިމާރާތުގެ ވިޑްތު ކޮއިފިޝަންޓް އެވެ.
ވިޑްތް ކޮއިފިޝަންޓް = 1 x އޭރިއާ

ސީދާ އެންމެ ދިގުމިން
(ށ) މިނަންބަރުގެ (ހ) ގައި ބަޔާން ކުރެވިފައިވާ ގޮތަށް ގޯއްޗެއްގެ ނުވަތަ ތަނެއްގެ މިންތައް ހުރި ގޮތުން ވިޑްތު ކޮއިފިޝަންޓް ހޯދޭގޮތް ނުވެއްޖެނަމަ، އެކަން ކައުންސިލަށް ހުށަހެޅުމުން ކައުންސިލުން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރުމަށްފަހު އެތަނެއްގައި ޢިމާރާތް ކުރުމާއި މެދު ގޮތެއް ނިންމަންވާނެއެވެ.
ޢިމާރާތުގެ ވިޑްތު ކޮއިފިޝަންޓްއަށާއި އޭރިއާއަށް ބަލައި ޢިމާރާތުގެ އުސްމިން ކަނޑައެޅުން 17. (ހ) ޢިމާރާތުގެ ވިޑްތު ކޮއިފިޝަންޓްއާއި އޭރިއާއަށް ބަލައި ޢިމާރާތް ކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމުގައި ބޭނުން ކުރަންވާނީ ތިރީގައިވާ ފޯމިއުލާއެވެ.
ޢިމާރާތް ކުރެވޭ އެންމެ އުސްމިން = ޢިމާރާތުގެ ވިޑްތު ކޮއިފިޝަން x 0.3875 + 1.2

0.8
(ށ) ޢިމާރާތް ކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމަށްޓަކައި ބޭނުން ކުރެވޭ ދެވަނަ ގޮތަކީ ޢިމާރާތުގެ އޭރިއާއަށް ބަލައި ޢިމާރާތް ކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމެވެ. މިގޮތް ބޭނުން ކުރެވޭނީ ޢިމާރާތުގެ ވިޑްތު ކޮއިފިޝަންޓް ޢިމާރާތުގެ އޭރިއާގެ ސްކެއަރ ރޫޓްގެ ދިހަބައިކުޅަ އަށްބަޔާ އެއްވަރު ނުވަތަ އެއަށްވުރެ ބޮޑުނަމައެވެ. މިގޮތަށް ބޭނުންކުރާނީ ތިރީގައިވާ ފޯމިއުލާއެވެ.
ޢިމާރާތް ކުރެވޭނެ އެންމެ އުސްމިން = ޢިމާރާތުގެ އޭރިޔާ x 0.3875 + 1.2
ޢިމާރާތުގެ ސިޑިގޮޅިއާއި ލިފްޓާއި މެޝިންރޫމް ޢިމާރާތުގެ އުސްމިން ތެރޭގައި ހިމެނުން 18. މިޤަވާޢިދުގެ 16 ވަނަ ނަންބަރާއިއާއި 17 ވަނަ ނަންބަރުގައިގައި ވާގޮތަށް ޢިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމަށްފަހު އެއުސްމިނަށްވުރެ މައްޗަށް ޢިމާރާތުގެ ސިޑިގޮޅިޔާ ލިފްޓް މެޝިންރޫމް ހިޔާކުރާބައި ހެދިދާނެއެވެ. މިގޮތަށް ހެދުމުގައި ހިޔާކޮށްފައިވާ ބަޔަކީ އިތުރު އެއްވެސް ބޭނުމެއް ނުހިފޭ ގޮތަށް ހަދާފައިވާ ތަނަކަށްވާން ޖެހޭނެއެވެ. މިބައިތައް އެންމެ އުސްކޮށްހެދޭނީ އެންމެ އުސްކޮށް ޢިމާރާތް ކުރެވޭނެކަމަށް ކަނޑައެޅިފައިވާ އުސްމިނަށްވުރެ 4 (ހަތަރެއް) މީޓަރު އުސްނުވާ ވަރަށެވެ. އެއަށްވުރެ އުސްވާނަމަ، ބަހައްޓަން ބޭނުންވާ ލިފްޓުގެ ތަފްޞީލް މެނުފެކްޗަރސް ސްޕެސިފިކޭޝަން ހުށަހަޅަން ވާނެއެވެ. އަދި ސިޑި ގޮޅިއާއި ލިފްޓްގޮޅި ހިޔާކުރާބައިގައި އަސްކަންޏެއްލާނަމަ، އެއަސްކަނީގައި އެންމެ ފުޅާވެގެން ބެހެއްޓޭނީ 1.5 (އެކެއް ޕޮއިންޓް ފަހެއް)މީޓަރަށެވެ.
ޢިމާރާތް ކުރާ އޭރިއާގެ ބޮޑުމިނުގައި 9.291 އަކަމީޓަރު ހަމަނުވާ ތަންތަނުގައި ޢިމާރާތް ކުރުން 19. ޢިމާރާތުގެ އޭރިޔާ 9.291 (ނުވައެއް ޕޮއިންޓް ދޭއް ނުވައެއް އެކެއް) އަކަމީޓަރަށްވުރެ ކުޑަވެއްޖެނަމަ، އެއްބުރިއަށްވުރެ އުސްކޮށް އެތަނުގައި ބިނާއެއް ހަދައިގެން ނުވާނެއެވެ. އަދި ޢިމާރާތުގެ ވިޑްތު ކޮއިފިޝަންޓް 1.829 (އެކެއް ޕޮއިންޓް އަށެއް ދޭއް ނުވައެއް) މީޓަރު ނުވަތަ 6 (ހައެއް) ފޫޓަށްވުރެ ހަނިނަމަ، އެފަދަ ތަނެއްގައިވެސް އެއްބުރިއަށްވުރެ އުސް ޢިމާރާތެއް ކޮށްގެން ނުވާނެއެވެ.
ޢިމާރާތަށް ވަދެނިކުތުމަށް އޮންނަ މަގު ނުވަތަ ގޯޅީގެ ފުޅާމިނަށް ބަލައި ޢިމާރާތް ކުރެވޭނެ އެންމެ އުސްމިން 20. ޢިމާރާތަށް ވަދެނިކުތުމަށް އޮންނަ މަގު ނުވަތަ ގޯޅީގެ ފުޅާމިނަށް ބަލައި ޢިމާރާތް ކުރެވޭނެ އެންމެ އުސްމިން ކަނޑައަޅާނީ ތިރީގައިވާ އުޞޫލުންނެވެ.
  1. ގޯޅިމަގުގެ ފުޅާމިން 1.219 (އެކެއް ޕޮއިންޓް ދޭއް އެކެއް ނުވައެއް) މީޓަރަށްވުރެ ހަނިނަމަ، އެތަނުގައި 1 (އެކެއް) ބުރިއަށްވުރެ އުސް ޢިމާރާތެއް ކޮށްގެން ނުވާނެއެވެ.
  2. ގޯޅިމަގަކީ 1.219 (އެކެއް ޕޮއިންޓް ދޭއް އެކެއް ނުވައެއް) މީޓަރާއި 1.524 (އެކެއް ޕޮއިންޓް ފަހެއް ދޭއް ހަތަރެއް) މީޓަރާދެމެދުގެ ގޯޅިއެއްނަމަ، މިޤަވާޢިދާ ޚިލާފު ނުވާނެ ގޮތެއްގެ މަތިން 3 (ތިނެއް) ބުރިއަށްވުރެ އުސްނުވާ ވަރަށް 9 (ނުވައެއް) މީޓަރާ ހަމައަށް ޢިމާރާތް އުސްކުރެވިދާނެއެވެ.
  3. ގޯޅިމަގަކީ 1.524 (އެކެއް ޕޮއިންޓް ފަހެއް ދޭއް ހަތަރެއް) މީޓަރާއި 1.829 (އެކެއް ޕޮއިންޓް އަށެއް ދޭއް ނުވައެއް) މީޓަރާ ދެމެދުގެ ގޯޅިއެއްނަމަ، މިޤަވާޢިދާ ޚިލާފު ނުވާނެ ގޮތެއްގެ މަތިން 6 (ހައެއް) ބުރިއަށްވުރެ އުސްނުވާ ވަރަށް 19.20 (ނަވާރަ ޕޮއިންޓް ދޭއް ސުމެއް) މީޓަރާ ހަމައަށް ޢިމާރާތް އުސްކުރެވިދާނެއެވެ.
  4. ގޯޅިމަގަކީ 1.829 (އެކެއް ޕޮއިންޓް އަށެއް ދޭއް ނުވައެއް) މީޓަރާއި 3.048 (ތިނެއް ޕޮއިންޓް ސްމެއް ހަތަރެއް އަށެއް) މީޓަރާ ދެމެދުގެ ގޯޅިއެއްނަމަ، މިޤަވާޢިދާ ޚިލާފު ނުވާނެ ގޮތެއްގެ މަތިން 8 (އަށެއް) ބުރިއަށްވުރެ އުސްނުވާ ވަރަށް 25.20 (ފަންސަވީސް ޕޮއިންޓް ދޭއް ސުމެއް) މީޓަރާ ހަމައަށް ޢިމާރާތް އުސްކުރެވިދާނެއެވެ.
  5. ގޯޅިމަގުގެ ފުޅާމިން 3.048 (ތިނެއް ޕޮއިންޓް ސުމެއް ހަތަރެއް އަށެއް) މީޓަރަށްވުރެ ފުޅާނަމަ، މިޤަވާޢިދުގައި ބަޔާންކުރެވިފައިވާ ކަންތައްތަކާ ޚިލާފު ނުވާނެ ގޮތެއްގެ މަތިން އެތަނުގައި 30.48 (ތިރީސް ޕޮއިންޓް ސުމެއް ހަތަރެއް އަށެއް) މީޓަރާއި ހަމައަށް ޢިމާރާތް ކުރެވިދާނެއެވެ.
ގޯޅިއާއި ގޯތީގެ ބޮޑުމިނަށްބަލައި ޢިމާރާތް ކުރުމަށް ހުއްދަދިނުން 21. ގޯއްޗަށް ވަދެނުކުމެހެދުމަށް ކަނޑައިދެވިފައިވާ ގޯޅީގެ ބޮޑުމިނުގައި 1.524 (އެކެއް ޕޮއިންޓް ފަހެއް ދޭއް ހަތަރެއް) މީޓަރު ނުވަތަ 5 (ފަހެއް) ފޫޓް ހުންނަގޮތަށް މައިމަގަށް ނުވާ ގޯއްޗެއްގެ ބޮޑުމިނުގައި ނުވަތަ ގޯތީގައި ހިމެނޭ 1 (އެކެއް) ބަޔަށްވުރެ ގިނަބައިތައް އެއްކޮށްލުމުން 600 (ހަސަތޭކަ) އަކަފޫޓް ހަމަވާނަމަ، ނުވަތަ 600 (ހަސަތޭކަ) އަކަފޫޓަށްވުރެ އިތުރުވާނަމަ، އެގޯއްޗެއްގައި 3 (ތިނެއް) ބުރި ނުވަތަ 9 (ނުވައެއް) މީޓަރަށްވުރެ އުސް ޢިމާރާތެއް ކުރެވިދާނެއެވެ. މިގޮތުން ޢިމާރާތްކުރެވޭނީ ތިރީގައި ބަޔާންކުރެވިފައިވާ އުޞޫލުންނެވެ.
  1. ޢިމާރާތުގެ އޭރިއާގައި 600 (ހަސަތޭކަ) އަކަފޫޓް ހަމަވާނަމަ، އެފަދަ ތަނެއްގައި 4 (ހަތަރެއް) ބުރިއަށްވުރެ އުސްނުވާ ވަރަށް 12 (ބާރަ) މީޓަރު އުސްމިނުގައި ޢިމާރާތް ކުރެވިދާނެއެވެ.
