`
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
   ދާންދޫ، ދިވެހިރާއްޖެ
ރަސްމީގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް
| |
Mon, 17 Dec 2018 10:57:43 +0500

ޞަފްޙާތައް
މައުލޫމާތު > ކައުންސިލުން ފާސްކުރާ އާންމު އުސޫލުތަކާއި ޤަވާއިދުތައް > ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާޢިދު
ތަޢާރުފާއި ނަން 1. (ހ) މިއީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ދ) އިން ބާރުލިބިގެން ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ އުޞޫލުތައް ބަޔާންކުރުމަށް ހެދިފައިވާ ޤަވާޢިދެވެ.
(ށ) މި ޤަވާޢިދަށް ކިޔަނީ "ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާޢިދު" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚު 2. މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، މިޤަވާޢިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން 3. މިޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ޤަވާޢިދެއް ނުހިނގާނެއެވެ. ނަމަވެސް މިޤަވާޢިދަށް ޢަމަލު ކުރަން ފެށުމަށްފަހު މިޤަވާޢިދުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިޤަވާޢިދުގެ ދަށުން ހިނގާނެއެވެ.
ދޫކޮށްލާފައިވާ ތަކެތިކަމުގައި ކަނޑައެޅުން 4. (ހ) މި ޤަވާއިދަށް ޢަމަލުކުރަން ފެށުމާއެކު މި ޤަވާޢިދަށް ޢަމަލުކުރުމުގެކުރީން ރަށްރަށުގެ މަގުތަކަށާއި ޢާންމުތަންތަނަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ރަށްރަށުގެ ކައުންސިލްތަކުން ކަނޑައަޅައި ޢާންމުކޮށް އަންގައި އިޢުލާންކުރަންވާނެއެވެ.
(ށ) މި ގޮތުން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅާ ތަކެތި ބަޔާންކޮށް އިޢުލާންކުރާ ހިނދުންފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި އެތަކެތި އޭގެ ވެރިފަރާތުން ނުނަގައިފިނަމަ މި ޤަވާޢިދުގެ ބޭނުމަށްޓަކައި އެއީ ދޫކޮށްލާފައިވާ ތަކެތިކަމުގައި ބަލައި އެ މުއްދަތުގެ ފަހުން އިތުރު އެންގުމަކާއި ނުލައި އެތަކެތި ނެގުމުގެބާރު ކައުންސިލަށް ލިބިގެންވެއެވެ.
(ނ) މިނަންބަރުގެ (ށ)ގެ ބޭނުމަށް މަގުތަކަށާއި ޢާންމުތަންތަނަށް އަދި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ކަނޑައެޅުމުގައި ކައުންސިލުން އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ.
  1. އެ އެއްޗެއްގެ ބާވަތުން އެ އެއްޗެއް ހުރި ނުވަތަ އޮތްގޮތް.
  2. އެއެއްޗެއް ހުރީ ޢާންމުކޮށް މީހުން ބޭނުންކުރާ ޢާންމުތަނެއްގައި ބޭނުމެއް ނެތް ގޮތެއްގައިކަން.
  3. އެއެއްޗެއްގެ ސަބަބުން އެސަރަޙައްދު ބޭނުންކުރާ މީހުންނަށް އުނދަގޫވުން.
  4. އެއެއްޗެއް އެތަނުގައި ހުރުމުގެ ސަބަބުން ނުވަތަ އޮތުމުގެ ސަބަބުން މުޖުތަމަޢުގެ މަސްލަޙަތު ގެއްލިގެން ހިނގައިދާނެ ކަމަށް ކައުންސިލަށް ޤަބޫލުކުރެވުން.
  5. އެއެއްޗަކީ ފަޅުތެރޭގައި ނުވަތަ ގޮނޑުދޮށުގައި އޮތް ނުވަތަ ހުރި އެއްޗެއްނަމަ އެކަމުގެ ސަބަބުން ޢާންމުންނަށާއި ތިމާވެއްޓަށް ގެއްލުން ލިބެމުންދިޔުން.