  2. ޢިމާރާތުގެ އޭރިއާގައި 800 (އަށްސަތޭކަ) އަކަފޫޓް ހަމަވާނަމަ، އެފަދަ ތަނެއްގައި 5 (ފަހެއް) ބުރިއަށްވުރެ އުސްނުވާ ވަރަށް 15 (ފަނަރަ) މީޓަރު އުސްމިނުގައި ޢިމާރާތް ކުރެވިދާނެއެވެ.
  3. ޢިމާރާތުގެ އޭރިއާގައި 800 (އަށްސަތޭކަ) އަކަފޫޓް ހަމަވެ 4000 (ހަތަރު ހާސް) އަކަފޫޓަށްވުރެ ކުޑަނަމަ، އެފަދަ ތަނެއްގައި 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރު އުސްމިނުގައި ޢިމާރާތް ކުރެވިދާނެއެވެ.
ވަކި ސަބަބަކަށްޓަކައި ވަކިވަރަކަށްވުރެ އުސްކޮށް ޢިމާރާތް ކުރުމަށް ހުއްދު ނުދިނުން 22. އެކި އެކި ސަބަބުތަކަށްޓަކައި ވަކިވަރަކަށްވުރެ އުސްކޮށް ޢިމާރާތްކުރުމަށް ހުއްދަދެވެން ނޯންނަ ތަންތަނުގައި ޢިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައަޅާނީ ކަމާބެހޭ ދާއިރާގެ ލަފާގެ މަތީން އެގޯއްޗެއް ހިމެނޭ ރަށެއްގެ ރަށުކައުންސިލުން ނުވަތަ ސިޓީއެއްގެ ސިޓީ ކައުންސިލުންނެވެ.
45 މީޓަރާ ހަމައަށް ޢިމާރާތްކުރުން 23. (ހ) އެންމެ އުސްކޮށް ޢިމާރާތެއް ކުރެވޭނީ 45 (ސާޅީސް ފަހެއް) މީޓަރަށްވުރެ އުސްނުވާ ވަރަށެވެ.
(ށ) 30.48 (ތިރީސް ޕޮއިންޓް ހަތެރެއް އަށެއް) މީޓަރަށްވުރެ އުސްކޮށް މިނަންބަރުގެ (ހ) ގައިވާ އުސްމިނަށް ޢިމާރާތްކުރުމުގެ ހުއްދަ ދޭންވާނީ އެޢިމާރާތެއް ކުރާ ބިމުގެ ބޮޑުމިނުގައި 6000 (ހަހާސް) އަކަފޫޓް ހަމަވާނަމައެވެ.
45 މީޓަރަށްވުރެ އުސް ޢިމާރާތްކުރުމަށް ހުއްދަ ދިނުން 24. (ހ) ޢިމާރާތް 45 (ސާޅީސް ފަހެއް) މީޓަރު އުސްމިނަށް ހެދުމުގެ ހުއްދަދޫކުރަންވާނީ އެޢިމާރާތުގެ އޭރިޔާގައި ކުޑަވެގެން 371.612 (ތިންސަތޭކަ ހަތްދިހަ އެކެއް ޕޮއިންޓް ހައެއް އެކެއް ދޭއް) އަކަމީޓަރު ހަމަވެފައި ޢިމާރާތުގެ ވިޑްތު ކޮއިފިޝަންޓް 12 (ބާރަ) މީޓަރު ހަމަވެ، މައިމަގަށްވާ އިމުގެ ފުޅާމިނުގައި 15 (ފަނަރަ) މީޓަރު ހަމަވާނަމައެވެ. ޢިމާރާތުގެ އޭރިޔާ ބެލުމުގައި ޢިމާރާތަށް ވަޔާއި އަލިކަން ފޯރުވުމަށްޓަކައި ހުސްކޮށް ވައިގޮޅި ކަނޑާފައިހުންނަ ބައިތަކާއި ސެޓްބެކްފަދަ ތަންތަނުގައި އޭރިޔާ ނުހިމެނޭނެއެވެ.
(ށ) މިނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން 30.48 (ތިރީސް ޕޮއިންޓް ހަތެރެއް އަށެއް) މީޓަރަށްވުރެ އުސްކޮށް ޢިމާރާތެއް ހެދޭނީ ގޯތީގެ މަގާއިގުޅޭ އިމުގެ ފުޅާމިނުގައި 15 (ފަނަރަ) މީޓަރު ހަމަވާބައިގެ ކުރިމަތިން އޮންނަ މައިމަގުގެ ފުޅާމިނުގައި 7.620 (ހަތެއް ޕޮއިންޓް ހައެއް ދޭއް ސުމެއް) މީޓަރު ހަމަވާނަމައެވެ.
(ނ) ގޯތީގެ ފުޅާމިނަށްވީ މައިމަގުގެ ފުޅާމިނުގައި 6 (ހައެއް) މީޓަރު ހަމަވާނަމަ 7.620 (ހަތެއް ޕޮއިންޓް ހައެއް ދޭއް ސުމެއް) މީޓަރު ހަމަވާވަރަށް ޢިމާރާތް އެތެރެއަށް ޖައްސަންވާނެއެވެ. ނަމަވެސް ގޯތީގެ ފުޅާމިނަށްވީ މައިމަގުގެ ފުޅާމިނުގައި 6 (ހައެއް) މީޓަރު ހަމަނުވާނަމަ، އެގޮތަށް ޢިމާރާތް އެތެރެއަށް ޖައްސައިގެން 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރު އުސްކޮށް ޢިމާރާތެއް ނުކުރެވޭނެއެވެ.
(ރ) މިނަންބަރުގެ (ނ)ގައި ބަޔާންކޮށްފައިވާގޮތަށް ޢިމާރާތެއް އެތެރެއަށް ޖައްސައިގެން ހަދާފައި ހުންނަ ޢިމާރާތެއްގެ ކުރިމަތިން މަގުގެ އަނެއްފަރާތުގައި 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރަށްވުރެ އުސްޢިމާރާތެއް ހަދާނަމަ، މައިމަގުގެ ފުޅާމިނުގައި 7.620 (ހަތެއް ޕޮއިންޓް ހައެއް ދޭއް ސުމެއް) މީޓަރު ހަމަކުރުމަށް ޢިމާރާތް އެތެރެއަށް ޖައްސަން މިންނަގަންވާނީ ކުރިމަތިން ހުރި ޢިމާރާތް އެތެރެއަށް ޖައްސައިގެން މަގަށް އިތުރުވެފައިވާ ބައި ނުހިމަނައެވެ.
(ބ) މިނަންބަރުގެ (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޢިމާރާތް އެތެރެއަށް ޖެއްސުމުން މަގަށް އިތުރުވާ ޖާގަ ހިމެނޭނީ މަގުގެ ބައެއްގެ ގޮތުގައެވެ. އަދި މިފަދަ ޢިމާރާތްކުރެވޭ ތަންތަނުގެ އިންފާރު ރާނަންވާނީ މަގު ފުޅާކުރުމަށް ޖެއްސިބައި ގޯތީގެ އިމުން އުނިކޮށެވެ. ނަމަވެސް ގޯތީގެ އޭރިޔާ ބެލުމުގައި މިބައި ހިމެނިދާނެއެވެ. އަދި މިބިން ހިމެނޭނީ މިޤަވާޢިދާ އެއްގޮތަށް ހަދައި ބޭނުންކުރަމުންދާ މުއްދަތަކަށް ޢާއްމުން ބޭނުންކުރާ މަގުގެ ނުވަތަ ދުވާރުގެ ބަޔަކަށްވާގޮތަށް، ބޭނުންކުރާ ގޯތީގެ ބައެއްގެ ގޮތުގައެވެ. މަގުގައި ހިމެނޭ ޢާއްމު ޚިދުމަތްތަކަށް މިބައި ބޭނުންކުރަންވާނީ ބޭނުންވެއްޖެ ޙާލަތެއްގައި ބަދަލުކުރެވޭގޮތަށް ހުންނަ ތަކެއްޗެވެ.
އެއްމަގަށްވުރެ ގިނަ މަގުތަކަށް ދިމާވާ ގޮތަށް ޢިމާރާތް ކުރެވޭ ގޮތަށް ހުންނަ ތަންތަން 25. އެއްމަގަށްވުރެ ގިނަމަގަށްވާގޮތަށް އޮންނަގޯއްޗެއްގައި 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރަށްވުރެ އުސްކޮށް ޢިމާރާތްކުރާނަމަ، އެގޯއްޗާއި އިންވެގެން އޮންނަ މައިމަގު ފިޔަވައި އެހެނިހެން މަގުތަކުގެ ފުޅާމިނުގައި މަދުވެގެން 6 (ހައެއް) މީޓަރު ހަމަނުވާނަމަ، ޢިމާރާތަށް ވަދެ ނިކުތުމަށް ދޮރެއް ބަހައްޓައިގެން ނުވާނެއެވެ.
އެއްކޮޅަށްވަދެވޭ ގޮތަށް ހުންނަ ގޯޅި 26. 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރު އުސްކޮށް ހަދާ ޢިމާރާތެއްނަމަ، މައިމަގަށްވާ އިން ނޫން އެހެން އިމަކާއި ގުޅިގެން ހަމައެކަނި އެއްކޮޅުން ވަދެވޭގޮތަށް ހަދާފައިވާ ގޯޅިއަކަށްވާނަމަ، ޢަމަލު ކުރާނީ ތިރީގައިވާ ގޮތަށެވެ.
  1. ގޯޅީގެ ފުޅާމިނުގައި 4.5 (ހަތަރެއް ޕޮއިންޓް ފަހެއް) މީޓަރު ހަމަވާނަމަ، އިމުގައި ޖައްސައިގެން ޢިމާރާތް ކުރެވިދާނެއެވެ.
  2. ގޯޅީގެ ފުޅާމިނުގައި 4.5 (ހަތަރެއް ޕޮއިންޓް ފަހެއް) މީޓަރަށްވުރެ ހަނިވާނަމަ، މިޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތަށް 2 (ދޭއް) މީޓަރުގެ ސެޓްބެކެއް ދޭންވާނެއެވެ.
  3. އެއްކޮޅުން ވަދެވޭގޮތަށް ހުންނަ ގޯޅިއާ އިންވެގެން ޢިމާރާތް ހަދާއިރު ގޯޅިއަށްވާ އިމަށް ސެޓްބެކް ދޭކަށް ނުޖެހޭނެއެވެ.
ޢިމާރާތުގެ ސެޓްބެކް 27. (ހ) 480 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް ސުމެއް) މީޓަރު ނުވަތަ 100 (ސަތޭކަ) ފޫޓަށްވުރެ އުސްކޮށް ހަދާ ޢިމާރާތެއްގެ ފައުންޑޭޝަނާއި އެހެނިހެން ބައިތައް ހުންނަންވާނީ، މަގަކާއި އިންވެގެންވާ ފަރާތް ފިޔަވައި އެހެން ހުރިހާ ފަރާތަކުން ގޯތީގެ އިމުން ފެށިގެން ކުޑަވެގެން 2 (ދޭއް) މީޓަރު އެތެރޭގައެވެ. މިގޮތުން ދޫކުރާ 2 (ދޭއް) މީޓަރުގެ ފުޅާ މިނުގެ ޖާގަ ޢިމާރާތުގެ އޭރިޔާގެ ތެރޭގައި ނުހިމެނޭނެއެވެ. ނަމަވެސް ޢިމާރާތުގެ ބައިތަކަށް ވަޔާއި އަލިކަން ފޯރުވުމަށްޓަކައި މިޖާގައިގެ ބޭނުން ކުރެވިދާނެއެވެ.
(ށ) މިނަންބަރުގެ (ހ) ގައި ބަޔާންކުރެވިފައިވާފަދައިން މަގަކާއި އިންވެގެންވާ ފަރާތެއް ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ގޯތީގެ އިމުން ފެށިގެން ކުޑަވެގެން 2 (ދޭއް) މީޓަރު އެތެރެއަށް ޖައްސާފައިވާ ފަރާތްތަކުން ބިމުން ފެށިގެން 2.743 (ދޭއް ޕޮއިންޓް ހަތެއް ހަތަރެއް ތިނެއް) މީޓަރަށް ވުރެ މަތިން ޢިމާރާތުގެ ފުރާޅާއި ކޮންކުރީޓް ގަލާއި ސަންޝޭޑިންގ ނުވަތަ ބެލްކަންނާއި އެއަރކޮންޑިޝަނަރ ފަދަ ޢިމާރާތުގެ ސަރވިސްއަށް ބޭނުންކުރާ ތަކެތި ބެހެއްޓުމަށްޓަކައި ޢިމާރާތުގެ އިމުންފެށިގެން 0.457 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް ހަތެއް) މީޓަރަށްވުރެ ބޭރަށް ނެރެގެން ނުވާނެއެވެ. އަދި 0.457 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް ހަތެއް) މީޓަރުގެ ޖާގަ ދާއިމީކޮށް ދިރިއުޅެވޭގޮތަށް ބޭނުން ކުރާ ބައެއްގެ ގޮތުގައި ބޭނުން ކޮށްގެން ނުވާނެއެވެ.
(ނ) 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރަށްވުރެ އުސްކޮށް ހަދާ ކޮންމެ ޢިމާރާތެއް ހަދަންވާނީ މަގުމަތީ އިމުން އެންމެ ކުޑަވެގެން ދުވާރު ލެވެލުން 3.6 (ތިނެއް ޕޮއިންޓް ހައެއް) މީޓަރުގެ އުސް ސެޓްބެކެއް ދީގެންނެވެ. މިގޮތަށްދޭ ސެޓްބެކް ހުންނަންވާނީ ދުވާރާއި އެއްހަމައެއްގައި ޢާއްމުކޮށް މީހުންނަށް ހިނގާބިނގާވެ އުޅެވޭ ގޮތަށެވެ. މިގޮތުންދޭ ސެޓްބެކްގެ މަތިން ޢިމާރާތުގެ މަތީ ބައިތައް ނެރޭނަމަ، ސެޓްބެކްގެ ޖާގައިގެ އުސްމިނުގައި އެންމެކުޑަވެގެން 3.6 (ތިނެއް ޕޮއިންޓް ހައެއް) މީޓަރު ހުންނަންވާނެއެވެ. ޢިމާރާތުގެ ބައިތައް ސެޓްބެކްމަތިން ނެރުމަށްޓަކައި އިމުގައި ތަނބުޖެހިދާނެއެވެ. ނަމަސް ތަނބުޖެހުމުގެ ސަބަބުން ސެޓްބެކުގައި ހިންގަން އޮންނަބައި 1.5 (އެކެއް ޕޮއިންޓް ފަހެއް) މީޓަރަށްވުރެ ހަނިވެގެން ނުވާނެއެވެ. މިގޮތަށްޖަހާ ތަނބުތައް ދޭތެރެ ބެދޭގޮތަށް ރޭނުމާއި އެނޫންވެސްގޮތަކަށް ބައްދައިގެން ނުވާނެއެވެ. މިނަންބަރުގައި ބުނެފައިވާ ސެޓްބެކްގެ ޖާގައިގެތެރެއަށް ޢިމާރާތުގެ ކުޑަދޮރުފަދަ ތަންތަން ހުޅުވޭ ގޮތަށް ހެދުމަކީ މަނާކަމެކެވެ. އަދި މިނޫންގޮތަކުންނަމަވެސް ސެޓްބެކް ބޭނުން ކުރާފަރާތްތަކަށް އުނދަގޫވާފަދަ ގޮތަކަށް އެއްވެސްކަމެއް ކޮށްގެން ނުވާނެއެވެ.
(ރ) މިނަންބަރުގައި ބުނެފައިވާ ސެޓްބެކްގެ ޖާގައިގެތެރެއަށް ޢިމާރާތުގެ ކުޑަދޮރުފަދަ ތަންތަން ހުޅުވޭ ގޮތަށް ހެދުމަކީ މަނާކަމެކެވެ. އަދި މިނޫންގޮތަކުންނަމަވެސް ސެޓްބެކް ބޭނުން ކުރާފަރާތްތަކަށް އުނދަގޫވާފަދަ ގޮތަކަށް އެއްވެސްކަމެއް ކޮށްގެން ނުވާނެއެވެ.
އުސްކޮށް ކުރާ ޢިމާރާތްތަކުން މަގުމައްޗަށް ނެރޭބައިތައް 28. (ހ) ބިމުން ފެށިގެން މައްޗަށް 3.6 (ތިނެއް ޕޮއިންޓް ހައެއް) މީޓަރާ ހަމައަށް ޢިމާރާތުގެ އެއްވެސް ބައެއް ނުވަތަ ތަނެއް އިމުން ބޭރަށް މަގުމައްޗަށް ނެރެގެން ނުވާނެއެވެ.
(ށ) ބިމުން ފެށިގެން 3.6 (ތިނެއް ޕޮއިންޓް ހައެއް) މީޓަރަށްވުރެ މަތިން ޢިމާރާތެއްގެ ފުރާޅާއި ކޮންކުރީޓް ގަލާއި ސަންޝޭޑިންގ ނުވަތަ ބެލްކަނި އަދި އެއަރކޮންޑިޝަނަރފަދަ ޢިމާރާތުގެ ސަރވިސްއަށް ބޭނުންކުރާ ތަކެތި ބެހެއްޓުމަށްޓަކައި މަގަށް ނެރެވޭނީ އިމުންފެށިގެން 0.457 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް ހަތެއް) މީޓަރަށްވުރެ ބޭރަށް މަގަށް ނުނިކުންނަވަރަށެވެ.
(ނ) މިނަންބަރުގެ (ށ)ގައި ބަޔާންކުރެވިފައިވާފަދައިން ޢިމާރާތުގެ ކޮންމެ ފަންގިފިލާއެއްގެ ލެވެލުގައިވެސް ކޮންކްރީޓްގަލާއި ސަންޝޭޑިންގ ނުވަތަ ބެލްކަނި އަދި އެއަރކޮންޑިޝަނަރފަދަ ޢިމާރާތުގެ ސަރވިސްއަށް ބޭނުންކުރާ ތަކެތި ބެހެއްޓުމަށްޓަކައި ޢިމާރާތުގެ އިމުން ބޭރަށް ނެރުން ހުއްދަކުރާ 0.457 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް ހަތެއް) މީޓަރަށް ނެރެވޭނީ މުޅި ޢިމާރާތުގެ ވަށަމިނުގައި %75 (ހަތްދިހަ ފަހެއް އިން ސައްތަ) އަށްވުރެ އިތުރު ނުވާ ވަރަށެވެ.
ޢިމާރާތުގެ މައިގަނޑު ބޭނުމަކީ ދިރިއުޅުން ނޫން ބޭނުމެއްކަމަށްވާނަމަ، ހުއްދަ ހޯދުން 29. (ހ) ޢިމާރާތެއް 30.48 (ތިރީސް ޕޮއިންޓް ސާޅީސް އަށެއް) މީޓަރަށްވުރެ އުސްކޮށް ޢިމާރާތްކުރުމަށް ފަރުމާކުރާ ޢިމާރާތުގެ %50 (ފަންސާސް އިން ސައްތަ) އަށްވުރެ ބޮޑުކޮށް ދިރިއުޅުން ނޫން އެހެން ބޭނުމަކަށް ބޭނުން ކުރާގޮތަށް ކަނޑައަޅާނަމަ، އެޢިމާރާތުގެ ކުރެހުންތައް ފާސްކުރުމުގެ ކުރިން އެޢިމާރާތެއް ކުރުމަށް ބޭނުންވާ ފަރާތުން އެޢިމާރާތެއްގައި ކުރުމަށް ހަމަޖެހިފައިވާ ބޭނުން ބަޔާންކޮށް ކޮންސެޕްޓް ޑިޒައިނެއް ކައުންސިލަށް ހުށަހަޅައި ޕްލޭނިންގ އެޕްރޫވަލް ހޯދަންވާނެއެވެ.
(ށ) މިނަންބަރުގެ (ހ) ގައި ބަޔާންކުރެވިފައިވާ ކޮންސެޕްޓް ޑިޒައިނުގައި ޢިމާރާތުގައި އެކުލެވިފައިވާ ފްލޯތަކުގެ އޭރިއާއާއި އެފްލޯއެއްގައި ކުރަންހަމަޖެހިފައިވާ ބޭނުން ކަނޑައަޅައި ބަޔާންކުރަންވާނެއެވެ.
(ނ) މިނަންބަރުގެ (ހ) ގައި ބަޔާންކުރެވިފައިވާ ޕްލޭނިންގ އެޕްރޫވަލް ދިނުމުގައި މައިގަނޑުގޮތެއްގައި ބެލޭނީ އެޢިމާރާތެއް ކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދާއި ވަށައިގެންވާ މާޙައުލަކީ ހުއްދަ އެޕްރޫވް ކުރުމަށް ބޭނުންވާ ކަމަކަށް އެކަށޭނަ ސަރަޙައްދެއްކަން ޔަޤީން ކުރުމަށްފަހުގައެވެ.
ޢިމާރާތުގެ ބައިތަކަށް ވަޔާއި އަލިކަން ފޯރުވުން. 30. (ހ) ޢިމާރާތްކުރުމަށް ޑިޒައިން ކުރަންވާނީ ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް ޢިމާރާތުގެ ބައިތަކަށް ވަޔާއި އަލިކަން ފޯރާގޮތަށެވެ.
  1. ޢިމާރާތުގެ ބައިތަކަށް ވަޔާއި އަލިކަން ފޯރުވުމަށްޓަކައި ޢިމާރާތުގެ ކޮންމެ ބައެއްގެ ތަޅުމުގެ ބޮޑުމިނުގައި %10 (ދިހަ އިންސައްތަ) އަށްވުރެ ކުޑަނުވާ މިންވަރަކަށް ޢިމާރާތް ނުކޮށްވާ ހުސްޖާގައަކާދިމާވާގޮތަށް ހުޅުވުން (އޯޕަނިންގ) ހުންނަންވާނެއެވެ.
  2. ހުޅުވުމަކުން ވެންޓިލޭޓްވާނެކަމަށް ބެލެވޭނީ ހުޅުވުމާދިމާއިން ފެށިގެން 6 (ހައެއް) މީޓަރުގެ ދުރުމިނަށެވެ. އަދި ހުޅުވުމުގެ ސައިޒު ތަޅުމުގެ ބޮޑުމިނުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ ކުޑަނުވާނަމަ، ވެންޓިލޭޓްވާނެކަމަށް ބެލެވޭނީ ހުޅުވުމާއި ދިމާއިން ފެށިގެން 7.5 (ހަތެއް ޕޮއިންޓް ފަހެއް) މީޓަރު ދުރުމިނަށެވެ. މިދެޙާލަތުގައިވެސް ވެންޓިލޭޓްވާނެކަމަށް ބެލެވޭނީ ފަރާތަކަށް 4 (ހަތެއް) މީޓަރު ދުރުމިނަށެވެ.
  3. ޢިމާރާތްނުކޮށްވާ ހުސްޖާގާގައި ހުރަހެއްނެތި ކުޑަވެގެން 600x600 (ހަސަތޭކަ ގުނަ ހަސަތޭކަ) މިލިމީޓަރު ހުންނަންވާނެއެވެ. މިހުސްޖާގަ އެހެން ގޯއްޗަކާއި އިންވެގެން ބާއްވާނަމަ، އިމުންފެށިގެން ހަނިވެގެން 750 (ހަތްސަތޭކަ ފަންސާސް) މިލިމީޓަރު ހުންނަންވާނެއެވެ.