ދޫކޮށްލާފައިވާ އެއްޗަކަށް ހުއްދަހޯދުން 5. ކައުންސިލުން އެއީ ދޫކޮށްލާފައިވާ އެއްޗެއްކަމަށް ކަނޑައެޅުމަށްފަހުވެސް އެތަނަކީ އެފަދަ އެއްޗެއް ބޭއްވުމަށް އެކަށީގެންވާ ތަނެއްކަމަށްވާނަމަ ކައުންސިލްގެ ހުއްދައާއެކު ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް އެއެއްޗެއް އެ އޮތް ތަނެއްގައި ކައުންސިލުން ކަނޑައަޅާ ފީ އެއް ދެއްކުމަށްފަހު ބޭއްވިދާނެއެވެ.
ދޫކޮށްލާފައިވާ ތަކެތި ނެގުމަށް އެންގުން 6. (ހ) އެއްވެސް އެއްޗެއް އެއީ ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައަޅަންވާނީ އެއެއްޗެއްގެ ވެރިފަރާތް އެނގޭނަމަ ވެރިފަރާތަށް އެއެއްޗެއް ނެގުމަށް އެންގުމަށްފަހު އެވެ. ވެރިފަރާތް ނޭނގޭނަމަ ވެރިފަރާތް ހޯދުމަށް އިއުލާންކުރުމަށްފަހު 30 (ތިރީސް) ދުވަހުގެތެރޭގައި ވެރިފަރާތުން އެއެއްޗަކާއި ޙަވާލު ނުވެއްޖެނަމަ އެއީ ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައަޅަން ވާނެއެވެ.
(ށ) ވެރިފަރާތް އެނގޭ ތަކެތި ނެގުމަށް އެތަކެތީގެ ވެރިފަރާތަށް އެންގުމަށްފަހު 15 (ފަނަރަ) ދުވަހުގެތެރޭގައި ނުނަގައިފިނަމަ އެތަކެއްޗަކީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅަންވާނެއެވެ.
ދޫކޮށްލާފައިވާ ތަކެތި ނެގުން 7. (ހ) މި ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައެޅުމަށްފަހު އެއެއްޗެއް ނެގުމުގެ ބާރު މި ޤަވާޢިދު ހިންގާ ފަރާތަށް ލިބިގެންވެއެވެ.
(ށ) މި ގޮތުން ދޫކޮށްލާފައިވާ ތަކެތި ނަގައިގެން ގެންދިއުމުގައި އެ އެއްޗަކަށް ލިބޭގެއްލުމަކަށް އެ ގެންދާ ފަރާތުން ޒިންމާވާކަށް ނުޖެހޭނެއެވެ.
(ނ) ދޫކޮށްލާފައިވާ ތަކެތި ނެގުމުގެ ކުރިން އެތަކެތިހުރި ހާލަތު ބަޔާންކުރާ ރިޕޯރޓެއް އެކަންކުރާ ފަރާތަކުން ތައްޔާރުކުރަންވާނެއެވެ. އެރިޕޯޓްގައި އެތަކެތި އޭރުހުރިގޮތް އެނގޭނޭ ފޮޓޯ ހިމަނަންވާނެއެވެ.
ދޫކޮށްލާފައިވާ އެއްޗެއް އަނބުރާ ގެންދިއުން 8. މި ގޮތުގެމަތިން ނަގާ ތަކެތި، އަނބުރާ އޭގެ ވެރިފަރާތަށް ލިބޭނީ އޭގެ ވެރިފަރާތުން ތިރީގައިމިވާ ކަންކަމަށް ކުރި ޚަރަދު ކައުންސިލަށް ދިނުމުންނެވެ.
(ހ) ވެރިފަރާތް ނޭނގޭ އެއްޗެއްނަމަ ވެރިފަރާތް ހޯދުމަށް އިޢުލާން ކުރުމަށް ދިޔަ ޚަރަދު.