  4. ގޯއްޗެއްގެ އިމާގުޅިގެންހަދާ ޢިމާރާތެއްގެ އެއްވެސްތަނެއްގެ ނުވަތަ އެއްވެސް ބައެއްގެ ދޮރެއް، ކުޑަދޮރެއް، ފެންލައިޓެއް، އާނގައެއްފަދަ އެއްވެސް ހުޅުވުމެއް އެހެން ގޯއްޗެއްގެ އިމާގުޅޭ އިންފާރުގައި ބަހައްޓައިގެން ނުވާނެއެވެ. އިންފާރު ނޫންގޮތަކަށް އެއްވެސް ބާވަތެއްގެ ހުޅުވުމެއް އެހެން ގޯއްޗެއްގެ އިމަކާދިމާލަށް ބަހައްޓަންވާނީ އިމުން ފެށިގެން 750 (ހަތްސަތޭކަ ފަންސާސް) މިލިމީޓަރު އެތެރޭގައެވެ.
  5. ޢިމާރާތްނުކޮށް ބާއްވަންޖެހޭ ހުސްޖާގައިގެ ބަދަލުގައި އެޢިމާރާތާއި އިންވެގެންވާ މަގާއި ގޯޅިފަދަ ތަންތަނަށް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ގޯއްޗެއް ބަހާއިރު އެފަދަ ގޯއްޗެއްގެ އެތެރެއިން ނެގޭ ބައިބަޔަށް ވަދެނިކުތުމަށް އެގޯތިންނަގާ 12 (ބާރަ) ފޫޓަށްވުރެ ހަނިގޯޅިއަށް އެގޯޅި ނެގިފައިވާ ގޯތިފިޔަވައި އެހެން ގޯއްޗެއްގައި ހަދާ ޢިމާރާތެއް ނުވަތަ ތަނެއްގެ ދޮރެއް ނުވަތަ ކުޑަދޮރެއް ނުވަތަ އާނގައެއްފަދަ އެއްވެސް ހުޅުވުމެއް ބަހައްޓައިގެން ނުވާނެއެވެ.
  6. ޢިމާރާތުގެ އެންމެ ތިރީ 2 (ދޭއް) ބުރީގައި އުސްމިނުގައި 7.5 (ހަތެއް ޕޮއިންޓް ފަހެއް) މީޓަރަށްވުރެ އުސްކޮށް ހުރުމާއެކު އެބައިތައް ދިރިއުޅުން ނޫން އެހެން ބޭނުމަކަށް ހަދާތަންތަން އެކަށީގެންވާ ގޮތެއްގައި މެކޭނިކަލްގޮތުން ވެންޓިލޭޓްވާގޮތަށް ހަމަޖައްސާނަމަ، މިނަންބަރުގެ 2,1، އަދި 3 ގައި ބަޔާންކޮށްފައިވާގޮތަށް ހުސްޖާގަ ނުބަހައްޓާ ޢިމާރާތް ކުރެވިދާނެއެވެ.
  7. މިނަންބަރުގެ 6 ގައި ބަޔާންކުރެވިފައިވާ ބައިތައް ނޫން އެހެންބައިތަކަށް މިނަންބަރުގައި 1 އިން 5 ގައި ހިމެނިފައިވާ ގޮތަށް ހުޅުވުންތައް ބަހައްޓަންވާނެއެވެ. އަދި މިގޮތުން ބޭއްވޭ ހުސްޖާގައަކީ ސުރެންސުރެން ހާމަޔަށް އޮންނަތަނަކަށްވާންވާނެއެވެ.
  8. މިނަންބަރުގެ 6 ގައި ބަޔާންކުރެވިފައިވާ ބައިތައް އެއްވެސް ވަގުތެއްގައި ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރަންވާނީ މިނަންބަރުގައި ބަޔާންކުރެވިފައިވާ ގޮތަށް ހުޅުވުންތައް ހެދުމަށްފަހުގައެވެ.
  9. ދިރިއުޅުން ނޫން އެހެން ބޭނުންތަކަށް ދޫކުރެވިފައި ހުންނަ ބިންބިމުގައި ކޮށްފައިވާ ޢިމާރާތެއްގައި މީހުން ދިރިއުޅެންވާނީ މިނަންބަރުގައި ބަޔާންކުރެވިފައިވާގޮތަށް އެޢިމާރާތަށް ވަޔާއި އަލިކަން ލިބޭގޮތަށް ހެދުމަށްފަހުގައެވެ.
އުސްކޮށް ކުރާ ޢިމާރާތުގެ ބައިތައް މަގުމައްޗަށް ނެރުން 31. (ހ) ބިމުން ފެށިގެން މައްޗަށް 3.6 (ތިނެއް ޕޮއިންޓް ހައެއް) މީޓަރަށްވުރެ އުސްކޮށް ޢިމާރާތެއްގެ އެއްވެސް ބައެއް އިމުން ބޭރަށް މަގުމައްޗަށް ނެރުމަކީ މަނާކަމެކެވެ.
(ށ) ޢިމާރާތުގެ އުސްމިނުގައި 3.6 (ތިނެއް ޕޮއިންޓް ހައެއް) މީޓަރުން ފެށިގެން 6.096 (ހައެއް ޕޮއިންޓް ހަތެއް ހަތަރެއް ތިނެއް) މީޓަރާ ހަމައަށް ޢިމާރާތުން މަގުމައްޗަށް ޢިމާރާތުގެ ފުރާޅާއި ކޮންކްރީޓް ގަލާއި ޢިމާރާތުގެ އެއްވެސް ބައެއް ނެރެވޭނީ އިމުންފެށިގެން އިތުރަށް 0.457 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް ހަތެއް) މީޓަރަށްވުރެ އިތުރުނުވާ ގޮތެއްގެ މަތިންނެވެ.
(ނ) ޢިމާރާތުގެ އުސްމިން 6.096 (ހައެއް ޕޮއިންޓް ސުމެއް ނުވައެއް ހައެއް) މީޓަރަށް ވުރެ އުސްވާނަމަ، ޢިމާރާތުން މަގުމައްޗަށް ޢިމާރާތުގެ ފުރާޅާއި ކޮންކްރީޓް ގަލާއި ޢިމާރާތުގެ އެއްވެސް ބައެއް ނެރެންވާނީ ތިރީގައި ވާގޮތަށެވެ.
  1. މަގުގެ ފުޅާމިނުގައި 7.620 (ހަތެއް ޕޮއިންޓް ހައެއް ދޭއް ސުމެއް) މީޓަރަށްވުރެ ފުޅާމަގުތަކަށް މަގަށްވާގޮތަށް ޢިމާރާތުން ބޭރަށް ނެރެވޭނީ 1.219 (އެކެއް ޕޮއިންޓް ދޭއް އެކެއް ނުވައެއް) މީޓަރަށްވުރެ އިތުރު ނުވާ ވަރަށެވެ.
  2. މަގުގެ ފުޅާމިނުގައި 6.096 (ހައެއް ޕޮއިންޓް ސުމެއް ނުވައެއް ހައެއް) މީޓަރާއި 7.620 (ހަތެއް ޕޮއިންޓް ހައެއް ދޭއް ސުމެއް) މީޓަރާއި ދެމެދުގެ ފުޅާމިން ހުންނަ މަގުތަކަށް ޢިމާރާތުން ބައެއް ބޭރަށް ނެރެވޭނީ 0.965 (ސުމެއް ޕޮއިންޓް ނުވައެއް ހައެއް ފަހެއް) މީޓަރަށްވުރެ އިތުރު ނުވާ ވަރަށެވެ.
  3. މަގުގެ ފުޅާމިނުގައި 4.572 (ހަތަރެއް ޕޮއިންޓް ފަހެއް ހަތެއް ދޭއް) މީޓަރާއި 6.096 (ހައެއް ޕޮއިންޓް ސުމެއް ނުވައެއް ހައެއް) މީޓަރާއި ދެމެދުގެ ފުޅާމިން ހުންނަ މަގުތަކަށް ޢިމާރާތުން ބައެއް ބޭރަށް ނެރެވޭނީ 0.736 (ސުމެއް ޕޮއިންޓް ހަތެއް ތިނެއް ހައެއް) މީޓަރަށްވުރެ އިތުރު ނުވާ ވަރަށެވެ.
  4. މަގުގެ ފުޅާމިނުގައި 1.828 (އެކެއް ޕޮއިންޓް އަށެއް ދޭއް އަށެއް) މީޓަރާއި 4.572 (ހަތަރެއް ޕޮއިންޓް ފަހެއް ހަތެއް ދޭއް) މީޓަރާއި ދެމެދުގެ ފުޅާމިން ހުންނަ މަގުތަކަށް ޢިމާރާތުން ބައެއް ބޭރަށް ނެރެވޭނީ 0.457 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް ހަތެއް) މީޓަރަށްވުރެ އިތުރު ނުވާ ވަރަށެވެ.
  5. މަގުގެ ފުޅާމިނުގައި 1.828 (އެކެއް ޕޮއިންޓް އަށެއް ދޭއް އަށެއް) މީޓަރަށްވުރެ ހަނި މަގެއްގައި ކުރާ ޢިމާރާތެއްގެ ބައެއް މަގަށް ނެރުމަކީ މަނާކަމެކެވެ.
(ރ) 2.743 (ދޭއް ޕޮއިންޓް ހަތެއް ހަތަރެއް ތިނެއް) މީޓަރަށްވުރެ މަތިން 6.096 (ހައެއް ޕޮއިންޓް ސުމެއް ނުވައެއް ހައެއް) މީޓަރާ ހަމައަށް އިމުން މަގަށް ނެރޭ ޢިމާރާތުގެ ކޮންކްރީޓް ގައު ނުވަތަ ޑެކްފަދަ އެއްވެސް ބައެއް ނުވަތަ ތަނެއް ފާރު ރާނާ މިފަދަ އެއްވެސް އެއްޗަކުން ބެއްދުމާއި ދޮރު ނުވަތަ ކުޑަދޮރު ފެންލައިޓްފަދަ އެއްޗެއް ބެހެއްޓުމާއި ދާއިމީ ގޮތެއްގައި ދިރިއުޅޭފަދަ ތަނަކަށް ހެދުމަކީ މަނާ ކަމެކެވެ.
(ބ) ގޯތީގެ ނުވަތަ މަގާ ގުޅޭ އިމުގައި ހުންނަ ދޮރާށީގެ ދޮރުފަތާއި ޢިމާރާތުގައި ހުންނަ ދޮރާއި ކުޑަދޮރާއި ފެންލައިޓް ދޮރުފަތް 3.657 (ތިނެއް ޕޮއިންޓް ހައެއް ފަހެއް ހަތެއް) މީޓަރަށްވުރެ ތިރިން އިމުން ބޭރަށް މަގަށް ހުޅުވޭ ގޮތަށް ބަހައްޓައިގެން ނުވާނެއެވެ.
(ޅ) 3.657 (ތިނެއް ޕޮއިންޓް ހައެއް ފަހެއް ހަތެއް) މީޓަރާއި 6.096 (ހައެއް ޕޮއިންޓް ސުމެއް ނުވައެއް ހައެއް) މީޓަރާއި ދޭތެރޭގައި ޢިމާރާތުގެ އިމުގައި ބަހައްޓާ ދޮރާއި ކުޑަދޮރުގެ ދޮރުފަތް 0.457 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް ހަތެއް) މީޓަރަށްވުރެ ބޭރަށް މަގަށް ހުޅުވޭގޮތަށް ހަދައިގެން ނުވާނެއެވެ.
(ކ) ބިމުން ފެށިގެން 6.096 (ހައެއް ޕޮއިންޓް ސުމެއް ނުވައެއް ހައެއް) މީޓަރަށްވުރެ މަތިން 7.620 (ހަތެއް ޕޮއިންޓް ހައެއް ދޭއް ސުމެއް) މީޓަރަށްވުރެ ހަނިމަގާއި ގޯޅީގައި ހުންނަ ޢިމާރާތުގެ އެއްވެސް ބައެއް މަގުމައްޗަށް ނެރެން ހުއްދަކުރާ ވަރަށްވުރެ ބޭރަށް ދޮރުފަތް ހުޅުވޭ ގޮތަށް ބަހައްޓައިގެން ނުވާނެއެވެ.
(އ) ގޯއްޗެއް ބަހާއިރު އެފަދަ ގޯއްޗެއްގެ އެތެރެއިން ނެގޭ ބައިބަޔަށް ވެދެ ނުކުތުމަށް އެގޯތިން ނަގާ 3.657 (ތިނެއް ޕޮއިންޓް ހައެއް ފަހެއް ހަތެއް) މީޓަރަށްވުރެ ހަނިގޯޅިގޯޅިއަށް އެގޯޅިނެގިފައިވާ ގޯތިފިޔަވައި އެހެން ގޯއްޗެއްގައި ހަދާ ޢިމާރާތެއް ނުވަތަ ތަނެއްގެ ފުރާޅާއި ކޮންކުރީޓް ގަލާއި ބެލްކަނިފަދަ އެއްވެސް ތަނެއް ނުވަތަ ބައެއްނަމަވެސް ހަދައިގެން ނުވާނެއެވެ.
ޢިމާރާތުގެ ބެލްކަނި ހެދުމާއި އެތަން ހުންނަންވީގޮތް 32. (ހ) ބިމުން ފެށިގެން މައްޗަށް 21 (އެކާވީސް) މީޓަރާއި ހަމައަށް ޢިމާރާތުގައި ހުންނަ ބެލްކަނިތައް ޑިޒައިންކޮށް ހަދަންވާނީ އުސްމިނުގައި އެންމެ ތިރިކޮށް 1 (އެކެއް) މީޓަރު ހުންނަވަރަށް ރެއިލިން (ޗެންޗޭން) ޖަހާ ގޮތަށް ނުވަތަ ފާރު ރާނާ ގޮތަށެވެ. މިގޮތުން ޖަހާ ރެއިލިންގ ނުވަތަ ރާނާފައިވާ ފާރު ޑިޒައިންކޮށް ހަދަންވާނީ ފާރު ނުވަތަ ރެއިލިންގގެ އެއްވެސް ހުސް ޖާގައަކުން ޑަޔަމީޓަރުގައި 125 (ސަތޭކަ ފަންސަވީސް) މިލިމީޓަރު ހުންނަވަރުގެ ބޯޅައެއް (ސްފިއަރއެއް) ނުދާވަވަރަށެވެ. އަދި ރެއިލިންގ ނުވަތަ ފާރު ޑިޒައިންކޮށް ހަދާފައި ހުންނަންވާނީ ސަލާމަތީ ގޮތުން ކުޑަކުދިންނަށް ރައްކާތެރި ގޮތަކަށެވެ.
(ށ) 21 (އެކާވީސް) މީޓަރުން ފެށިގެން މައްޗަށް ޢިމާރާތުގައި ހުންނަ ބެލްކަނިތައް ޑިޒައިންކޮށް ހަދަންވާނީ އުސްމިނުގައި ކުޑަވެގެން 1.2 (އެކެއް ޕޮއިންޓް ދޭއް) މީޓަރު ހުންނަވަރަށް ރެއިލިންގ ޖަހާގޮތަށް ނުވަތަ ފާރު ރާނާފައެވެ. މިގޮތުން ޖަހާ ރެއިލިންގ ނުވަތަ ރާނާފައިވާ ފާރު ޑިޒައިންކޮށް ހަދަންވާނީ ފާރު ނުވަތަ ރެއިލިންގގެ އެއްވެސް ހުސް ޖާގައަކުން ޑަޔަމީޓަރުގައި 125 (ސަތޭކަ ފަންސަވީސް) މިލިމީޓަރު ހުންނަވަރުގެ ބޯޅައެއް (ސްފިއަރއެއް) ނުދާވަވަރަށެވެ. އަދި ރެއިލިންގ ނުވަތަ ފާރު ޑިޒައިންކޮށް ހަދާފައި ހުންނަންވާނީ ސަލާމަތީ ގޮތުން ކުޑަކުދިންނަށް ރައްކާތެރި ގޮތަކަށެވެ.
ޢިމާރާތުގައި ހަދާ ޓެރަސް ހުންނަވީގޮތް 33. (ހ) ޢިމާރާތުގައި ހުންނަ ޓެރަސް ޑިޒައިންކޮށް ހަދަންވާނީ އުސްމިނުގައި އެންމެ ތިރިކޮށް 1.2 (އެކެއް ޕޮއިންޓް ދޭއް) މީޓަރު ހުންނަވަރަށް ރެއިލިން (ޗެންޗޭން) ޖަހާ ގޮތަށް ނުވަތަ ފާރު ރާނާފައެވެ. މިގޮތުން ޖަހާ ރެއިލިންގ ނުވަތަ ރާނާފައިވާ ފާރު ޑިޒައިންކޮށް ހަދަންވާނީ ފާރު ނުވަތަ ރެއިލިންގގެ އެއްވެސް ހުސް ޖާގައަކުން ޑަޔަމީޓަރުގައި 125 (ސަތޭކަ ފަންސަވީސް) މިލިމީޓަރު ހުންނަވަރުގެ ބޯޅައެއް (ސްފިއަރއެއް) ނުދާވަވަރަށެވެ. އަދި ރެއިލިންގ ނުވަތަ ފާރު ޑިޒައިންކޮށް ހަދާފައި ހުންނަންވާނީ ސަލާމަތީ ގޮތުން ކުޑަކުދިންނަށް ރައްކާތެރި ގޮތަކަށެވެ.
އެހެނިހެން އިންތަކާއި ގުޅިފައި ހުންނަ ޓެރަސް ނުވަތަ ބެލްކަނި 34. (ހ) ޢިމާރާތް ކުރެވިފައިވާ ގޯއްޗަކީ އެހެން ގޯއްޗެއްގެ އިމާ ގުޅިފައިވާ ގޯއްޗަކަށްވާނަމަ، އެގޯތީގެ އިމާ ގުޅިފައިވާ ފަރާތުގައި ޓެރަސް ނުވަތަ ބެލްކަނި ބަހައްޓަންވާނީ 2 (ދޭއް) މީޓަރުގެ އުސްމިނުގައި ފާރެއް ނުވަތަ ހުރަހެއް ހަދާފައެވެ.
(ށ) މިނަންބަރުގެ (ހ) ގައި ހުރަހެއް ހެދުމަށް އޮތްނަމަވެސް، ދެފަރާތެއް ނުވަތަ އެއަށްވުރެ ގިނަފަރާތްތަކެއްގެ ޢިމާރާތްތަކެއްގެ ޓެރަސް އެއްކޮށްލަން ނުވަތަ ހުރަހާއި ފާރު ވަކި މިންވަރަކަށް ބެހެއްޓުމަށް ބޭނުންވެއްޖެނަމަ، އެގޮތަށް ބޭނުންވާ ފަރާތްތަކުން ކައުންސިލަށް ހުށަހަޅައި ކަމާގުޅޭ ހުއްދަ ނަގަންވާނެއެވެ.
ސިޑި ރެއިލިންގ (ޗެންޗޭން) ޖެހުނ 35. ޢިމާރާތުގައި ހަދާ ސިޑި ޑިޒައިންކޮށް ހަދާފައި ހުންނަންވާނީ އުސްމިނުގައި 850 (އަށްސަތޭކަ ފަންސާންސް) މިލިމީޓަރު ހުންނަވަރަށް ރެއިލިން ނުވަތަ ފާރެއް ރާނާފައެވެ. އަދި ޢިމާރާތުގައި ޢާއްމުކޮށް ބޭނުންކުރާ ގޮތަށް ހުންނަ ސިޑީގެ ރެއިލިންގ ޑިޒައިންކޮށް ހަދާފައި ހުންނަންވާނީ ސަލާމަތީ ގޮތުން ކުޑަކުދިންނަށް ރައްކައުތެރިގޮތަކަށެވެ.
ޢިމާރާތުގައި ބަހައްޓާ ކުޑަދޮރުތައް 36. ޢިމާރާތުގެ ބިމުން ފެށިގެން 9 (ނުވައެއް) ފޫޓަށްވުރެ މަތީގައި ކުޑަ ދޮރެއް ބަހައްޓާނަމަ، އެފަދަ ދޮރުތައް ބަހައްޓަންވާނީ، އެފުލޯއެއްގެ ތަޅުމުން ފެށިގެން މަދުވެގެން 1 (އެކެއް) މީޓަރުގެ އުސްމިނުގައެވެ.
މެޒަނިންގ ފްލޯ 37. (ހ) މެޒަނިންގ ލެވެލަކީ ޢިމާރާތެއްގެ އެއްވެސް ފުލޯއެއް އާދައިގެ ތަޅުމާއި ސީލިންގުގެ އުސްމިނަށްވުރެ ތިރިކޮށް ހަދާ ތަޅުމެވެ.
(ށ) މެޒަނިންގގެ ގޮތުގައި ހަދާ ފްލޯރ އެމެޒަނިންގ އާ ގުޅިފައިވާ ފްލޯގެ 3/1 (ތިންބައިކުޅަ އެއްބައި) އަށްވުރެ ބޮޑުވެގެން ނުވާނެއެވެ. އަދި މެޒަނިންގ ފުލޯއެއްގެ ތަޅުމާއި ސީލިންގާއި ދެމެދު ހުންނަ އުސްމިން 2.1 (ދޭއް ޕޮއިންޓް އެކެއް) މީޓަށްވުރެ ތިރިވެގެން ނުވާނެއެވެ. އަދި މިފުލޯގައި ފާޚާނާއާއި ވޯކްވޭފަދަ ތަނެއް ހަދައިގެން ނުވާނެއެވެ.
(ނ) މެޒަނިންގ ފްލޯއާއި މެޒަނިންގ ފްލޯގައި ހިމެނޭބައިތަކަށް ވަޔާއި އަލިކަން ފޯރުމަށްޓަކައި ޢަމަލުކުރަންވާނީ މިޤަވާޢިދުގައި ޢިމާރާތުގެ އެހެނިހެން ބައިތަކަށްވެސް ވަޔާއި އަލިކަން ފޯރުވުމަށްޓަކައި މިޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ރ) މެޒަނިންގ ފުލޯރ ޑިޒައިންކޮށް ހަދާފައި ހުންނަންވާނީ އުސްމިނުގައި ތިރިވެގެން 1 (އެކެއް) މީޓަރު ހުންނަވަރަށް ރެއިލިންގ ނުވަތަ ފާރު ރާނާފައެވެ.
ދިރިއުޅުމަށް ދޫކޮށްފައި ހުންނަ ބިންބިމުގައި 30.48 މީޓަރަށްވުރެ އުސް ނުވާ ޢިމާރާތަކުގައި ޕާރކު ކުރާ ތަންތަން ހެދުން 38. (ހ) ދިރިއުޅުމަށް ދޫކޮށްފައި ހުންނަ ބިންބިމުގައިކުރާ ޢިމާރާތް 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރަށްވުރެ އުސްނުވާނަމަ، ތިރީގައިވާ އުޞޫލުން ޕާރކިން އޭރިއާތަށް ހަދަންވާނެއެވެ.