(ށ) ދޫކޮށްލާފައިވާ އެއްޗެއްކަން ކަނޑައެޅުމަށްޓަކައި އެއެއްޗެއް ނެގުމަށް އެންގުމަށް އިޢުލާނެއް ކުރަން ޖެހުނުނަމަ އެކަމަށް ދިޔަ ޚަރަދު.
(ނ) ދޫކޮށްލާފައިވާ އެއްޗެއް އެނޫން އެހެން ތަނަކަށް ގެންދިއުމަށް ކައުންސިލުން އެއްވެސް ޚަރަދެއް ކޮށްފައިވާނަމަ އެކަމަށް ދިޔަ އެންމެހާ ޚަރަދު.
ދޫކޮށްލާފައިވާ ތަކެތި ނައްތާލުން 9. މި ޤަވާޢިދުގެ ދަށުން ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައަޅާ ތަކެތި އެގޮތަށް ކަނޑައަޅާ ހިނދުން ފެށިގެން 3 (ތިނެއް) މަސްދުވަސް ފަހުން އެއެއްޗެއް ނައްތާލުމުގެ އިޚްތިޔާރު މިޤަވާޢިދު ތަންފީޒު ކުރާ ފަރާތަށް ލިބިގެންވެއެވެ.
ދޫކޮށްލާފައި ހުންނަތަކެތި ވިއްކާލުން 10. (ހ) މި ޤަވާޢިދުގެ ދަށުން ދޫކޮށްލާފައިވާ އެއްޗެއް ނެގުމަށް ދީފައިވާ މުއްދަތު ހަމަވުމަށްފަހު އެއެއްޗެއްގެ ވެރިފަރާތުން އެއެއްޗެއް ބޭނުންނޫންކަމަށް އަންގާ ތަކެއްޗާއި، ވެރިފަރާތުން ނުނެގުމުގެ ސަބަބުން ކައުންސިލްގެ ފަރާތުން ނަގައިގެން ގެންދާތަކެތި، ކައުންސިލުން ނެގުމަށްފަހު 3 (ތިނެއް) މަސްދުވަސްވުމުން އެތަކެތި ނީލަމުގައި ވިއްކާލުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
(ށ) އިސްވެދިޔަ ނަންބަރުގައި އެހެން އޮތްނަމަވެސް ދޫކޮށްލާފައިވާ އެއްޗެއްގެ ބާވަތުން އޭގެ ސަބަބުން ޢާންމު މަސްލަޙަތު ގެއްލިގެން ދިއުމާއި، ތިމާވެށްޓަށް ނުރައްކަލެއް ފޯރާފާނޭ ތަކެތި، އެއީ ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައަޅާ ހިނދުން ފެށިގެން ވީ އެންމެއަވަހަކަށް ނައްތައިލުމުގެ ބާރު މި ޤަވާޢިދު ތަންފީޒު ކުރާ ފަރާތަށް ލިބިގެންވެއެވެ.
ފަޅުތެރެއަށް ދޫކޮށްލާފައި ހުންނަތަކެތި 11. ފަޅުތެރެއަށް ދޫކޮށްލާފައި ހުންނަ ތަކެތިކަމުގައި ބެލެވޭނީ އެއެއްޗެއް ހުންނަންޖެހޭ ގޮތް ނުވަތަ ބާއްވަންޖެހޭ ގޮތް ނޫން އެހެން ގޮތަކަށް ފަޅުތެރޭގައި ދޫވެފައިހުރި ތަކެއްޗަށެވެ.
ފަޅުތެރެއަށް ދޫކޮށްލާފައި ހުންނަ އުޅަނދު 12. (ހ) އެއްވެސް އުޅަނދެއް ފަޅުތެރެއަށް ފެތިއްޖެނަމަ އެ އުޅަނދެއްގެ ވެރިފަރާތުން ވީއެންމެ އަވަހަކަށް އެ އުޅަނދެއް ނަގަންވާނެއެވެ. ފަޅުތެރެއަށް ފެތިފައި އޮންނަ އުޅަނދުފަހަރުގެ ވެރިން އެއުޅަނދުތައް މި ޤަވާޢިދުގައި ބުނާ ގޮތުގެ މަތިން ނުނަގައިފިނަމަ މި ޤަވާޢިދުގެ ބޭނުމަށްޓަކައި އެއީ ފަޅުތެރެއަށް ދޫކޮށްލާފައި ހުންނަ ތަކެތި ކަމުގައި ބެލެވޭނެއެވެ.