  1. ޢިމާރާތުގެ ފްޓްޕްރިންޓް އޭރިއާގައި 278.709 (ދުއިސައްތަ ހަތްދިހަ އަށެއް ޕޮއިންޓް ހަތެއް ސުމެއް ނުވައެއް) އަކަމީޓަރު ހަމަވާ ނުވަތަ އެއަށްވުރެ ބޮޑުވެފައި ޢިމާރާތަކީ 1 (އެކެއް) ބުރިއަށްވުރެ އުސްކޮށް ކުރާ ޢިމާރާތެއްނަމަ، ޢިމާރާތުގެ ފްޓްޕްރިންޓްގެ %15 (ފަނަރަ އިންސައްތަ) ޕާކިންގ އަށް ކަނޑައެޅިފައި އޮންނަންވާނެއެވެ.
  2. ޢިމާރާތުގެ ފްޓްޕްރިންޓް އޭރިއާއަކީ 185.806 (ސަތޭކަ އަށްޑިހަ ފަހެއް ޕޮއިންޓް އަށެއް ސުމެއް ހައެއް) އަކަމީޓަރާއި 278.709 (ދުއިސައްތަ ހަތްދިހަ އަށެއް ޕޮއިންޓް ހަތެއް ސުމެއް ނުވައެއް) އަކަމީޓަރާއި ދެމެދުގެ އޭރިއާއަކަށްވެފައި އެޢިމާރާތަކީ 3 (ތިނެއް) ބުރިއަށްވުރެ އުސްކޮށް ކުރާ ޢިމާރާތެއްނަމަ، ޢިމާރާތުގެ ފްޓްޕްރިންޓްގެ %15 (ފަނަރަ އިންސައްތަ) ޕާކިންގ އަށް ކަނޑައެޅިފައި އޮންނަންވާނެއެވެ.
  3. ޢިމާރާތުގެ ފްޓްޕްރިންޓް އޭރިއާއަކީ 92.903 (ނުވަދިހަ ދޭއް ޕޮއިންޓް ނުވައެއް ސުމެއް ތިނެއް) އަކަމީޓަރާއި 185.806 (ސަތޭކަ އަށްޑިހަ ފަހެއް ޕޮއިންޓް އަށެއް ސުމެއް ހައެއް) އަކަމީޓަރާއި ދެމެދުގެ އޭރިއާއަކަށްވެފައި އެޢިމާރާތަކީ 5 (ފަހެއް) ބުރިއަށްވުރެ އުސްކޮށް ކުރާ ޢިމާރާތެއްނަމަ، ޢިމާރާތުގެ ފްޓްޕްރިންޓްގެ %15 (ފަނަރަ އިންސައްތަ) ޕާކިންގ އަށް ކަނޑައެޅިފައި އޮންނަންވާނެއެވެ.
  4. ޕާކިންގ އޭރިއާ ކަނޑައެޅުމުގައި ޢިމާރާތް ކުރާފަރާތުން ބޭނުންވާ ގޮތަކަށް އެއޭރިޔާތައް ޢިމާރާތުގެ ފުޓްޕްރިންޓްގެ %5 (ފަހެއް އިންސައްތަ) އަށްވުރެ ކުޑަ ނުވާނެ ގޮތެއްގެ މަތިން ބައިތަކަކަށް ބަހާލެވިދާނެއެވެ.
ދިރިއުޅުމަށް ދޫކޮށްފައި ހުންނަ ބިންބިމުގައި 30.48 މީޓަރަށްވުރެ އުސްކޮށް ކުރާ ޢިމާރާތަކުގައި ޕާރކު ކުރާ ތަންތަން ހެދުން 39. ދިރިއުޅުމަށް ދޫކޮށްފައި ހުންނަ ބިންބިމުގައި 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރަށްވުރެ އުސްކޮށް 45 (ސާޅީސް ފަހެއް) މީޓަރާއި ދެމެދުގެ އުސްމިނެއްގައި ޢިމާރާތް ކުރާނަމަ، ޢިމާރާތުގެ ޖުމްލަ ތަޅުމުގެ އޭރިއާގެ %5 (ފަހެއް އިންސައްތަ) ނުވަތަ ޢިމާރާތުގެ ފުޓްޕްރިންޓް އޭރިއާގެ %30 (ތިރީސް އިންސައްތަ) އަށްވުރެ ކުޑަ ނޫން މިންވަރަކަށް ޕާކިންގ އަށް ކަނޑައެޅިފައި އޮންނަންވާނެއެވެ.
މައިގަނޑު ބޭނުން ދިރިއުޅުން ނޫން ބޭނުމަށް ބޭނުން ކުރާގޮތަށް ކުރެވޭ ޢިމާރާތްތަކުގައި ޕާކިން އޭރިއާ ހެދުން 40. ދިރިއުޅުމަށް ދޫކޮށްފައި ހުންނަ ބިންބިމުގައި ޢިމާރާތަކީ 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރަށްވުރެ އުސްކޮށް 45 (ސާޅީސް ފަހެއް) މީޓަރާއި ދެމެދުގެ އުސްމިނެއްގައި ކުރާ ޢިމާރާތަކަށްވެފައި ޢިމާރާތުގެ މައިގަނޑު ބޭނުމަކީ ދިރިއުޅުން ނޫން އެހެން ބޭނުމަކަށް ބޭނުން ކުރާ ތަނެއްނަމަ، މުޅި ޢިމާރާތުގެ ޖުމްލަ ތަޅުމުގެ އޭރިއާގެ %8 (އަށެއް އިންސައްތަ) ފާކިންގ އަށް ބާއްވަންވާނެއެވެ. އަދި މިގޮތަށް ކަނޑައަޅާ އޭރިއާ ޢިމާރާތުގެ ފްޓްޕްރިންޓްގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ކުޑަވެގެން ނުވާނެއެވެ.
ދިރިއުޅުމަށްނޫން އެހެނިހެން ބޭނުންތަކަށް ދޫކޮށްފައި ހުންނަ ބިންބިމުގައި 30.48 މީޓަރަށްވުރެ އުސް ނުވާ ޢިމާރާތަކުގައި ޕާރކު ކުރާ ތަންތަން ހެދުން 41. (ހ) ދިރިއުޅުމަށްނޫން އެހެނިހެން ބޭނުންތަކަށް ދޫކޮށްފައި ހުންނަ ބިންބިމުގައި 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރަށްވުރެ އުސް ނުވާ ޢިމާރާތްތަކުގައި ޕާރކިންގ އޭރިއާ މުޅި ޢިމާރާތުގެ ޖުމްލަ ތަޅުމުގެ އޭރިއާގެ %8 (އަށެއް އިންސައްތަ) ފާކިންގ އަށް ބާއްވަންވާނެއެވެ. އަދި މިގޮތަށް ކަނޑައަޅާ އޭރިއާ ޢިމާރާތުގެ ފްޓްޕްރިންޓް އޭރިއާގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ކުޑަވެގެން ނުވާނެއެވެ.
(ށ) ދިރިއުޅުމަށްނޫން އެހެނިހެން ބޭނުންތަކަށް ދޫކޮށްފައި ހުންނަ ބިންބިމުގައި 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރަށްވުރެ އުސް ނުވާ ޢިމާރާތްތަކުގައި ބޭސްމަންޓް ޕާރކިންގ އޭރިއާގެ ގޮތުގައި ހަދާއިރު، ގްރައުންޑް ފްލޯ ލެވެލް މަގުގެ ލެލެވެލްއަށްވުރެ އުސްކުރާނަމަ، އެއުސްކުރާމިން މަގުމަތީ ލެވެލްއިން ފެށިގެން 1 (އެކެއް) މީޓަރަށްވުރެ އުސްވާނަމަ، މުޅިޢިމާރާތުގެ އުސްމިން 31.48 (ތިރީސް އެކެއް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރާ ހަމައަށް އުހަށް ޢިމާރާތް ކުރެވިދާނެއެވެ.
ދިރިއުޅުމަށްނޫން އެހެނިހެން ބޭނުންތަކަށް ދޫކޮށްފައި ހުންނަ ބިންބިމުގައި 30.48 މީޓަރަށްވުރެ އުސް ޢިމާރާތަކުގައި ޕާރކު ކުރާ ތަންތަން ހެދުން 42. ދިރިއުޅުމަށްނޫން އެހެނިހެން ބޭނުންތަކަށް ދޫކޮށްފައި ހުންނަ ބިންބިމުގައި 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރަށްވުރެ އުސްކޮށް 45 (ސާޅީސް ފަހެއް) މީޓަރާ ދެމެދުގެ އުސްމިނުގައި ޢިމާރާތްކުރާނަމަ، ޢިމާރާތުގެ ޖުމްލަ ތަޅުމުގެ އޭރިއާގެ %10 (ދިހަ އިންސައްތަ) ފާކިންގ އަށް ބާއްވަންވާނެއެވެ. އަދި މިގޮތަށް ކަނޑައަޅާ އޭރިއާ ޢިމާރާތުގެ ފްޓްޕްރިންޓް އޭރިއާގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ކުޑަވެގެން ނުވާނެއެވެ.
ޕާކިން އޭރިއާއަށް ވަނުމަށް ކަނޑައެޅިފައި ސަރަޙައްދު ޕާކިން އޭރިއާ ތެރޭގައި ހިމެނުން 43. ޕާކިންގ އޭރިޔާގެ މިން ހިސާބު ކުރުމުގައި، ޕާކިންގ އޭރިއާއަށް ވަނުމަށް އޮންނަ މަގު ނުވަތަ ރޭމްޕަށް ކަނޑައެޅިފައިވާ ބައިތަ ހިމަނައިގެން ނުވާނެއެވެ.
ޕާކިންގ އަށް ވަކި ފްލޯއެއް ކަނޑައެޅުމާއި ބައިބައިކުރުން 44. ފާކިންގއަށް ދޫކުރާ އޭރިއާ އެންމެ ތިރީ ބުރީގައި އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް އެއޭރިއާއަކި ދުއްވާއެއްޗެއްސަށް ފަސޭހަކަމާއިއެކު މަގުމަތިން ވަދެ ނިކުމެވޭގޮތަށް ހެދިފައިވާ ތަނަކަށްވާންވާނެއެވެ.
އިމުން އެތެރެއަށް ޖައްސާފައި ކުރާ ޢިމާރާތް ތަކުގެ ދޫކުރާ ސަރަޙައްދު ޕާކިން އޭރިއާތެރޭގައި ހިމެނުން 45. (ހ) މަގަކާއި އިންވެގެންވާ ފަރާތް ފިޔަވައި އެހެނިހެން ފަރާތްތަކުގައި ޢިމާރާތް އެތެރެއަށް ޖައްސާފައިވާ ބައިތައް ޕާކިންގ އަށް ކަނޑައަޅާ އޭރިއާތެރޭގައި ހިމެނިދާނެއެވެ. މިގޮތަށް ދޫކުރެވޭ ހުސްޖާގަ ޕްލޭން ކުރެވި ހެދިފައި އޮންނަންވާނީ ސައިކަލުފަދަ ދެފުރޮޅުލީ ދުއްވާ އެއްޗެއްސަށް ފަސޭހައިން ވަދެ ނުކުމެވޭ ގޮތަށެވެ.
(ށ) މިޤަވާޢިދުގައި ވަކިތަނެއްގައި ކަނޑައެޅިގެން ވަކިގޮތަކަށް އޮތުން ލާޒިމްކޮށްފައި ނުވާނަމަ، ޕާކިންގ އޭރިއާ ކަނޑައެޅުމުގައި ޢިމާރާތް ކުރާފަރާތުން ބޭނުންވާ ގޮތަކަށް އެއޭރިޔާތައް ޢިމާރާތުގެ ފުޓްޕްރިންޓްގެ %1.5 (އެކެއް ޕޮއިންޓް ފަހެއް އިންސައްތަ) އަށްވުރެ ކުޑަ ނުވާނެ ގޮތެއްގެ މަތިން ބައިތަކަކަށް ބަހާލެވިދާނެއެވެ.
ޢިމާރާތް ބޭނުންކުރުމުގެ ހުއްދަދިނުން 46. (ހ) ޢިމާރާތް ބޭނުން ކުރުމަށް ހުއްދަދޭންވާނީ ޢިމާރާތުގައި ޕާކިންގ އޭރިއާގެ ގޮތުގައި ކަނޑައަޅާފައިވާ ބައިތައް ބެލުމަށްފަހު މިޤަވާޢިދާ އެއްގޮތަށް ޕާރކިންގ ހަމަޖައްސާފައިވާނަމައެވެ.
(ށ) ޢިމާރާތް ބޭނުން ކުރުމުގެ ހުއްދަ ނުނަގައި ޢިމާރާތް ބޭނުން ކުރާ ފަރާތްތައް ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެފަރާތެއް -/5000 (ފަސްހާސް ރުފިޔާ) އާއި -/20000 (ވިހަހާސް ރުފިޔާ) އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ޢިމާރާތް ހުއްދަނެތި ބޭނުންކޮށްފި ފަރާތަކަށް ޖޫރިމަނާ ކުރުމަށްފަހު ހުއްދަދޭންވާނީ ޖޫރިމަނާ ފައިސާ ކައުންސިލަށް ދެއްކުމުންނެވެ.
ޕާކިންގް އަށް ކަނޑައަޅާފައިވާ ތަންތަނަށް ބަދަލު ގެނައުން 47. (ހ) ޢިމާރާތް ބޭނުންކުރުމުގެ ތެރޭގައި ޕާރކް ކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ބަދަލު ކުރަން ބޭނުންވެއްޖެނަމަ، އެފަދަ ބަދަލެއް ގެންނަންވާނީ އެޢިމާރާތެއް ނިސްބަތްވާ ކައުންސިލަކަށް ހުށަހަޅައި އެހުށަހެޅި ހުށަހެޅުން ކައުންސިލުން ޤަބޫލުކޮށް ހުއްދަދިނުމުންނެވެ.
(ށ) މިނަންބަރުގެ (ހ) އާއި ޚިލާފުވާ ފަރާތްތަކުގެ ޢިމާރާތް ބޭނުން ކުރުމުގެ ހުއްދަ ބާޠިލްކުރުމާއެކެ ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެފަރާތެއް -/500 (ފަސްސަތޭކަ ރުފިޔާ) އާއި -/10000 (ދިހަހާސް ރުފިޔާ) އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އަލުން ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ޚިލާފުވި ކަންކަން ރަނގަޅުކުރުމާއެކު ޤަވާޢިދާ ޚިލާފުވުމުގެ ސަބަބުން ކުރެވުނު ޖޫރިމަނާ ކައުންސިލަށް ދެއްކުމުންނެވެ.
(ނ) މިނަންބަރު (ށ)ގައިވާ ފަދައިން ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ބާޠިލްކުރުމަށްފަހު، އަލުން ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ޚީލާފުވި ކަންކަން ރަނގަޅުކުރުމާއެކު ޤަވާޢިދާ ޚިލާފުވުމުގެ ސަބަބުން ކުރެވުނު ޖޫރިމަނާ ކައުންސިލަށް ދެއްކުމުންނެވެ.
މަގުމަތީ އިންފިޔަވައި އެހެން އިންތަކާއި ގުޅިގެން ޢިމާރާތް ކުރުން 48. މަގުމަތީ އިން ފިޔަވައި އެހެން އިމަކާ ގުޅިގެން ހަދާ ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއްނަމަވެސް ހަދަންވާނީ 750 (ހަތްސަތޭކަ ފަންސާސް) މިލިމީޓަރުގެ ހުސްޖާގައެއް ބާއްވައިގެންނެވެ.
ދިރިއުޅުމަށް ބޭނުން ކުރާ ބައިތަކުގައި ތަޅުމާއި ފަންގިފިލަޔާ ދެމެދުގައި ބަހައްޓަންޖެހޭ ދުރުމިން 49. (ހ) މައިގަނޑުގޮތެއްގައި ދިރިއުޅުމަށް ބޭނުންކުރާ ބައިތަކުގެ ތަޅުމާއި ފަންގިފިލާއާއި ދޭތެރޭގައި މަދުވެގެން 2.70 (ދޭއް ޕޮއިންޓް ހަތެއް ސުމެއް) މީޓަރު ހުންނަންވާނެއެވެ.
(ށ) މިނަންބަރުގެ (ހ) ގައި އެހެންއޮތްނަމަވެސް ގަރާޖާއި ސްޓަޑީ ރޫމާއި އެޓިކްއާއި، މެޒަނިންގ ފްލޯފަދަ ތަންތަން މީގެ ތެރެއިން އިސްތިސްނާ ކުރެވިދާނެއެވެ.
ހުއްދަ ހޯދުމަށް ހުށަހަޅާ ކުރެހުން 50. މިޤަވާޢިދުގައި ބުނެފައިވާ ޢިމާރާތުގެ ކުރެހުން ފާސްކުރުމަށްޓަކައި ހުށަހަޅާ ކުރެހުން ކައުންސިލުން ކަނޑައަޅައި ޢާއްމުކުރާ އުޞޫލުގައި ބުނެފައިވާ ގޮތަށް ކުރިއަށް ގެންދިއުމުގައި މިޤަވާޢިދުގެ މަޤްޞަދާ ޚިލާފުވާ ކަމެއް ނުވަތަ ކަންތައްތަކެއް ފެނިއްޖެނަމަ، އެކުރެހުމަށް ހުއްދަ ނުދިނުން ނުވަތަ އެކަމެއް އިޞްލާޙްކުރަން އެންގުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
ޢިމާރާތެއް ޑިޒައިންކޮށް ހެދުން 51. ޢިމާރާތެއް ޑިޒައިންކޮށް ހަދަންވާނީ މިޤަވާޢިދުގައިވާ ކަންތައްތަކުގެ އިތުރުން ޢިމާރާތްކުރުމާ ގުޅޭގޮތުން އެހެނިހެން ދާއިރާތަކުން ހަދާފައިހުންނަ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
އިމަރޖެންސީ އެގްޒިޓް 52. މިޤަވާޢިދުގެ ދަށުން 5 (ފަހެއް) ބުރިއަށްވުރެ އުސްކޮށް ކުރެވޭ ޢިމާރާތްތައް ކުރަންވާނީ އަލިފާނުގެ ޙާދިސާއެއް ނުވަތަ އެނޫންވެސް ނުރައްކާތެރި ޙާދިޘާއެއް ހިނގާފާނެކަމަށް ބަލައި އިމަރޖެންސީ އެގްޒިޓެއް ހުންނަ ގޮތަށެވެ.
އަލިފާން ނިއްވާ ނިޒާމް ޤާއިމް ކުރުން 53. (ހ) މިޤަވާޢިދުގެ ދަށުން ކުރެވޭ ޢިމާރާތްތަކުގައި ކައުންސިލުން ކަނޑައަޅާ އުޞޫލާ އެއްގޮތަށް އަލިފާން ނިއްވާ ނިޒާމެއް ޢިމާރާތުގައި ޤާއިމް ކުރަންވާނެއެވެ.
(ށ) މިޤަވާޢިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުން މިނަންބަރުގެ (ހ) ބުނެފައިވާ އުޞޫލު އެކަށައަޅައި ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
ސަރުކާރުގެ އޮފީސް ޢިމާރާތްތައް 54. ސަރުކާރުގެ އޮފީސް ޢިމާރާތްތައް ޑިޒައިންކޮށް ހަދަންވާނީ ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް އެޢިމާރާތަކަށް ފަސޭހަކަމާއެކު އަރާފައިބާ އަދި ވަދެ ނުކުމެވޭ ގޮތަށެވެ.
ސަލާމަތީ ކަންތައްތައް 55. ޢިމާރާތެއްގެ މަސައްކަތް ކުރަންވާނީ ޢިމާރާތް ކުރާތަނުގެ ވަށައިގެން ހުންނަ ގޭގެއަށާއި ތަންތަނަށާއި ފުރާޅަށާއި، މަގަށް ނުވަތަ ގޯޅިއަށް ސިމެންތިއާއި އެހެނިހެން ތަކެތި ނުފައިބާނޭ ގޮތެއްގެ މަތިން ރައްކައުތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ. އަދި ޢިމާރާތްކުރުމުގެ މަސައްކަތް ކުރާއިރު އެޢިމާރާތުގައި މަސައްކަތްކުރާމީހުންގެ ސަލާމަތަށްޓަކައި ތިރީގައިވާ އެންމެހާ ސަލާމަތީ ކަންތައްތައް ފުރިހަމަ ކޮށްގެންނެވެ.
(ހ) މަސައްކަތް ކުރާ ސަރަޙައްދުގެ ވަށައިގެން ހިނގާ ބިނގާވާ މީހުންގެ ސަލާމަތަށްޓަކައި މަސައްކަތްކުރާތަނުގެ މަގު ނުވަތަ ގޯޅިއަށްވާ ފަރާތްތަކުގައި 1.8 (އެކެއް ޕޮއިންޓް އަށެއް) މީޓަރަށްވުރެ ތިރިނޫން ބިއްގަނޑެއް ފިލާ ނުވަތަ ޓިނު ބޭނުން ކޮށްގެން ޖެހުން.
(ށ) ބިމުން ފެށިގެން 3 (ތިނެއް) މީޓަރަށްވުރެ އުސްތަނެއްގައި ޢިމާރާތެއްގެ މަސައްކަތް ކުރާނަމަ، އެޢިމާރާތާއި އިންވެގެން އޮންނަމަގު ނުވަތަ ގޯޅިއާވީފަރާތައް ފިޔަވައި އެހެން ފަރާތްތަކުގައި ޖެހެން އޮތް އެންމެ ތިރި މިނެއްގައި، ހަދާ ޢިމާރާތާވީ ފަރާތަށް ކަތިކޮށް ބިއްގަނޑެއް ޖަހައި އެބިއްގަނޑުން ފެށިގެން މައްޗަށް ޢިމާރާތުގެ މަސައްކަތްކުރާ އުސްމިނާހަމައަށް ދާ (ސޭފްޓީ ނެޓް) ޖަހަންވާނެއެވެ. އަދި ޢިމާރާތާއި އިންވެގެން އޮންނަ މަގު ނުވަތަ ގޯޅިއާވީފަރާތްތަކުގައި، ބިމުންފެށިގެން މައްޗަށް 3 (ތިނެއް) މީޓަރާއި ހަމައިގައި ހަދާ ޢިމާރާތާވީ ފަރާތަށް ކަތިކޮށް ބިއްގަނޑެއް ޖަހާ އެބިއްގަޑުން ފެށިގެން މައްޗަށް ޢިމާރާތުގެ މަސައްކަތްކުރާ އުސްމިނާހަމައަށް ދާ (ސޭފްޓީ ނެޓް) ޖަހަންވާނެއެވެ. މިގޮތުން ޖަހާ ބިއްގަޑަކީ އިމާރާތުގައި މަސައްކަތް ކުރަމުންދާއިރު ޢިމާރާތުގެ ވަށައިގެންވާ ތަންތަނަށް ސިމެންތިއާއި އެހެނިހެން ތަކެތި ނުފައިބާނޭ ގޮތަށް ހެދިފައިވާ ވަރުގަދަ ބިއްގަނޑަކަށް ވާން ވާނެއެވެ.