(ށ) އެއްވެސް އުޅަނދެއް ފަޅުތެރެއަށް ފެތިފައިއޮވެ 10 (ދިހައެއް) ދުވަހަށްވުރެ އިތުރުވެ އަދި އެ އުޅަނދު އޮތް ތަނުގެ ގޮތުން ފަޅުގެ ބޭނުންކުރާ އެހެން ފަރާތްތަކަށް އުނދަގޫ ވާނަމަ އެ އުޅަނދެއްގެ ވެރިފަރާތަށް އެއުޅަނދެއް ނެގުމަށް ރަށުކައުންސިލުން އަންގަންވާނެއެވެ. ވެރިފަރާތް ޔަޤީން ނުވާނަމަ ވެރިފަރާތް ހޯދުމަށްޓަކައި އިޢުލާންކުރަންވާނެއެވެ.
(ނ) މިގޮތުން އިޢުލާންކުރާ ހިނދުން ފެށިގެން ނުވަތަ ވެރިފަރާތަށް ނެގުމަށް އަންގާ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެއުނޅަދެއްގެ ވެރިފަރާތުން އެ އުޅަނދެއް ނުނަގައިފިނަމަ އެ އުޅަނދެއް ނަގައިގެން އެފަދަ އުޅަނދުތައް ބެހެއްޓުމަށް ރަށު ކައުންސިލުން ކަނޑައަޅާ ތަނަކަށް އެ އުޅަނދެއް ގެންދއުމުގެ ބާރު ރަށުކައުންސިލަށް ލިބިގެންވެއެވެ. މި ގޮތަށް ގެންދާ ގެންދިއުމެއްގައި އެ އުޅަނދަކަށް ލިބޭ ގެއްލުމަކަށާއި، އެ އުޅަނދެއް އެތަނުގައި ބޭއްވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާވާކަށް ނުޖެހޭނެއެވެ.
(ރ) މި ގޮތުން ގެންދާ އުޅަނދެއް ގެންދާތާ 30 (ތިރީސް) ދުވަސްތެރޭގައި އެ އުޅަނދެއްގެ ވެރިން އެ އުޅަނދެއްގެ ލިޔެކިޔުންތައް ހުށަހަޅައި އެ އުޅަނދަކާއި ޙަވާލުވާންވާނެއެވެ.
(ބ) މި ގޮތުން ގެންދާ އުޅަނދު ފަހަރުގެ މައްޗަށް މި ގަވާއިދުގެ 10 ވަނަ ނަންބަރުގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތިން ޢަމަލުކޮށްގެން ނުވާނެއެވެ. އަދި އެފަދަ އުޅަނދެއް ނައްތާލަންވާނީ ނުވަތަ ވިއްކާލަންވާނީ އެއުޅަނދެއް ނަގައިގެން ގެންދިޔަ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރު ވުމަށްފަހު، އޭގެ ވެރިފަރާތައް އެތަކެތި ނައްތާލާނެ ކަމަށް ނުވަތަ ނީލަމުގައި ވިއްކާލާނެ ކަމަށް އަންގައި އެކަމަށް ޝަރުޢީ ކޯޓަކުން އަމުރު ހޯދުމަށް ފަހުއެވެ.
(ޅ) އެއުޅަނދެއް ފަޅުތެރެއަށް ފެތިފައި ނުވަތަ ދޫކޮށްލާފައި އޮތުމުގެ ސަބަބުން ފަޅުބޭނުންކުރާ އެހެން ފަރާތްތަކަށް އެއްވެސް އުނދަގުލެއް ނުފޯރާނަމަ އެފަދަ އުޅަނދު ތަކާމެދު މިޤަވާޢިދުގެ 7 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ޢަމަލު ކުރަންވާނެއެވެ.
ފަޅުތެރެއަށް ދޫކޮށްފައިހުންނަ ތަކެތި ވަގުތުން ނެގުން 13. ފަޅުތެރެއަށް ދޫކުރެވިފައިވާ އެއްޗަކީ އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ އެއްޗެއްކަމުގައިވާނަމަ، ނުވަތަ އޭގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރައިފާނެ އެއްޗެއް ކަމަށްވާނަމަ އެފަދަ އެއްޗެއް ވަގުތުން ނެގުން ނުވަތަ އޭގެ ސަބަބުން ކުރިމަތިވާނެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެފަދަ އެއްޗެއް އެއަށްވުރެ ނުރައްކާތެރިކަން ކުޑަ ސަރަޙައްދަކަށް ގެންދިއުމުގެ ބާރު ރަށުކައުންސިލަށް ލިބިގެންވެއެވެ.
މިޤަވާޢިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް 14. މިޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި، މިޤަވާޢިދަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިޚްތިޞާސްތެރޭގައި ހިމެނޭ ސަރަޙައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުޞޫލުތައް ހަދައި އެއުޞޫލުތައް ޢާއްމުކޮށް ޝާއިޢު ކުރަންވާނެއެވެ.
ޤަވާޢިދާއި ޚިލާފުވުން 15. (ހ) މިޤަވާޢިދުގައި ކުރުމަށް އަންގާފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް އަންގާފައިވާ ކަމެއް ކުރުމުން ކަނޑައެޅިގެން ވަކި އަދަބެއް ކަނޑައަޅާފައި ނުވާ ކަންކަމަށް ކަމުގެ ކުޑަބޮޑުމިނަށް ބަލައި -/500 (ފަސްސަތޭކަ) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކައުންސިލް ތަކަށް ލިބިގެންވެއެވެ.
(ށ) މިޤަވާޢިދުގައި ހިމެނޭ އެންމެހާ ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ އެޖޫރިމަނާކުރި ކައުންސިލަކަށެވެ.
މާނަ ކުރުން 16. (ހ) ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލުގެ މާނައިގެ ތެރޭގައި ހިމެނޭނީ ސިޓީ ކައުންސިލާއި ރަށުކައުންސިލެވެ.
(ށ) ފަޅު: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ،ފަޅުގެ މާނައަކީ ކޮންމެ ރަށެއްގެ ވަށައިގެން ކަނޑާއި ގުޅިފައިވާ ކަނޑުކަމުގައި ނުބެލެވޭ ސަރަޙައްދެވެ. މީގެ ތެރޭގައި ވިލު ގިރި ވެސް ހިމެނޭނެއެވެ. އެއްފަޅެއްގައި ދެރަށެއް ނުވަތަ އެއަށްވުރެ ގިނަރަށް އެކުލެވޭނަމަ ފަޅު ކަމުގައި ބަލަންވާނީ އެފަޅަކުން އެރަށަކަށް ބަހައިގެން ލިބިފައިވާ ސަރަޙައްދެވެ.
(ނ) މިޤަވާޢިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.
*******************************
ފަހުގެ އަޕްޑޭޓްތައް
  • ކައުންސިލް ބިއުރޯ: ކައުންސިލްގެ 3 ވަނަ ދައުރުގެ 60 ވަނަ އާންމު ބައްދަލުވުންތަކުގެ ނިންމުން (2018-11-15)
  • ޕަބްލިކޭޝަންސް: ދާންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ އޮފިސަރުންހޯދުމާއި ބެހޭ (2018-10-18)
  • ޚަބަރު: މައުލޫމާތު ހާމަކުރުމުގެ 1 ވަނަ ދަރަޖަ ދާންދޫ ކައުންސިލުން ހާސިލްކޮށްފި (2018-10-17)

ގެޒެޓްގައި އާންމުކުރެވޭ ލިޔުންތައް


ނަމާދު ވަގުތު