(ނ) ޢިމާރާތްކުރާއިރު ސަލާމަތްތެރިކަމަށް ބޭނުންކުރާ ދާ (ސޭފްޓީނެޓް) ވާންވާނީ ކަމުގެ މަޤްޞަދު ޙާޞިލްވާފަދަ އެކަށީގެންވާ ވަރުގަދަ އެއްޗަކަށެވެ. އަދި ދާ (ސޭފްޓީ ނެޓް) ޖަހަންވާނެ އުސްމިންކަމަށް މިނަންބަރުގައި ބުނެފައި އެވަނީ ޢިމާރާތުގައި ކުރާ މަސައްކަތެއްގެ ސަބަބަން ޢިމާރާތުގެ ވަށައިގެންވާ ތަންތަނަށް މަގު ނުވަތަ ގޯޅިއަށް ސިމެންތިއާއި އެހެނިހެން ތަކެތި ފައިބާނެ ފުރުޞަތު ނޯންނާނެ އުސްމިނަކަށް ބަލައިގެންނެވެ. މިދާ ޖަހާފައި ހުންނަންވާނީ ޢިމާރާތަށް ރަނގަޅަށް ހަރުކުރެވި ފުރޭމެއްހަދައި އެފުރޭމުގައި ދާ ހަރުކޮށް ވަޔާއި ނެއްޓިގެން ނުދާފަދަ ގޮތަކަށް ވާންކޮށެވެ.
(ރ) ބިމުން ފެށިގެން 3 (ތިނެއް) މީޓަރަށްވުރެ އުސްނޫން ތަނެއްގައި ޢިމާރާތުގެ މަސައްކަތް ކުރަންވާނީ ވަށައިގެން ހުރި ގޭގެއާއި ތަންތަނަށް އަދި މަގު ނުވަތަ ގޯޅިއަށް ސިމެންތިއާއި އެހެނިހެންތަކެތި ނުފައިބާނޭ ގޮތެއްގެ މަތިން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.
(ބ) ޢިމާރާތުގެ މަގު ނަވަތަ ގޯޅިއާވީފަރާތުގައި 3 (ތިނެއް) މީޓަރަށްވުރެ އުހުގައި ޖަހަންޖެހޭ ބިއްގަނޑަށްވުރެ އިތުރުން ޢިމާރާތުގެ އުސްމިން ބިމުންފެށިގެން 15 (ފަނަރަ) މީޓަރަށްވުރެ އުސްތަނެއްގައި ޢިމާރާތެއްގެ މަސައްކަތްކުރާނަމަ، މަސައްކަތްކުރާ އުސްމިނަށްވުރެ ތިރިވިގެން 9 (ނުވައެއް) މީޓަރު ތިރީގައި ޢިމާރާތުގެ މަގު ނުވަތަ ގޯޅިއާވީ ފަރާތުގައި ހަދަމުންދާ ޢިމާރާތާއި ދިމާއަށް ކަތިކޮށް ބިއްގަނޑެއް ޖަހަންވާނެއެވެ.
(ޅ) ޢިމާރާތުގެ އިންވެގެން އޮންނަ މަގު ނުވަތަ ގޯޅިއާވީފަރާތް ފިޔަވައި އެހެން ފަރާތްތަކުގައި ޖެހެން އޮތް އެންމެ ތިރިމިނެއްގައި ޖަހަންޖެހޭ ކަތިބިއްގަނޑަށްވުރެ 12 (ބާރަ) މީޓަރަށްވުރެ އުސްތަނެއްގައި ޢިމާރާތެއްގެ މަސައްކަތްކުރާނަމަ، މަސައްކަތްކުރާ އުސްމިނަށްވުރެ ތިރިވިގެން 9 (ނުވައެއް) މީޓަރު ތިރީގައި އިތުރު ބިއްގަނޑެއް ޖަހަންވާނެއެވެ.
(ކ) ޢިމާރާތެއްގެ ޝީޓް އެޅުމާއި، ތަނބުއެޅުމާއި، ސިމެންތި ޖެހުމާއި، ކުލަޔާއި ދަވާދުލުންފަދަ މަސައްކަތް ކުރަންވާނީ އެމަސައްކަތުގެ ސަބަބުން ޢިމާރާތުގެ ވަށައިގެންވާ ތަންތަނަށް މަސައްކަތުގައި ބޭނުންކުރާ އެއްވެސް އެއްޗެއް ނޭޅޭނޭ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ. އަދި ޢިމާރާތުގައި ވެލްޑިންގ މަސައްކަތް ކުރަންވާނީ ވަށައިގެން ހުރި ގޭގެއާއި ތަންތަނުގެ ފުރާޅަށާއި ގޯޅިތެރެއަށް ކުރާ މަސައްކަތުގެ ސަބަބުން އެއްވެސް އެއްޗެއް ނުފައިބާނޭ ގޮތަށް އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ. މިގޮތުން އަޅާ ފިޔަވަޅަކީ ޢިމާރާތުގައި ޖަހާ ކަތިބިއްގަނޑާއި ދައު (ސޭފްޓީ ނެޓް) ގެ އިތުރުން އަޅަންޖެހޭ ފިޔަވަޅުތަކެކެވެ.
(އ) ޢިމާރާތެއްގައި މަސައްކަތް ކުރަމުންދާއިރު ކުރާ މަސައްކަތެއްގެ ސަބަބުން އުފެދޭ ކުނޑީގެ އުނދަގޫ މީހުންނަށް ނުވާނޭ ގޮތަށް ފިޔަވަޅު އަޅާފައި ހުންނަންވާނެއެވެ. އަދި ޢިމާރާތުގެ ތެރޭގައި ކުޑިއުފެދޭ މަސައްކަތެއް ކުރެވޭހިނދު އެކުނޑިތައް ސީދާ މަގަށާއި އިންވެގެންވާ ގޭގެއާއި ތަންތަނަށް ނުދާނޭ ގޮތަށް ސަލާމަތީ ފިޔަވަޅު އެޅިފައި ހުންނަންވާނެއެވެ.
(ވ) ޢިމާރާތްކުރާ ސަރަހައްދުގައި ނުވަތަ ޢިމާރާތުގައި ހުންނަ ޓިނު ނުވަތަ ފުލައިވުޑް ފަދަތަކެތި ހުންނަންވާނީ ވައިގަދަވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހެދި ވެއްޓިގެން ނުދާނޭފަދަ ގޮތަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައެވެ.
(މ) ޢިމާރާތުގެ މަސައްކަތް ކުރަމުންދާއިރު އެތަނުގައި މަސައްކަތުގައި އުޅޭ މީހުން ތިބެންވާނީ ކުރާމަސައްކަތާއި އެކަށީގެންވާފަދަގޮތަކަށް ހެދުން އަޅައި އެމަސައްކަތާއި އެކަށީގެންވާފަދަ ސަލާމަތީ ފިޔަވަޅުތައް އަޅައިގެންނެވެ. މިގޮތުން ސޭފްޓީ ބެލްޓް، ހެލްމެޓް، ސޭފްޓީ ގްލަވް، ސޭފްޓީ ބޫޓް، ވެލްޑިންގ މާސްކްފަދަ ތަކެތި، ކުރާ މަސައްކަތާ ގުޅޭ ގޮތުން ބޭނުން ކުރާންވާނެއެވެ.
(ފ) ހަދަމުންދާ ޢިމާރާތެއްގެ މަސައްކަތް ނިމި ބޭނުންކުރަމުންދާ ބައިތަކާއި ބުރިތައް ބުނެވިދިޔަ ސަލާމަތީ ކަންތައްތަކުން އިސްތިސްނާވީނަމަވެސް ޢިމާރާތުގައި ދެން ހުރި ބައިތަކުގައި މަސައްކަތް ކުރަންވާނީ މަސައްކަތާގުޅޭ ސަލާމަތީ އެންމެހާ ފިޔަވަޅުތައް އަޅައިގެންނެވެ.
ޖޫރިމަނާކުރުން 56. މިޤަވާޢިދުގެ ވަކިކަމަކަށް ކަނޑައެޅިގެން ވަކި ޖޫރިމަނާއެއް ކަނޑައެޅިފައި ނުވާ ކަންކަމުގައި މިޤަވާޢިދުގައި މަނާކޮށްފައިވާކަމެއް ކުރުން ނުވަތަ ކުރުމަށް ކަނޑައަޅާފައިވާކަމެއް ނުކޮށްފިނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެފަރާތެއް -/500 (ފަސްސަތޭކަ ރުފިޔާ) އާއި -/10000 (ދިހަހާސް ރުފިޔާ) އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މިޤަވާޢިދުގައި ކަނޑައެޅިފައިވާ ޖޫރިމަނާތައް ދައްކަންވާނީ އެޖޫރިމަނާ ކުރި ކައުންސިލަކަށެވެ.
އުޞޫލު ކަނޑައެޅުން 57. މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
މާނަކުރުން 58. (ހ) ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާ ސިޓީ ކައުންސިލާއި ރަށުކައުންސިލާއި އަތޮޅު ކައުންސިލެވެ.
(ށ) ދިރިއުޅުން ނޫން އެހެން ބޭނުންތަކަށް ބޭނުން ކުރާ ޢިމާރާތް: މިޤަވާޢިދުގައި ކަނޑައެޅިގެން ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާން ކުރެވިފައި ނުވާނަމަ، މައިގަނޑު ގޮތެއްގައި ދިރިއުޅުންނޫން އެހެނިހެން ބޭނުންތަކަށް ބޭނުން ކުރާ ޢިމާރާތެއްކަމުގައި ބެލެވޭނީ އެޢިމާރާތުގެ ފްލޯއޭރިއާގެ %20 (ވިހި އިންސައްތަ) އަށްވުރެ ބޮޑު މިންވަރެއް ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބޭނުން ކުރާނަމައެވެ.
(ނ) މަގު: މިޤަވާޢިދުގައި ކަނޑައެޅިގެން ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާން ކުރެވިފައި ނުވާނަމަ، މަގުމާނަކުރަންވާނީ މަގާއި ގޯޅިވެސް ހިމެނޭ ގޮތުންނެވެ.
(ރ) ހުޅުވުން: މިޤަވާޢިދުގައި ކަނޑައެޅިގެން ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާން ކުރެވިފައި ނުވާނަމަ، ހުޅުވުންކަމަށް ބުނެފައިވަނީ ކުޑަދޮރު އާނގަފަދަހުޅުވުންތަކަށެވެ. ހަމައެކަނި އަލިވެއްދުމަށް ހުންނަ ގްލާސް ބްލޮކް ނުވަތަ ނުހުޅުވޭގޮތަށް ބިއްލޫރިޖަހާފައިހުންނަ ތަންތަނާއި ސްލައިޑިން ދޮރާއި ސްލައިޑިންގ ކުޑަދޮރުގެ ނުހުޅުވޭ ބައި މީގެ ތެރޭގައި ނުހިމެނޭނެއެވެ.
(ބ) ފައުންޑޭޝަން ޕްރޮޓެކްޝަން މެތޮޑް: މިޤަވާޢިދުގައި ކަނޑައެޅިގެން ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާން ކުރެވިފައި ނުވާނަމަ، ފައުންޑޭޝަން ޕްރޮޓެކްޝަން މެތޮޑކީ ހަދާ ޢިމާރާތުގެ ބިންގަނޑު ކޮނުމުގެ ސަބަބުން އިންވެގެން ހުންނަ ޢިމާރާތްތަކަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ބަޔާން ކުރާ ރިޕޯރޓެވެ.
(ޅ) އެއްކޮޅަށްވަދެވޭ ގޮތަށް ހުންނަ ގޯޅި: މިޤަވާޢިދުގައި ކަނޑައެޅިގެން ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާން ކުރެވިފައި ނުވާނަމަ، އެއްކޮޅަށްވަދެވޭ ގޮތަށް ހުންނަ ގޯޅިއަކީ ގޯޅީގެ ކޮޅު ބެދިފައި ހުންނަ ގޯޅި ނުވަތަ މަގެވެ.
(ކ) މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް